ކުރިމަތިކުރައްވަވާ ދަތިޙާލާ ހިތްދަތިކަމަކީ ލައްވަވާ ބޮޑު ރަޙްމަތެއްކަން ޤަބޫލުނުކުރާ މީހަކަށް އޭނާ ޤުރްއާން ކިޔެވިޔަސް އެކަމުން ފައިދާކުރާ ކަމަކަށް ނުބުނެވޭނެ!: މުފްތީ މެންކް

އަހުރެމެން ކީރިތި ޤްރްއާން ކިޔަވަމުއެވެ. އުނގެނެމުއެވެ. މާނަވެސް ޤަބޫލުކުރަމުއެވެ. އެކަމަކުވެސް އެފޮތުގައިވާ އާޔަތްތައް ޤަބޫލުކުރެވޭ ހެއްޔެވެ؟ ތިމާއަށް ކަމެއް ކުރިމަތިވުމުން އެފޮތުގައިވާ މަގުން ޢަމަލު ނުކުރެވޭނަމަ އެފޮތަށް އީމާންވަމޭ އެފޮތް ޤަބޫލުކުރަމޭ ބުނާ ބުނުމުގެ އޮތީ ކޮން ފައިދާއެއް ހެއްޔެވެ؟ ބަހާއި ޢަމަލު ދިމާވާނެ ހެއްޔެވެ؟
ކީރިތި ޤުރްއާނަށް ވިސްނައިގެން ކިޔަވާށެވެ! ގިނަ ބައަކު އެންމެ ބޮޑަށް ކަންބޮޑުވާ އެއްކަމަކީ ވަޒީފާ ގެއްލުމެވެ. ވަޒީފާ ގެއްލުނު ނަމަވެސް އަދި ކިތަންމެ ބޮޑު މުޞީބާތެއް ކުރިމަތިވިނަމަވެސް އެއީ ރަޙްމަތަކަށްވެގެންދާކަން އެނގެން ނެތީހެއްޔެވެ؟
ޔޫސުފްގެފާނުގެ ސިޔަރަތަށްބަލާށެވެ! ޔޫސުފްގެފާނުގެ އަޚުން އެކަލޭގެފާނު ގެންގޮސް އެ ބޮޑު ފުން ފެންވަޅަށް ވައްޓައި ނުލިނަމަ މިޞުރަށް ގެންގޮސް އަޅުކުއްޖެއްގެ ގޮތުގައި ވިއްކައިލެވުނީސްހެއްޔެވެ؟ އަދި ވިއްކައި ނުލެވުނުނަމަ މިޞުރުގެ ވެރިކަމަށް ވަޑައިގަތުމަށް އޮތީ ކޮން ފުރުޞަތެއް ހެއްޔެވެ؟
ދެން ހަމައެއްކަލަ ސުވާލު މިރޭވެސް ކޮށްލާނަމެވެ. ތިބާ ކުރިން ކައިވެކޮށްގެން އުޅުނު ބޭވަފާތެރިޔާ، ނުވަތަ އަނިޔާވެރިޔާ، މިހެންގޮސް އެނުބައި ސިފަތައް ހުރިމީހާ ތިބާ ވަރިނުކުރިނަމަ މިއަދު ކައިވެނިކޮށްގެން ތިއަ ހުރި ހެޔޮލަފާ މީހާ އާއި ކައިވެނިކުރެވުނީސްހެއްޔެވެ؟
ކޮންމެ ކަމެއްވެސް އެންމެ މޮޅަށް ރާއްވަވަނީ ހަމަ ﷲ ތަޢާލާކަމާއި އެއްވެސް މީހަކަށް ދެރައެއް ލިބޭނެ ގޮތަށް ކަންކަން މިންވަރު ނުކުރައްވަވާނެކަމަށް ބުނަމުން މިގެންދާ ސަބަބަކީ އެއީއެވެ.
ވީމާ ކަމެއް ކުރިމަތިވާއިރަށް މިއީ ތިމާގެ ނިމުން ކަމުގައި ނުދެކޭށެވެ! އެކަމުގެ ފަހަތުން އަންނަން އޮތީ ކޮންފަދަ ބޮޑު ނިޢްމަތެއްކަން ހަމަ އެކަކަށްވެސް ނުއެނގޭނެއެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ހުރިހާ ކަންކަން މިންވަރުކުރައްވަވާ ﷲ ތަޢާލާއެވެ.
ދެން ބުނެލަން އޮތީ ޔޫސުފްގެފާނުގެ ސިޔަރަތުން ބަލަންވީ ހަމައެކަނި ފެންވަޅުގެ ހާދިސާއަކަށްނޫނެވެ. ﷲ ތަޢާލާގެ މަގުގައި ޘާބިތުވެވަޑައިގެންނެވި މިންވަރަށާއި ކެތްތެރިވެވަޑައިގެންނެވި މިންވަރަށް ވަރަށް ބޮޑަށް ވިސްނަންވާނެއެވެ. ދަރުމަ އިތުރުވެގެންދާނީ ﷲ ތަޢާލާގެ މަގުގައި ސާބިތުވީ މިންވަރަކުންނެވެ. ޔޫސުފްގެފާނުގެ ސިޔަރަތު ޤުރްއާނުގައި އެހައި ތަފްޞީލުކޮށް ބަޔާންކުރައްވަވާފައިއެވަނީ އެ ސަބަބަށްޓަކައެވެ.
--މުފްތީ މެންކުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ