ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސެނެޓުގައި ދިއްގަރު ދާއިރާ ތަމްސީލުކުަރައްވާ އެ ދާއިރާގެ ރައީސްގެ މަގާމުން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ސަސްޕެންޑުކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގައި ވެސް މެއި 31، އާ ހަމައަށް ހުންނެވި ނާޒިމް ޕީއެންސީގެ ދިއްގަރު ދާއިރާ ރައީސްކަމުން ސަސްޕެންޑުކުރިކަން އެ ޕާޓީގެ ބައެއް އިސް މެންބަރުން ވަނީ އަދަދު ނޫހަށް ކަށަވަރުކޮށްދީފަ އެވެ.
މަޖިލިސް ނައިބު ރައީސްކަމުން ނާޒިމް އިސްތިއުފާ ދެއްވީ އޭނާ ވަކިކުރުމަށް ޕީއެންސީގެ 73 މެންބަރުން ސޮއިކުރުމަށް ފަހު ހުށަހެޅި މައްސަލައިގައި ބާއްވަން ތާވަލުކުރި ޖަލްސާ ފެށުމުގެ ކުޑަ ވަގުތުކޮޅެއް ކުރިންނެވެ.
އޭނާ ވަކިކުރަން ޕީއެންސީން މަޖިލީހަށް ހުށަހެޅި ގަރާރުގައި ތުހުމަތުކޮށްފައިވަނީ ނާޒިމް "ވަކި ސިޔާސީ ފިކުރަކަށް ބުރަވެ" މަޖިލީހުގެ ތެރޭގައި މަސްލަހަތު ނަގާލަން މަސައްކަތް ކުރާ ކަމަށެވެ. ނާޒިމްއަށް ޕީއެންސީގެ އިތުބާރު ގެއްލުނު ސީދާ ސަބަބެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
ނަމަވެސް ޕީއެންސީން ކުރި ތުހުމަތުތައް ދޮގުކުރައްވާ ނާޒިމް ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސްގެ ހައިސިއްޔަތުން ނުވަތަ މެންބަރެއްގެ ހައިސިއްޔަތުން ވިޔަސް، ކޮށްފައިވާ ނުވަތަ ނުކޮށް ދޫކޮށްލާފައިވާ ކަމަކާއި ގުޅިގެން އެއްވެސް މެންބަރަކު އޭނާ ގާނޫނުއަސާސީއާ ނުވަތަ މަޖިލީހުގެ ގަވާއިދާ ހިލާފުވިކަމުގެ ޝަކުވާ ކުރިން އުފުލާފައި ނުވާ ކަމަށެވެ.
ޕީއެންސީގެ މަޖިލިސް މެންބަރުން ތިއްބަވާ ދާއިރާތަކުގައި އެ ޕާޓީގެ ސެނެޓުގައި އެ ދާއިރާއެއް ތަމްސީލުކުރަނީ އެ މެންބަރެކެވެ.
ޕީއެންސީ ދިއްގަރު ދާއިރާގެ ރައީސްކަމުން ނާޒިމް ސަސްޕެންޑުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ