ޔާމީން ގެއްލުނު ފަހުން ހަފްތާއެއް؛ ބޭރަކަށް ނުފުރާ، ނުފެނުނު

ގ.ގާރނެޓް، ޙަސަން ޔާމީން (30 އަހަރު) ރާއްޖެއިން ބޭރަށް ގޮސްފައިނުވާކަން ކަމާގުޅޭ އިދާރާތަކުން ކަށަވަރު ކޮށްދީފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
ޔާމީންގެ ހަބަރެއް ނުވެގެން އޭނާ ހޯދާތާ މިއަދަށް ހަފްތާއެއް ވީ އެވެ. މި މަހުގެ 11 ވަނަ ދުވަހުގެ ރޭ 9:25 ހާއިރު މާލޭގައި އޭނާ ދިރިއުޅޭ ގެއިން ނިކުމެގެން ދިޔަ ފަހުން ހަބަރެއް ނުވާ ކަމަށް އާއިލާ އިން ބުންޏެވެ. އޭގެ ތިން ދުވަސް ފަހުން ޖުލައި 14 ވަނަ ދުވަހު އޭނާ ގެއްލިފައިވާ ކަމަށް ފުލުހަށް ރިޕޯޓް ކުރީ އާއިލާ އިންނެވެ.
ފުލުހުން ބުނީ އެ ދުވަހުން ފެށިގެން އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި މައްސަލައާ ގުޅިގެން ގިނަ އަދަދެއްގެ ސީސީޓީވީ ފްޓޭޖް ދިރާސާކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ. އަދި އާއިލާގެ އެއްބާރުލުމާ އެކު އޭނާ ދިރިއުޅޭ ތަން ބަލާ ފާސްކުރިއިރު ތުހުމަތު ކުރެވޭ އެއްވެސް ކަމެއް ނުވަތަ ކުށުގެ އަމަލެއް ހިންގާފައިވާ ކަމުގެ އެެއްވެސް ނިޝާނެއް ފެނިފައި ނެތް ކަމަށެވެ.
އަދި އެޕާޓްމަންޓަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށެވެ.
ފުލުހުން ބުނީ އޭނާ ރާއްޖެއިން ބޭރަށް ގޮސްފައިނުވާކަން ކަމާގުޅޭ އިދާރާތަކުން ކަށަވަރު ކޮށްދީފައިވާ ކަަމަށެވެ. ޔާމީން ހޯދުމަށް ފުލުހަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް މެދުނުކެނޑި ކުރަމުންދާނެ ކަމަށް ވެސް ބުންޏެވެ.
* ޔާމީނާ ގުޅޭ މައުލޫމާތެއް ލިބިއްޖެނަމަ 3322111 ނުވަތަ 9400053 އަށް ގުޅަން ފުލުހުން އެެދޭ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ