އިދިކޮޅު ކޯލިޝަނުން ގާޒީ ހައިލަމް އަށް: ނުފޫޒް ފޯރުވި މީހުންގެ ނަންތައް ހާމަކުރޭ!

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީލޯންޑާ ކުރުމުގެ ދައުވާގެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް އަށް ސަރުކާރުގެ ތެރެއިން ނުފޫޒް ފޯރުވި ބޭފުޅުންގެ ނަންތައް ހާމަ ކުރެއްވުމަށް އިދިކޮޅު ކޮލިޝަނުން ގާޒީ ހައިލަމްއަށް ގޮވާލައްވައިފިއެވެ.
މިހާރު ސަސް÷ެންޑް ކޮށްފައިވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހައިލަމް ބުރާސްފަތި ދުވަހުގެ ރޭ ނެރުއްވި ބަޔާނުގައި ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތު ކުރެވުނު ހިސާބުން ފެށިގެން މި ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިބި ފަރާތްތަކުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގާތް މީހުން މެދުވެރިކޮށް ނުފޫޒު ފޯރުވިދާނެ ކަމަށް ހީކޮށް ވަރަށް ގިނަ މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ.
ގާޒީ ހައިލަމް ވިދާޅުވީ ރައީސް ޔާމީންގެ މައްސަލައާ ގުޅިގެން ސަރުކާރުގެ ނުފޫޒު ހިނގަމުންދާކަން މިއަދު ކުރިމިނަލް ކޯޓުގެ ހިންގުމާ ހަވާލުވެހުންނެވި ގާޒީ އަލީ ރަޝީދު ހުސެއިންނަށް ވެސް ވަރަށް ރަނގަޅަށް މިހާރު އެނގިވަޑައިގަންނަވާނެ ކަމަށެވެ.
ގާޒީ ހައިލަމްގެ މި ނޫސްބަޔާނާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލާން ހުކުމް ކުރާނެ ކަމުގެ ޔަގީން ކަން ހޯދަން ކްރިމިނަލް ކޯޓުގެ އިސް ގާޒީ  ހައިލަމަށް މެސެޖްކޮށް ގުޅުއްވި ސަރުކާރުގެ އިސް ބޭފުޅުން ހޯދައި އެ މައްސަލަތައް ތަހުގީގު ކުރަން ގޮވާލާ ކަމަށެވެ. 
ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންގްރެސް ޕާޓީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ ރައީސް ސޯލިހާއި ރައީސް ނަޝީދު ގުޅިގެން ޖުޑިޝަރީއަށް ފޯރާ ނުފޫޒުގެ ސަަބަބުން ޖުޑިޝަރީއަށް އޮތް އިތުބާރު ކުރެވެން ނެތް ކަމަށެވެ. އަދި ރައީސް ޔާމީނަށް އިންސާފުވެރި ޝަރީއަތެއް ލިބޭނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
އިދިކޮޅު ލީޑަރުގެ ޝަރީއަތް ބަލަމުންދާ ގާޒީއަކަށް ސަރުކާރުގެ އިސްވެރިންތަކެއް ނުފޫޒު ފޯރުވަން އުޅުމަކީ އާދައިގެ ކަމެއް ނޫން ކަމަށް ޝުޖާއު ވިދާޅުވި އެވެ. އެހެންކަމުން ހައިލަމަށް ނުފޫޒު ފޯރުވަން އުޅުނު ސަރުކާރުގެ އިސް ބޭފުޅުންގެ ނަންތައް ހަމާ ކުރުމަށް ޝުޖާއު ގޮވާލެއްވި އެވެ.
ހައިލަމަށް ސަރުކާރާއި ޖޭއެސްސީގެ ތެރެއިން އައިސްފައިވާ ނުފޫޒުގެ ސަބަބުން ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދަށް ވެސް އެ ނުފޫޒާއި ޕްރެޝަރު އޮންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ޝުޖާއު ވިދާޅުވި އެވެ. އެހެންކަމުން އަދުލުވެރި ގޮތުގައި ކަންކަން ކުރިއަށްގެންދަން އޭނާ ގޮވާލެއްްވި އެވެ.
ކޮންގްރެސް ޕާޓީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވެސް ވިދާޅުވީ ހައިލަމަށް ނުފޫޒު ފޯރުވަން އުޅުނު މައްސަލައަކީ ޝަރުއީ ދާއިރާއަށް ފެތުރިގެން ދިޔަ ބިރުވެރި ކަމެއް ކަމަށެވެ. އެހެންކަމުން ހައިލަމަށް ނުފޫޒު ފޯރުވި މައްސަލަ ތަހުގީގު ކުރަން ފެށުމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް އޭނާ ގޮވާލެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ