ސުޕްރީމް ކޯޓުގެ އޮޑިޓެއް ހަދަނީ

ސުޕްރީމް ކޯޓުގެ ސްޓްރެޓީޖިކް އޮޑިޓެއް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) ނިންމައިފިއެވެ.
ޖޭއެސްސީން މިގޮތަށް ނިންމާފައިވަނީ ޖޭއެސްސީން ބޭއްވި އެ ކޮމިޝަނުގެ 81 ވަނަ ބައްދަލުވުމުގައެވެ.
ޖޭއެސްސީން ބުނީ އެ އޮޑިޓު ހަދާނީ ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ކޮމިޓީގެ ބެލުމުގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުގެ އިންޓަނަލް އޮޑިޓު ޔުނިޓުން ކަމަށެވެ.
މިފަދަ އޮޑިޓެއް ކުރަން ނިންމާފައިވަނީ ސުޕްރީމް ކޯޓުގެ އިދާރީ ހިންގުމާއި މާލީ ކަންކަން ހިނގާ ގޮތް ބެލުމުގެ ގޮތުން ކަމަށްވެސް ޖޭއެސްސީން ބުނެއެވެ.
ސުޕްރީމް ކޯޓުގެ އޮޑިޓެއް ކުރުމަށް ޖޭއެސްސީން ނިންމާފައިވާއިރު ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރަކު މަގާމުގެ ނުފޫޒު ބޭނުންކުރައްވާ ކަމަށް ތުހުމަތު ކުރާ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ދާދިފަހުން ވަނީ ހުށަހަޅާފައެވެ.
އެ މައްސަލައަކީ ސުޕްރީމް ކޯޓުގެ އިދާރީ ބޭނުންތަކަށް ކަނޑައަޅާފައިވާ ޕެޓީ ކޭޝް ނަންގަވައި ފަނޑިޔާރުންގެ ފަރިއްކޮޅަށް ހޭދަކުރައްވާ ކަމަށް ތުހުމަތުކޮށްފައިވާ މައްސަލައެކެވެ. މި މައްސަލައިގެ ތުހުމަތު ކޮށްފައިވާ ހަތަރު ފަނޑިޔާރުންނަކީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފް އާއި ފަނޑިޔާރު އާދަމް މުހައްމަދުގެ އިތުރުން ފަނޑިޔާރު އަބްދުﷲ މުހައްމަދު ޣަނީއެވެ.
މީގެއިތުރުން ޖޭއެސްސީން ވަނީ ސާދަ ރަށެއްގެ މެޖިސްޓްރޭޓުންނާއި އިސް މެޖިސްޓްރޭޓުން ހޯދުމަށް ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފައެވެ.
ޖޭއެސްސީން މިދިޔަ މަހުގެ 31 ވަނަ ދުވަހު ކުރި އިއުލާނުގައި 14 ރަށެއްގެ އިސްމެޖިސްޓްރޭޓުންނާއި މެޖިސްޓްރޭޓުންނަށް ކުރިމަތިލުމަށް އެ ކޮމިޝަނުން ހުޅުވާލައިފައިވާ ކަމަށެވެ. އެ މުއްދަތު ހަމަވާނެ ކަމަށް ކުރިން ބުނެފައިވަނީ މިމަހުގެ 14ވަނަ ދުވަހަށެވެ.
ޖޭއެސްސީންގެ އިއުލާނަށް އެކަށީގެންވާ ތަރުހީބެއް އަދި ލިބެމުން ނުދާތީ ކުރިން ކޮށްފައިވާ އިއުލާނުގެ މުއްދަތު އިތުރު ކުރީ ކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ. ނަމަވެސް މުއްދަތު އިތުރުކުރީ ކިތައް ދުވަހަކަށް ކަމެއް އަންގާފައެއް ނުވެއެވެ. އަދި ބުނީ މުއްދަތު އިތުރުކުރި ނަމަވެސް ކުރިން ކޮށްފައިވާ އިއުލާނުގެ ދަށުން ފޯމު ހުށަހެޅޭނެ ކަމަށްވެސް ޖޭއެސްސީން ބުންޏެވެ.
ޖޭއެސްސީން ކޮށްފައިވާ އިއުލާނުގައިވާ ގޮތުގައި އިސް މެޖިސްޓްރޭޓުން ހޯދަން އިއުލާނު ކޮށްފައި ވަނީ 11 ރަށަކަށެވެ. މެޖިސްޓްރޭޓުން ހޯދަން އިއުލާނުކޮށްފައި ވަނީ ތިން ރަށަކަށެވެ.
އިސް މެޖިސްޓްރޭޓުން ހޯދާ ރަށްތައް:
– ހދ. ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓު– ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓު– ރ. މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓު– ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓު– ކ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓު– އއ. މަތިވެރި މެޖިސްޓްރޭޓް ކޯޓު– އއ. މަތިވެރި މެޖިސްޓްރޭޓް ކޯޓު– ފ. ފީއަލީ މެޖިސްޓްރޭޓް ކޯޓު– ފ. ބިލެއްދޫ މެޖިސްޓްރޭޓް ކޯޓު– ތ. ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓު– ގއ. ކޮލަމާފުށި މެޖިސްޓްރޭޓް ކޯޓު– ގދ. ފަރެސްމާތޮޮޑާ މެޖިސްޓްރޭޓް ކޯޓު– ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓު– ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓު– ވ. ފެލިދޫ މެޖިސްޓްރޭޓް ކޯޓު
އިއުލާނުގައި ވާގޮތުން އިސް މެޖިސްޓްރޭޓެއްގެ އަސާސީއާ މުސާރައާއި އެހެނިހެން އެލެވެންސްތަކާއެކު ޖުމްލަ މުސާރައަކީ 25،600 އެވެ. މެޖިސްޓްރޭއްގެ ޖުމްލަ މުސާރައަކީ 23،450 ރުފިޔާއެވެ.
ޖޭއެސްސީން ބުނީ އެ މަގާމުތަކަށް ކުރިމަތިލާ ފަރާތަކީ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު؛ ނުވަތަ ގާނޫނާއި ޝަރީއަތުގެ ރޮނގުން ދަށްވެގެން ޑިޕްލޮމާ ހާސިލުކޮށްފައިވުމާއެކު، ފަނޑިޔާރުކަމުގައި ނުތަވަ ގާނޫނީ ވަކީލުކަން ކުރުމާއި އެ ދެކަމުގައި ނުވަތަ، ޝަރުއީ ކޯޓެއްގެ ލީގަލް މަގާމެއްގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެހޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ