ނާޒިމް ސައްތާރަށް ތޫނު އެއްޗަކުން ހަމަލާދީފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރަށް ތޫނު އެއްޗަކުން ހަމަލާދީފިއެވެ.
މި ހަމަލާއާ ގުޅިގެން އޭނާއަށް މިހާރު ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލާފައިވާ ކަމުގެ ރިޕޯޓު ލިބިފައިވަނީ ރޭ ދަންވަރު 12:09 އެހާކަންހާއިރުއެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 49 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި ހާދިސާގައި އަނިޔާވި މީހާގެ ނަން ފުލުހުން ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، އެނގިފައިވާ ގޮތުގައި މި ހަމަލާ އަމާޒުވެފައިވަނީ ނާޒިމް ސައްތާރަށެވެ. މި ހަމަލާ ދިން ގޮތުގެ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
ނާޒިމް ސައްތާރަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް، އޭނާއަށް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލެއް މިހާތަނަށް ސާފުވާ ގޮތް ވަނީ ނުވެފައެވެ.
މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރި ކަމުގެ މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ބުނީ މި މައްސަލަ މިހާރު އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ