އާޔަތުﷲ އަލީ ޚާމަނާއީ އަކީ 1989 ވަނަ އަހަރުން ފެށިގެން އީރާނުގެ އެންމެ މަތީ ވެރިޔާ ނުވަތަ ’ސުޕްރީމް ލީޑަރު‘ ގެ މަގާމު ފުރުއްވަމުން ގެންދަވާ، އެ ގައުމުގެ ސިޔާސީ އަދި ދީނީ ނިޒާމުގެ އެންމެ ވަރުގަދަ ތަނބެވެ. އީރާނުގެ އިސްލާމީ އިންގިލާބަށްފަހު އެ ގައުމު ދެކުނު އެންމެ ނުފޫޒުގަދަ އެއް ޝަޚްސިއްޔަތަކީ އެމަނިކުފާނެވެ. ޚާމަނާއީގެ ޒަޢާމަތަކީ ހުޅަނގުގެ ނުފޫޒާ ދެކޮޅަށް ތެދުވުމާއި، އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ވަރުގަދަ ދައުލަތެއް ބިނާކުރުމުގެ ފަލްސަފާގެ މައްޗަށް ބިނާވެފައިވާ ދައުރެކެވެ.
ކުރީގެ ދިރިއުޅުއްވުމާއި ތަޢުލީމު
ޚާމަނޭއީ އުފަންވެވަޑައިގަތީ 1939 ވަނަ އަހަރު އީރާނުގެ މަޝްހަދުގައެވެ. ދީނީ ޢިލްމުވެރިއެއްގެ އާއިލާއަކަށް އުފަންވެވަޑައިގަތް ޚާމަނޭއީ، ކުޑައިރުއްސުރެ ދީނީ ތަޢުލީމު ހާސިލްކުރައްވައި، އާޔަތުއްލޯ ޚުމައިނީ ފަދަ ބޮޑެތި ޢިލްމުވެރިންގެ އަރިހުން އުގެނިވަޑައިގަތެވެ. ޝާހުގެ ރަސްކަމާ ދެކޮޅަށް ސިޔާސީގޮތުން ހަރަކާތްތެރިވުމުގެ ސަބަބުން އެތައް ފަހަރަކު ޖަލަށްލައި، އަރުވާލެވުނު ނަމަވެސް، އެމަނިކުފާނުގެ އަޒުމަކަށް ބަދަލެއް ނާދެއެވެ.
ވެރިކަމަށް ވަޑައިގަތުމާއި ހަނގުރާމައިގެ ތަޖުރިބާ
1989 ވަނަ އަހަރު އީރާނުގެ އިސްލާމީ އިންގިލާބުގެ ބާނީ އާޔަތުއްލޯ ރޫޙުއްލޯ ޚުމައިނީ އަވަހާރަވުމާ ގުޅިގެން، އީރާނުގެ ޒައާމަތާ ހަވާލުވެވަޑައިގަތީ އަލީ ޚާމަނޭއީއެވެ. މަގާމަށް ވަޑައިގަތުމުގެ ކުރިން، 1980 ގެ އަހަރުތަކުގައި އިރާގާއެކު ކުރެވުނު ލޭއޮހޮރުވުން ބޮޑު ހަނގުރާމައިގެ ދުވަސްވަރު އީރާނުގެ ރައީސްކަން ކުރެއްވީވެސް އެމަނިކުފާނެވެ. މި ހަނގުރާމައިގެ ތަޖުރިބާއަކީ ޚާމަނާއީގެ ސިޔާސީ އަދި ދިފާޢީ ވިސްނުންފުޅު ބައްޓަންކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ކަންތަކެވެ.
ޚާމަނޭއީގެ ޒަޢާމަތުގައި އީރާނުގެ ދިފާއީ ނިޒާމާއި، ގައުމުގެ ބޯޑަރުން ބޭރަށް ނުފޫޒު ފޯރުވާ އަސްކަރީ އޮނިގަނޑު ވަރުގަދަކުރެއްވިއެވެ. ހުޅަނގުގެ ގައުމުތަކަށް އޮންނަ އިތުބާރު ކުޑަވުމުގެ ސަބަބުން، އީރާނަކީ އަބަދުވެސް އަމިއްލަ ދިފާޢުގައި އޮންނަންޖެހޭ ގައުމެއްކަން އެމަނިކުފާނު ކަނޑައެޅުއްވިއެވެ. މީގެ ނަތީޖާއެއްގެ ގޮތުން އިސްލާމީ އިންގިލާބީ ގާޑުން (އައި.އާރު.ޖީ.ސީ) އަކީ ހަމައެކަނި އަސްކަރީ ބާރެއްގެ ބަދަލުގައި، ސިޔާސީ އަދި އިގްތިސާދީ ގޮތުން ނުފޫޒުގަދަ މުއައްސަސާއަކަށް ބަދަލުވެގެން ދިޔައެވެ.
ބައިނަލްއަގުވާމީ މައިދާނުގައި ޚާމަނޭއީ ގެންގުޅުއްވީ ’ދެކޮޅުވެރިވުމުގެ‘ ނުވަތަ ’ރެސިސްޓެންސް‘ ސިޔާސަތެކެވެ. މީގެ ދަށުން ލުބުނާނުގެ ހިޒްބުއްލޯ، ފަލަސްތީނުގެ ހަމާސް، ޔަމަނުގެ ހޫޘީން އަދި ސީރިއާގެ ސަރުކާރާއެކު ވަރުގަދަ އިއްތިހާދެއް އުފެއްދެވިއެވެ. މިއީ މެދުއިރުމަތީގައި އީރާނުގެ ނުފޫޒު ފަތުރައި، ހުޅަނގުގެ ބާރުތަކާ ދެކޮޅަށް އުފެއްދި ’އެކްސިސް އޮފް ރެސިސްޓެންސް‘ އެވެ.
ޚުލާސާކޮށް ދަންނަވާނަމަ، އާޔަތުﷲ އަލީ ޚާމަނާއީ އަކީ ޒަމާނީ އީރާނުގެ ބައްޓަންކުރެއްވި އެންމެ މުހިންމު މިއުމާރެވެ. އެމަނިކުފާނުގެ ސިޔާސަތުތަކުގެ ސަބަބުން އީރާނަކީ ސަރަޙައްދީ ގޮތުންނާއި ބައިނަލްއަޤުވާމީ ގޮތުން ދޫނުދޭނެ ވަރުގަދަ ބާރަކަށް ވަނީ ވެފައެވެ. އެމަނިކުފާނުގެ ވަކިވެދިއުމަކީ މުޅި މެދުއިރުމައްޗަށާއި ބައިނަލްއަގުވާމީ ސިޔާސަތަށް ބޮޑު ލޮޅުމެއް އަރައިގެންދާނެ ކަމެއްކަން ކަށަވަރެވެ.
އާޔަތުﷲ އަލީ ޚާމަނާއީ: އީރާނުގެ ދިފާޢީ އަދި ސިޔާސީ ފަލްސަފާ ބައްޓަންކުރެއްވި ލީޑަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ