ލޯބިންގެ ޓިކެޓު ދޫކުރަން ފަށައިފި

ރާއްޖޭގައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދި ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ)ގެ "އައިފިލްމްސް"ގެ ދަށުން ނެރޭ ފުރަތަމަ ލޯބީގެ ފިލްމު "ލޯބިން..؟"ގެ ޓިކެޓް ދޫކުރަން ފަށައިފިއެވެ. އަންނަ ހަފުތާގެ ބުދަ ދުވަހު ޕްރިމިއާކުރަން ތައްޔާރުވަމުން އަންނަ މި ފިލްމާ ގުޅޭގޮތުން ގިނަ މައުލޫމާތުތަކެއް ހާމަކުރަމުން އެބަދެއެވެ. މި ފިލްމަށް ގިނަ ބަޔަކު ތިބީ ކެތްމަދުވެފައެވެ. އައިފިލްމްސްއިން ދާދި ފަހުން ހާމަކޮށްފައިވާ ގޮތުގައި ފިލްމުގެ ޓިކެޓުތައް މިހާރު ވަނީ ދޫކުރަން ފަށާފައެވެ. އޮލިމްޕަހުގެ ކައުންޓަރުން ފިލްމުގެ ޓިކެޓު މިހާރު ގަތުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މި ކަމަށް ޚާއްސަ ހޮޓްލައިނެއް ވެސް އާންމުކޮށްފައިވެއެވެ. އެގޮތުން، 7242555 އަށް ގުޅާލައިގެން ޓިކެޓު ގަނެވޭނެ ކަމަށް ވެސް ޕްރޮޑަކްޝަނުން ހާމަކޮށްފައިވެއެވެ. ޓްރެއިލަރުތަކުން އިއްލެގެ ސްޓައިލް ފެންނާނީ މި ފިލްމުގައި ވެސް އިޖުތިމާއީ ކޮންމެ ވެސް މައްސަލައަކަށް އަލިއަޅުވާލާނެ ކަމަށް ބެލެވެއެވެ. އިއްލެގެ ލޯބިންގެ މަސައްކަތް މަސައްކަތް ފަށާފައިވަނީ މިދިޔަ މެއި މަހުގެ ކުރީކޮޅެވެ. އައިފިލްމްސްގެ ލޯބިން ފިލްމުގެ ކާސްޓުގައި ހިމެނެނީ ނުޒުހަތު ޝުއައިބާއި އިފްނާޒް ފިރާގުގެ އިތުރުން ތާތި އާދަމްއާއި އަހްމަދު ޝާކިރާއި އަހުމަދު ޝާރިފެވެ. އަލަށް ނެރޭ ފިލްމުގައި އިއްލެއާ އެކު މަސައްކަތް ކުރާނީ އިފްނާޒެވެ. އިފްނާޒަކީ އިއްލެގެ ގިނަ މަސައްކަތްތަކުގައި އޭނާއާއެކު މަސައްކަތް ކޮށްފައިވާ ފަންނާނެކެވެ. އެގޮތުން، އިއްލެގެ އެންމެ ފުރަތަމަ ފިލްމު "ބަވަތި"ގެ ލީޑު ރޯލުން ވެސް ފެނުނީ އިފްނާޒެވެ. އޭގެ އިތުރުން އިތުރު ޕްރޮޖެކްޓުތަކުގައި އިއްލެއާއެކު އެސިސްޓަންޓު ޑައިރެކްޓަރެއްގެ ގޮތުގައި އިފްނާޒް ވަނީ މަސައްކަތް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ