އައްޑޫސިޓީއަށް ގްރާންޓް ލިބެނީ އެކަށީގެންވާ ވަރަކަށް ނޫން: އަހުމަދު ދީދީ

އައްޑޫސިޓީއަށް ގްރާންޓް ލިބެނީ އެކަށީގެންވާ ވަރަކަށް ނޫންކަމަށް މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މެމްބަރު ވިދާޅުވީ، އައްޑޫސިޓީގައި ނެގި ވޯޓު ގިނަ ރައްޔިތުން ސިފަކުރަނީ ރައްޔިތުން ބައިބައިކޮށްލުމަށް ނެގުނު ވޯޓެއްގެ ގޮތުގައި ކަމަށެވެ.
ގިނަ މީހުން ސިފަކުރަނީ މިއީ އައްޑޫ ބައިބައިކޮށްލުމަށް ނެގުނު ވޯޓެއްގެ ގޮތުގައި، އެކަތިގަނޑެއްގެ ގޮތުގައި ސިޓީއެއްގެ ގޮތުގައި އޮތް އަތޮޅެއް މި ވަކިވެގެން ދިޔައީ
މެމްބަރު ވިދާޅުވީ، ފޭދޫގެ ރައްޔިތުން އައްޑޫސިޓީން ވަކިނުވާން ނިންމި ނިންމުމަކީ ނުހަނު ރަނގަޅު ނިންމުމެއް ކަމަށާއި، ރަށްތަކަށް ފައިދާވާން އޮތީވެސް އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ކަމަށެވެ. ނަމަވެސް ހުރިހާ ރައްޔިތުންގެ ނިންމުމަށްވެސް މަރުޙަބާ ދަންނަވާކަމަށް މެމްބަރު ވިދާޅުވިއެވެ.
މެމްބަރު އިތުރަށް ވިދާޅުވީ، އައްޑޫސިޓީ ކައުންސިލުން ލިބޭ ބަޖެޓު ބޭނުން ގޮތަކަށް ޚަރަދުކުރާކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް އެކަމުގެ ހެއްކެއް ދެއްކެން ނެތްކަމަށެވެ. އެގޮތުން ހިތަދޫއިން ވަކި ކަމެއް ބޭނުންވެގެން ދެން ހުރި ރަށްރަށުގެ ކަންކަން ހުއްޓުވާފައި ހުރި ޙާލަތެއް ދެއްކިދާނެތޯ މެމްބަރު ސުވާލު ކުރެއްވިއެވެ.
މެމްބަރު ވިދާޅުވީ، ހަގީގަތުގައި އައްޑޫސިޓީއަށް ގްރާންޓް ލިބެނީ އެކަށީގެންވާ ވަރަކަށް ނޫން ކަމަށެވެ. އެހެންކަމުން ހަގީގީ މައްސަލައަކީ އެއީކަމަށް މެމްބަރު ވިދާޅުވިއެވެ. އެކަމުގެ މިސާލެއްގެ ގޮތުގައި މެމްބަރު ވިދާޅުވީ، މުވައްޒަފުންނަށް މުސާރަ ދިނުމާއި، ރިކަރަންޓު ޚަރަދުތަކަށްވެސް ބޭނުންކުރަން ޖެހެނީ ހަމަ އެ ގްރާންޓު ކަމަށެވެ.
އެހެންކަމުން ތަރައްޤީގެ މަޝްރޫއުތަކަށް ބޭނުންކުރަން އެކަށީގެންވާ މިންވަރަށް ބަޖެޓު ނުހުންނަކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
މީގެ އިތުރުން، ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދާ ކަމަށާއި، ރައްޔިތަކަށް ފައިދާވާ ކަމެއްގައި ސަރުކާރުން ފައިސާ ޚަރަދު ނުކުރާ ކަމަށްވެސް މެމްބަރު ވަނީ ވިދާޅުވެފައެވެ.
މެމްބަރު ވިދާޅުވީ ރަށްރަށުގައި ކުރިއަށް ގެންދިޔަ މަޝްރޫއުތައް މި ސަރުކާރާއެކު ހުއްޓިފައިވާ ކަމަށާއި، ކޮންޓްރެކްޓަރުންވެސް ތިބީ މާޔޫސްކަމެއްގެ ތެރޭގައި ކަމަށެވެ. އަދި ކޮންޓްރެކްޓަރުންނަށް ފައިސާ ނުލިބޭ ކަމުގެ ކަންބޮޑުވުން އޮތްކަންވެސް މެމްބަރު ފާހަގަ ކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ