ގެދޮރުވެރިޔާ ފްލެޓަށް ޝަރުތު ހަމަކުރަން "ދޮގު ލިޔުން" ހުށަހެޅި މީހުން ފްލެޓު ލިސްޓުން އުނިކޮށް، އަންނަ ހަފުތާގައި ފްލެޓުތަކުގެ އެގްރިމެންޓުގައި ސޮއި ކުރަން ފަށާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު ރޭ ވިދާޅުވެއްޖެ އެވެ.
"އަހާ ފޯރަމް" ގައި ވާހަކަ ދައްކަވަމުން މުއްތަލިބު ވިދާޅުވީ، މި ސަރުކާރުން ފްލެޓުތައް ހަވާލު ކުރަން ފަށާނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ 4000 ފްލެޓު ލިސްޓުގައި މިހާރު ހިމެނޭ މީހުންގެ ތެރެއިން ވަގު ޑޮކިއުމެންޓް ހުށަހެޅި މީހުން ލިސްޓުން އުނި ކުރުމަށްފަހު ކަމަށެވެ.
"އެކި ރަށްރަށުގައި ވަޒީފާގައި އުޅޭ މީހުން މާލޭގައި އުޅޭ ކަމަށް ހަދާފައި ލިޔުން ދީފައި ފްލެޓު ލިސްޓަށް އަރުވާފައި ހުރިކަން ފާހަގަވެފައި ވަނީ. ދައުލަތުގެ ނިޒާމުގެ ތެރެއިން އަޅުގަނޑުމެންނަށް އެ ފަރާތްތައް ދޮގު ހަދައި މަކަރު ހަދާފައިވާ ފަރާތެއްކަން ސާބިތުވާ ނަމަ ޑިސްކޮލިފައި ކުރާނަން. މިހާރު ވެސް އެފަދަ ފަރާތްތަކަށް ލިޔުން ފޮނުވަމުންދާނެ،" މުއްތަލިބު ވިދާޅުވި އެވެ.
ފޯރަމުގައި ވާހަކަ ދައްކަވަމުން މުއްތަލިބު ވިދާޅުވީ އަންނަ ހަފުތާގެ ތެރޭގައި ފްލެޓު ލިބުނު މީހުންނާއެކު އެގްރިމެންޓުގައި ސޮއި ކުރުމުގެ މަސައްކަތް ފެށޭނެ ކަމުގެ ޔަގީންކަން އޭނާއަށް އެބަ އޮތް ކަމަށެވެ. ފްލެޓުތައް ހަވާލު ކުރުމަށް ކުރަން ޖެހޭ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ލިސްޓު ބަދަލު ކުރަން މި ސަރުކާރު ވެރިކަމަށް އައުމަށްފަހު ވަރަށް ބޮޑަށް މަސައްކަތް ކުރި އެވެ. އެކަމަކު، މިދިޔަ މެއި މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މުއްތަލިބު ވިދާޅުވީ ކުރީ ސަރުކާރުން ކަނޑައެޅި ލިސްޓަށް ފްލެޓު ދޭން މިހާރު ނިންމާފައިވާ ކަމަށެވެ.
"ގެދޮރުވެރިޔާ ސްކީމުން ފްލެޓު ލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓުގެ ގޮތުގައި ބަލާނީ ނޮވެމްބަރު 15، 2023، ގައި އޭރުގެ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑް ހައުސިން، އިންފްރަސްޓަކްޗާ އިން ކޮށްފައިވާ އިއުލާނާއެކު ވާ ލިސްޓުގައި ފްލެޓު ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ފަރާތްތައް. އެހެންވީމަ އަޅުގަނޑުމެން އިތުރު ލިސްޓެއް، ފައިނަލް ލިސްޓުގެ ގޮތުގައި އަދި އެހެން ލިސްޓެއްގެ ގޮތުގައި ވެސް ނުނެރޭނަން،" މުއްތަލިބު ވިދާޅުވި އެވެ.
ސައްހަ ނޫން ލިޔުމެއް ނުވަތަ މައުމޫލާތެއް ހުށަހާޅާފައިވާކަން ސާބިތުވެއްޖެ ހާލަތެއްގައި އެ މީހެއްގެ ފްލެޓު އަތުލާނެ ކަމަށް އެއިރު ވެސް މިނިސްޓަރު ވިދާޅުވި އެވެ. ލިސްޓުން އުނިކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ސަރުކާރުން މިހާރު ބުނާ ގޮތުން ފްލެޓު ލިސްޓުގައި ދެމަފިރިން ތިބި ނަމަ އެތަނުން ވެސް ފްލެޓު ލިބޭނީ އެކަކަށެވެ.
"ނޮވެމްބަރު 15، 2023 ގައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓަކްޗާ އިން އިއުލާނުކުރި ލިސްޓުގައި ހިމެނޭ ފަރާތެއްގެ ޝަރުތު ހަމަނުވެގެން ނުވަތަ ކުރިން އަޅުގަނޑު ބަޔާންކޮށްފައިވާ އެހެން ސަބަބަކާ ހުރެ ފްލެޓު ނުލިބޭ ކަމަށް ކަނޑައެޅޭނީ އެ ފަރާތައް ލިޔުމަކުން އެކަން އަންގާ އެޕީލް ކުރުމުގެ ފުރުސަތު ދިނުމަށްފަހު،" މުއްތަލިބު ވިދާޅުވި އެވެ.
"ދޮގު ލިޔުން" ދިން މީހުން ލިސްޓުން އުނިކޮށް އަންނަ ހަފުތާގައި ފްލެޓު ހަވާލު ކުރަން ފަށަނީ "ދޮގު ލިޔުން" ދިން މީހުން ލިސްޓުން އުނިކޮށް އަންނަ ހަފުތާގައި ފްލެޓު ހަވާލު ކުރަން ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ