ޣައްޒާގެ 3 ސަރަހައްދެއްގައި ހަމަލާތައް ދިނުން މެދުކަނޑާލަން ނިންމައިފި

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ފާއިތުވެދިޔަ ދުވަސްތަކުގައި އިތުރަށް ވަރުގަދަކޮށްފައިވާއިރު، ޣައްޒާގެ ތިން ސަރަހައްދެއްގައި ކޮންމެ ދުވަހަކު 10 ގަޑިއިރަށް ހަމަލާތައް މެދުކަނޑާލާނެ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފިއެވެ. އަސްކަރިއްޔާއިން ބުނީ ޣައްޒާ ސިޓީ، ދީރް އަލްބާލާހް އަދި މުވާސީ، ސަރަހައްދުގައި މިއަދުން ފެށިގެން ކޮންމެ ދުވަހަކު ހެނދުނު 10:00 ން ރޭގަނޑު 8:00 އަށް ހަމަލާތައް މެދުކަނޑާލާނެ ކަމަށެވެ. އަދި އިތުރު އެންގުމެއް އަންގަންދެން އެކަން އެގޮތަށް ކުރިއަށްދާނެ ކަމަށްވެސް އަސްކަރިއްޔާއިން ބުނެއެވެ. އަދި އެހީ ފޯރުކޮށްދިނުމަށް ރައްކާތެރި މަގުތަކެއް ގާއިމްކުރާނެ ކަމަށާއި ޣައްޒާއަށް ވައިގެ މަގުން އެހީ ފޯރުކޮށްދިނުން ކުރިއަށްގެންދާނެ ކަމަށްވެސް އަސްކަރިއްޔާއިން ބުނެފައިވެއެވެ. އޭގެ ތެރޭގައި ފުށާއި ހަކުރު އަދި ދަޅު ކާނާ ހިމެނޭ އެހީގެ ޕެކޭޖުތައް ހިމެނޭނެ ކަމަށް ވެސް އަސްކަރިއްޔާއިން ބުނެއެވެ. ޣައްޒާގައި ބަނޑުހައިހޫނުކަމުގެ ނުރައްކާ އޮތް ކަމުގެ އިންޒާރު ކާބޯތަކެތީގެ ތަޖުރިބާކާރުން ދީފައިވާއިރު، އިސްރާއީލުން ވަނީ އެކަމަށް އެއްވެސް ރައްދެއް ނުދީ، އެހީ ފޯރުކޮށްދިނުން ހަރުކަށިކޮށްފައި ވަނީ ފޯރުކޮށްދޭ އެހީ ހަމާސް އިން ބޭނުންކުރާތީ ކަމަށް ބުނެ ހަމާސްއަށް އިނގިލި ދިއްކޮށްފައެވެ. ފާއިތުވި ދުވަސްތަކުގައި ޣައްޒާއަށް ބޭނުންވާ ކާބޯތަކެއްޗާއި އެހެނިހެން އިންސާނީ އެހީވެސް ފޯރުކޮށްނުދީ އާންމުން ބަނޑަށް ޖައްސަމުންދާތީ އިސްރާއީލުގެ އެންމެ ގާތް އެކުވެރި ގައުމުތައް ހިމެނޭހެން ބައިނަލްއަގުވާމީ މުޖުތަމައުގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ހަމަލާތައް މެދުކަނޑާލާނެ ކަމަށް ބުނެފައި މިވަނީ އިސްރާއީލާއި ހަމާސްއާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ މަސައްކަތްތަކާ މެދު ޝައްކު އުފެދިފައިވާ ދަނޑިވަޅެއްގައެވެ. މިސްރާއި ޤަޠަރު އަދި އެމެރިކާ މެދުވެރިވެގެން ކުރަމުންދާ މަޝްވަރާތަކުން އެމެރިކާ ފަހަތަށްޖެހެމުންދާ ކަމަށް އެމެރިކާއިން ބުނެފައިވާއިރު، އިސްރާއީލުންވެސް ވަނީ މަޝްވަރާތަކުގައި ބައިވެރިވާ އޮފިޝަލުން އަނބުރާ ގައުމަށް ގެންގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ