އިސްތިއުނާފު އަނބުރާ ގެންގޮސް، ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަކުރަން ނިންމައިފި

މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ ނަންތަކާއި މުސާރައިގެ ތަފުސީލު ދިނުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް)އިން އަންގައިފައިވާ ގޮތަށް، އެ މައުލޫމާތު ހާމަކުރަން ނިންމައިފައިވާ ކަމަށް އެޓާނީ ޖެނެރަލް އަޙުމަދު އުޝާމް މިރޭ ވިދާޅުވެއްޖެއެވެ. ޖަނަވަރީ 17، 2023އިން މިދިޔަ އަހަރުގެ ޖަނަވަރީ އަށެއްގެ ނިޔަލަށް އައްޔަންކޮށްފައިވާ ސިޔާސީ މުވައްޒަފުންގެ މައުލޫމާތަށް އަމިއްލަ ފަރާތަކުން އެދުމުން، ރައީސް އޮފީހުން ވަނީ އެ މައުލޫމާތު ހިއްސާކުރަން ދެކޮޅު ހަދައިފައެވެ. އެ މައްސަލަ އައިކޮމްއަށް ހުށަހެޅުމުން އެ ކޮމިޝަނުން ނިންމީ މުވައްޒަފުންގެ އެޑުރެސް ފިޔަވަައި ދެންހުރި މައުލޫމާތުތައް ދޭންޖެހޭނެ ކަމަށެވެ. ހައިކޯޓުގެ ރެޖިސްޓްރީން ދައްކާ ގޮތުގައި މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ރައީސް އޮފީހުންވަނީ އެ މައްސަލަ އެ ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެކަމާ ގުޅުވައި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އުޝާމް ވިދާޅުވީ، ދައުލަތުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު އަނބުރާ ނެގުމަށް އެދި އެޓާނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން މިމަހުގެ ތިން ވަނަ ދުވަހު ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. "އަދި މިމައުލޫމާތު ހޯދުމަށް އެދުނު ފަރާތަށް އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމާ އެއްގޮތަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތު ރައީސް އޮފީހުން ފޯރުކޮށްދޭނެ،" އޭނާ ވިދާޅުވިއެވެ. ސިޔާސީ މުވައްޒަފުންނާ ގުޅޭ ގޮތުން ހާމަކުރަން އެދިފައިވާ މައުލޫމާތުގެ ތެރޭގައި ހިމެނެނީ އެ މީހުންގެ ނަންތަކާއި، އެޑުރެހުގެ އިތުރުން ވަޒީފާ އަދާކުރާ މަގާމާއި ތަނުގެ އިތުރުން، މުސާރައިގެ މައުލޫމާތެވެ. މި ސަރުކާރުން ވަކިކުރި ކަމަށް ބުނާ 248 ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަކުރަން ދެކޮޅު ހަދައި، އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން އެ މައްސަލަ މީގެ ކުރިން އޮތީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އެއީ ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރުން އެޅި މާލީ އިސްލާހީ ފިޔަވަޅުތަކުގެ ތެރެއިން ވަކިކުރި ސިޔާސީ މުވައްޒަފުންނެވެ. އެ މުވައްޒަފުން ވަކިކުރުމުން ދައުލަތުގެ ބަޖެޓުން މަހަކު 5.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒުވަނީ މީގެ ކުރިން ވިދާޅުވެފައެވެ. ސަރުކާރުގެ ވައުދަކީ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ އިތުރުވިޔަނުދީ ހިފެހެއްޓުމެވެ. އެކަމަކު، އެ އަދަދު ފަހަނައަޅައި ގޮސް، ސިޔާސީ މުވައްޒަފުންގެ އަދަދު ހާހަކަށް ވުރެ ވެސް އިތުރުވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ