ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނެތި، ޕީއެންސީ ޕާލިމަންޓްރީ ގުރޫޕުގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވައިފި އެވެ.
ވީ ކިހިނެއް؟- މާދަމާ އޮންނަ ރައީސް މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވާ ޖަލްސާއަށް ތައްޔާރުވުމަށް ޕީޖީ ގްރޫޕްގެ 'ވޯމް އަޕް' ބައްދަލުވުމެއް ބޭއްވި ކަމަށް ވިދާޅުވެ، މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވައިފަ އެވެ.
އެކަމަކު އެ ބައްދަލުވުމުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
'ދައުރު'އަށް އެނގިފައިވާ ގޮތުގައި އަބްދުއްރަހީމް ހުންނެވީ މާލޭގަ އެވެ. މިއީ ޕީޖީގެ ބައްދަލުވުމެއްގައި އެމަނިކުފާނު ބައިވެރިވެޑައިނުގަންނަވައި ދޫކޮށްލެއްވި ފުރަތަމަ ފަހަރު ކަމަށް ވެސް އެނގިފައިވެ އެވެ.
މިއަދުގެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ނައިބު ރައީސް އަހުމަދު ނާޒިމެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގެން ނަމަވެސް، މާދަމާގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ އަބްދުއްރަހީމް ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފަ އެވެ.
ރައީސް މުއިއްޒު އާއި އަބްދުއްރަހީމްއާ ދެމެދު ކުރިން އޮތް ގާތް ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. ދަރިކަލުން އިބްރާހިމް ފައިސަލް ޓޫރިޒަމް މިނިސްޓަރުގެ މަގާމުން މިދިޔަ ހަފްތާގައި ވަކިކުރެއްވުމާ އެކު އަބްދުއްރަހީމް ހުންނެވީ ވަރަށް ބޮޑަށް ހިތްޕުޅުހަމަޖެހިވަޑައިނުގެންފަ އެވެ.
ދެ ބޭފުޅުންގެ ދެމެދުގައި އޮތް ގުޅުން ރަނގަޅު ނަމަ އެފަދަ ފިޔަވަޅެއް ރައީސް މުއިއްޒު ނާޅުއްވާނެ ކަމަށް ވެސް 'ދައުރު'އާ ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ރިޔާސަތުގައި ނެތި ޕީއެންސީ ޕީޖީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ