ފަލަސްތީނުގެ ރައްޔިތުން އެހެން ގައުމުތަކަށް ބަދަލުކޮށް، ގާޒާ އެމެރިކާގެ ބެލުމުގެ ދަށަށް ގެންނަން ޓްރަމްޕް ގޮވާލައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ އެމެރިކާއިން ހަނގުރާމައިން ވީރާނާވެފައިވާ ގާޒާ "ހިފައި" އެތަނުގެ "ވެރިފަރާތަށް" ވާނެ ކަމަށެވެ. މިއީ ފަލަސްތީނުގެ ރައްޔިތުން ނިކަމެތިކޮށްލުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެވޭ ކަމެކެވެ.
ކުރިން ގްރީންލޭންޑާއި ޕެނަމާއަށް އިންޒާރުދީ، ކެނެޑާ އެމެރިކާގެ 51 ވަނަ ސްޓޭޓަށް ހަދަން ހުށަހެޅި ޓްރަމްޕް، މިހާރު ވަނީ އޭނާގެ ފުޅާކުރުމުގެ އެޖެންޑާއަށް ގާޒާވެސް އިތުރުކުރައްވާފަ އެވެ. އަދި އެތަން "މެދުއިރުމަތީގެ ރިވޭރާއަކަށް" ހެދިދާނެ ކަމަށް ވިދާޅުވެ، އެކަން ހާސިލުކުރުމަށް އެމެރިކާގެ ސިފައިން ފޮނުވުމާ ދެކޮޅެއް ނުހައްދަވަ އެވެ.
"ފަލަސްތީނުގެ ރައްޔިތުން ގާޒާއަށް އަނބުރާ ދާން ބޭނުންވަނީ އެހެން ގޮތެއް ނެތިގެން،" އަންގާރަ ދުވަހުގެ ރޭ ވައިޓް ހައުސްގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫއާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ވިދާޅުވި އެވެ. "މިވަގުތު އެތަނަކީ ހަލާކުވެފައިވާ ސަރަހައްދެއް. ހުރިހާ އިމާރާތެއް ހެން ވަނީ ވެއްޓިފައި."
ފަލަސްތީނުގެ ރައްޔިތުންނަށް އެހެން ތަންތާނގައި "ސުލްހަވެރިކަމާއި އެކީ" ދިރިއުޅެވިދާނެ ކަމަށް ވިދާޅުވެ، ޓްރަމްޕް ވިދާޅުވީ "އެމެރިކާއިން ގާޒާ ސްޓްރިޕް ހިފާނެ، އަދި އެތަނުގެ މަސައްކަތްތައްވެސް ކުރާނެ. އަހަރެމެން އެތަނުގެ ވެރިފަރާތަށްވެ، ނުގޮވާ ހުރި ބޮންތަކާއި ހަތިޔާރުތައް ނައްތާލުމުގެ ޒިންމާ ނަގާނެ" އެވެ.
"އެކަން ކުރަން ޖެހިއްޖެނަމަ، އަހަރެމެން އެކަން ކުރާނަން. އަހަރެމެން އެތަން ހިފައި، ތަރައްގީކޮށް، އެތައް ހާސް ވަޒީފާ އުފައްދާނަން. މުޅި މެދުއިރުމަތިން ފަޚުރުވެރިވާނެ އެއްޗަކަށް އެތަން ވާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ޓްރަމްޕްގެ ޕްލޭނާ ގުޅިގެން ސައޫދީ އަރަބިއްޔާގެ ފޮރިން މިނިސްޓްރީން ފުރިހަމަ ބަޔާނެއް ނެރެފި އެވެ. މި ބަޔާނުގައި ފަލަސްތީނު ދައުލަތެއް ގާއިމުކުރުމަށް އެގައުމުން ދޭ "ވަރުގަދަ އަދި ދެމެހެއްޓެނިވި" ތާއީދަށް އަލިއަޅުވާލައިފައިވެ އެވެ.
ރިއަލް އެސްޓޭޓް ޑިވެލޮޕަރެއް ކަމުގައިވާ ޓްރަމްޕް އަންގާރަ ދުވަހުގެ ކުރިން ހުށަހެޅުއްވި ޕްރޮޕޯސަލްގައި، ގާޒާގައި ދިރިއުޅޭ ދެ މިލިއަން ފަލަސްތީނުގެ ރައްޔިތުން އަވަށްޓެރި ގައުމުތަކަށް ދާއިމީކޮށް ބަދަލުކުރުމަށް ގޮވާލެއްވި އެވެ.
ޖޯޑަން، މިސްރު އަދި އެހެން އަރަބި ގައުމުތަކުން ގާޒާގެ ފަލަސްތީނުގެ ރައްޔިތުން ބަލައިގަތުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.
ޓްރަމްޕް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުން "ދާއިމީކޮށް" އެހެން ތަންތަނަށް ބަދަލުކުރުމަށް ތާއީދުކުރައްވާ ކަމަށެވެ. މިއީ އަރަބި ލީޑަރުން ކުރިން ބަލައިނުގަތް ހުށަހެޅުމަކަށްވުރެ ފުޅާ ހުށަހެޅުމެކެވެ.
އެހެންނަމަވެސް، މި ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ގޮތުގެ އެއްވެސް ތަފްސީލެއް އެމަނިކުފާނު ހިއްސާނުކުރެއްވި އެވެ. ޓްރަމްޕްގެ ހުށަހެޅުން އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ ކަނާތުފިޔަގެ އުއްމީދުތަކާ ދިމާވެ، ކުރީގެ ރައީސް ޖޯ ބައިޑެންގެ ފަލަސްތީނުގެ ރައްޔިތުން ބޮޑު އަދަދަކުން ބަދަލުކުރުމާ ދެކޮޅު ސިޔާސަތާ ފުށުއަރަ އެވެ.
ސަތޭކަ އެތައް ނޫސްވެރިން ވައިޓްހައުސްގެ އީސްޓް ރޫމަށް އެއްވެފައިވާ ނޫސްވެރިންގެ ބައްދަލުވުމުގައި، މި ޕްލޭންގައި އެމެރިކާގެ ސިފައިން ބާރުގެ ބޭނުންކުރުން ހިމެނިދާނެތޯ ސުވާލުކުރުމުން، "ގާޒާއާ ގުޅޭ ގޮތުން، ކުރަން ޖެހޭ ކަމެއް ކުރާނަން،" އެމަނިކުފާނު ވިދާޅުވި އެވެ. "އެކަން ކުރަން ޖެހިއްޖެނަމަ، އަހަރެމެން އެކަން ކުރާނަން."
ގާޒާގެ ބިން އެމެރިކާއިން ހިފައި، ދިގު މުއްދަތަކަށް އެތަން ހިފައިގެން ތިބެވޭނީ ކިހިނެއް އަދި ކޮން ބާރެއްގެ ދަށުންތޯ އުފެދުނު ސުވާލުތަކަށް އެމަނިކުފާނު ސީދާ ޖަވާބެއް ނުދެއްވަ އެވެ.
"މެދުއިރުމަތީގެ އެ ސަރަޙައްދަށް، އަދި ފަހަރެއްގައި މުޅި މެދުއިރުމަތްޔަށް ސްޓެބިލިޓީ ގެނެވޭނެ ދިގު މުއްދަތުގެ މިލްކުވެރިކަމެއް އަހަރެން ދެކެން،" އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސަރަހައްދީ ލީޑަރުންނާ ވާހަކަދައްކަވާފައިވާ ކަމަށާއި އެބޭފުޅުން މި ޚިޔާލަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވި އެވެ. "އަހަރެން ވާހަކަދެއްކި އެންމެންވެސް އެމެރިކާއިން އެބިން މިލްކުކުރުމުގެ ޚިޔާލަށް ތާއީދުކުރޭ،" އެމަނިކުފާނު ވިދާޅުވިއެވެ.
"އަހަރެން މިކަން ވަރަށް ގާތުން އެތައް މަހެއްގެ މައްޗަށް ދިރާސާކޮށްފައިވާނެ،" ޓްރަމްޕް ވިދާޅުވި އެވެ. ގާޒާއަކީ "ނަރަކައެއް" އަދި "މަރާއި ހަލާކުގެ ނިޝާނެއް" ކަމަށް ޓްރަމްޕް ގާޒާ ސިފަކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ