ފޮލްކޯގެ ސީއީއޯ މަގާމުން އަނީސް ވަކިކުރަން ހުށަހަޅައިފި

ފުލުހުންގެ ވެލްފެއާ ކޯޕަރޭޝަން (ޕޮލްކޯ) ގެ ސީއީއޯ އަހުމަދު އަނީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އެ ކޯޕަރޭޝަންގެ ބޯޑަށް ހުށަހަޅައިފިއެވެ.
'ދަ ޕްރެސް' އަށް އެނގިފައިވާ ގޮތުގައި އަނީސް ސީއީއޯގެ މަގާމުން ވަކިކުރަން ހުށަހެޅި އިރު އޭނާ ވަނީ އެ މަގާމުގެ މަސްއޫލިއްޔަތުން އެކަހެރި ކޮށްފައެވެ.
އަނީސް އެ މަގާމުން ވަކި ކުރަން ހުށަހަޅާފައިވާ އިރު، މިވަގުތު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންނަނީ ޕޮލްކޯގެ ކޮރަޕްޝަންގެ މައްސަލަތަކެއް ތަހުގީގު ކުރަމުންނެވެ. އަދި ޕޮލކްޯގެ ކޮރަޕްޝަންގެ މައްސަލަތަކެއް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އަންނަނީ ދިރާސާ ވެސް ކުރަމުންނެވެ. ނަމަވެސް އަނީސް މަގާމުން ވަކި ކުރަން ހުށަހެޅި ހުށަހެޅުމާ އެ ކޮރަޕްޝަންގެ މައްސަލައާ އެއްވެސް ގުޅުމެއް ނެތް ކަމަށް މައުލޫމާތު ލިބެއެވެ.
ޕޮލްކޯގެ ސީއީއޯގެ މަގާމުން އަނީސް ވަކިކުރުމާ މެދު ގޮތެއް ނިންމާނީ އެ ކޯޕަރޭޝަންގެ ބޯޑުންނެވެ. މިކަމާ ގުޅިގެން ފުލުހުންގެ އިދާރާއިން އަދި ޖަވާބެއް ނުދެއެވެ.
އަނީސްއަށް ޕޮލްކޯގެ ސީއީއޯގެ މަގާމު ދީފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ. ފުލުހުންގެ ވަޒީފާގައި އަނީސް ހިދުމަތް ކުރައްވާތާ މިހާރު 21 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. އަނީސް ވަނީ ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކުރައްވުމަށްފަހު ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައެވެ.
އޭސީސީން ތަހުގީގު ކުރަމުންދަނީ ޕޮލްކޯ އިން ހަވާލުކޮށްގެން 'ބުލޫސް ހައުސިން' މަޝްރޫއުގެ ނަމުގައި ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫގައި ހިންގާފައިވާ ހިޔާނާތުގެ ކަންކަމެވެ. އެ މަޝްރޫއު ހިންގުމަށް އެންމެ ފުރަތަމަ ހަވާލުކޮށްފައި ވަނީ ނޫމަޑިއަށެވެ. އެއަށް ފަހު އެ އެއްބަސްވުން ބާތިލް ކުރުމަށް ފަހު އެ މަޝްރޫއު ވަނީ އައިލެންޑް އެކްސްޕާޓް ކުންފުންޏާ ހަވާލު ކޮށްފައެވެ. އޭގެ ފަހުން އަމީން ކޮންސްޓްރަކްޝަނަށް ހަވާލުކުރިއެވެ. އެންމެ ފަހުން ބައެއް މަސައްކަތްތައް ނިންމުމަށް އެހެން ކުންފުނިތަކަކާވެސް ހަވާލުކުރިއެވެ.
މިދިޔަ މަހު އޮޑިޓާ ޖެނެރަލް އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުގައި ވަނީ މި މަޝްރޫއުގައި ހިޔާނާތަށް ތުހުމަތުވާ ކަންކަން ފާހަގަ ކޮށްފައެވެ. އެގޮތުން ނޫމަޑިއަށް 580 މިލިއަން ރުފިޔާއަށް މަޝްރޫއު ހަވާލުކުރީ ބީލަމަކާ ނުލައިކަން އެނގެްެވެ. އަދި އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރަން ޓެންޑާ އިވޭލިއުއޭޝަން ބޯޑަށް ވެސް ހުށަހަޅާފައެއް ނުވެއެވެ. އޭގެ އިތުރުުން އެ ކުންފުނީގެ މާލީ އަދި ފަންނީ ގާބިލުކަމާއި ތަޖުރިބާ ވެސް ވެސް ވަޒަންކޮށްފައި ނުވާކަން ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ވަކި ހިސާބަކުން އެ ކުންފުނި އަތުން މަސައްކަތް އަތުލައި އެހެން ފަރާތްތަކާ މަޝްރޫއު ހަވާލު ކުރަން ޖެހުމުގެ ސަބަބުން މަޝްރޫއުގެ ހަރަދު އިތުރުވެގެން ދިޔަ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.
މަ މަޝްރޫއާ ގުޅިގެން މި މަހުގެ 10 ވަނަ ދުވަހު މާލިއްޔަތު ކޮމިޓީގައި ބޭއްވި ބައްދަލުވުމުގައި އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ ވިދާޅުވެފައި ވަނީ، މަޝްރޫއުގެ ބިޑިން ޕްރޮސެސް ކުރިއަށް ދިޔަ ގޮތް ބެލުމަށް އޮޑިޓުގެ ސްކޯޕުގައި ވެސް ހިމެނި ކަމަށެވެ. ނަމަވެސް 2013 ގައި ފެށި މި މަޝްރޫއާ ގުޅިގެން ޕޮލްކޯ މެނޭޖްމަންޓުން ބުނެފައި ވަނީ ސާވާ ހަލާކުވުމުގެ ސަބަބުން ވަރަށް ގިނަ ލިޔެކިޔުންތައް މިހާރު ނެތް ކަމަށެވެ. އެހެންކަމުން މި މަޝްރޫއުގެ ބިޑްކުރުމާއި އިވެލުއޭޓް ކުރުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވާ ގޮތް ފެންނަން ނެތް ކަމަށް ނިޔާޒީ ވިދާޅުވިއެވެ. އަދި ގެޒެޓްގައި ވެސް މި މަޝްރޫއަށް އިއުލާން ކޮށްފައި ނުވާ ކަމަށް ނިޔާޒީ ވިދާޅުވިއެވެ. އެހެންކަމުން މި މައްސަލަ ތަހުގީގު ކުރާ ފަރާތްތަކުން މިކަންކަން ބަލަން ޖެހޭ ކަމަށް ނިޔާޒީ ވިދާޅުވިއެވެ.
މި މަޝްރޫއު ފެށި އިރު ނޫމަޑިއަށް 580 މިލިއަން ރުފިޔާ ދީފައިވާ އިރު މިއީ އެ މަޝްރޫއު ފެށި ތާރީހަށް ބަލާއިރު، އެކަށީގެންވާ އަގެކެވެ. ނަމަވެސް ނޫމަޑިއަށް މި މަސައްކަތް ފުރިހަމައަށް ނުކުރެވުމުން އެއްބަސް ބާތިލްކޮށް އަނެއްކާވެސް ބިޑް ކުރުމަކާ ނުލައި އެހެން ކުންފުންޏަކަށް ހަވާލުކޮށް އޮޑިޓް ކުރި ތާރީހާ ހަމައަށް މި މަޝްރޫއަށް 1.06 ބިލިއަން ރުފިޔާ ވަނީ ހަރަދުވެފައެވެ.
މި މަޝްރޫއު ދިރާސާ ކުރުމަށް މާލިއްޔަތު ކޮމިޓީން އުފެއްދި ސަބް ކޮމިޓީން މި މަހުގެ 16 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގަިއ ވަނީ ޕޮލްކޯގެ އިތުރު ކޮރަޕްޝަން މައްސަލަތަކެއް ހުރި ކަން ހާމަވެފައެވެ. އެ ސަބް ކޮމިޓީގެ މުގައްރިރު، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަނީ މިހާރު ފުލުހެއްގެ މަގާމުގައި ހުންނެވި "ވިސިލްބްލޯވަރެއްގެ" ފަރާތުން މަޖިލީހުގެ މެއިލްއަށް ޕޮލްކޯ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނުގެ އިތުރު މައްސަލަަތަކެއްގެ މައުލޫމާތުތަކެއް ފޮނުވާފައިވާ ކަމަށް ވިދާޅުވެފައެވެ.
މި މައްސަލައާ ގުޅިގެން މި މަހުގެ ތިން ވަނަ ދުވަހު އޭސީސީން ވަނީ ޕޮލްކޯ ބަލައި ފާސްކުރުމަށް ވަދެފައެވެ. އެއަށް މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ޕޮލްކޯގެ ކޮރަޕްޝަނާ ގުޅުން ހުރި ހެކި ހޯދުމަށް އޭސީސީން ވަނީ އެތަނަށް ވަދެފައެވެ.
އެއަށް ފަހު މަޖިލީހުން ދިރާސާ ކުރަމުންދާ މައްސަލައަށް މައުލޫމާތު ހޯދުމަށް މަޖިލީހުން ވަނީ ބްލޫސް ހައުސިން ޕްރޮޖެކްޓުގެ މަސައްކަތްތަކަށް 2014 ވަނަ އަހަރުން 2017 ވަނަ އަހަރާ ދެމެދުގައި ރާއްޖެއަށް އެތެރެކުރި އުޅަނދުތަކެއްގެ މައުލޫމާތުތައް، އަންނަ އަންގާރަ ދުވަހުގެ ކުރިން ހިއްސާކުރުމަށް އަންގާ ޕޮލިސް ކޮމިޝަނަރަށް ސިޓީއެއް ފޮނުވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ