ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތްތަކަށް އަނެއްކާވެސް ބުރޫއަރައި، އާންމު ހާލަތަށް އެޅުނީ ގަޑިއިރެއް ފަހުން
ހުޅުމާލެ ހޮސްޕިޓަލަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން މިއަދު ވެސް ބައެއް ޚިދުމަތްތަކަށް ބުރޫ އެރުމަށް ފަހު، ގަޑިއިރެއް ފަހުން އާންމު ހާލަތަށް ރުޖޫއަކޮށްފިއެވެ. އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް 'ސަން'އަށް ވިދާޅުވީ، ސާވާއަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ބައެއް ޚިދުމަތްތަކަށް ލަސްވުމެއް އައި ކަމަށެވެ. އެކަމުގެ ސަބަބުން އެއް ގަޑިއިރިއަށް ބައެއް ޚިދުމަތްތައް ލަސްވި ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ސާވާ މެދުވެރިކޮށް މެމޯ ހެދުނަސް ޚިދުމަތް ހޯދާ ކިޔޫ ޑިޖިޓަލްކޮށް ނުބެލެހެއްޓުނު ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އެކަމަކު، ސާވާއަށް ދިމާވި މައްސަލަ ހައްލުކޮށް، މިހާރު ކުރިއެކޭ އެއްގޮތަށް ޚިދުމަތް ދޭން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ފާހަގަކުރެވޭ ގޮތުގައި، މީގެ ދެ ހަފުތާވަރު ކުރިން މިދިޔަ މަހުގެ 27ގައި ވެސް އެ ހޮސްޕިޓަލަށް ކަރަންޓު މައްސަލައެއް ދިމާވެ، އޯޕީޑީގެ ޚިދުމަތް ވަގުތީ ގޮތުން އެހެން ތަނަކަށް ބަދަލު ކުރަން ޖެހުނެވެ. އެފަހަރު ބަދަލުކުރީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފުލެޓު 16ގައި ހުންނަ ޖެނެރަލް ޕްރެކްޓިސް ކްލިނިކަށެވެ. އެ މައްސަލަ ހައްލުކޮށް އޯޕީޑީ އާންމު ހާލަތަށް ގެނެވުނީ ހަގަޑިއިރު ފަހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ