މިއަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދުގެ އުފާ ފާޅުކުރުމުގެ ގޮތުން، "ޢީދު ހަވީރު 1447" ގެ ނަމުގައި ގްރޭޓާ މާލެ ސަރަހައްދުގައި ބާއްވާ ޚާއްޞަ ހަރަކާތްތައް މިއަދު ފަށައިފިއެވެ. ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (އެމްއެންޑީއެފް) އިން ވިލަރެސްކޮށްގެން ކުރިއަށްގެންދާ މި ހަރަކާތްތަކަކީ ޢާއިލާތަކަށް އެކުވެރި މާޙައުލެއްގައި ޢީދު އުފާ ފާހަގަކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ރާވާފައިވާ ހަރަކާތްތަކެކެވެ.
މާލޭގައި މި ހަރަކާތްތައް ކުރިއަށްދަނީ ސަލްޓަން ޕާކާއި، ޖުމްހޫރީ މައިދާނުގެ އިތުރުން ރަސްމީ ބޮޑުފާލަން ސަރަހައްދުގައެވެ. މިއަދުން ފެށިގެން ތިން ދުވަހަށް ބަހާލައިގެން ކުރިއަށްދާ މި ހަރަކާތްތަކުގެ ތެރޭގައި ވޯޓަރ ފައުންޓެއިން، ފޯމް ބާތް ޕޫލް، އަދި ރެޕަލިންގ ކުރުން ހިމެނެއެވެ. މީގެ އިތުރުން، ސިފައިން ބޭނުންކުރާ އެކި ބާވަތުގެ ހަތިޔާރާއި އުޅަނދުތައް ދައްކާލުމާއި، ފޮޓޯ ނެގުމުގެ ފުރުޞަތު ވެސް ވަނީ ހުޅުވާލާފައެވެ. މާދަމާ، މޭ 28 ވަނަ ދުވަހު ސިފައިންގެ އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްގެ ޚާއްޞަ ހުށަހެޅުންތަކެއް ވެސް މާލޭގައި އޮންނާނެއެވެ. އަދި ބޭނުންފުޅުވާ ފަރާތްތަކަށް ކެންޓީނުގެ ޚިދުމަތް ވެސް ލިބެން ހުންނާނެއެވެ.
ހުޅުމާލެ ސެންޓްރަލް ޕާކާއި ފޭސް ދޭއްގެ ހިޔާ ޕާކުގައި ވެސް މިއަދުން ފެށިގެން ތިން ދުވަހަށް ހަރަކާތްތައް ކުރިއަށް ދާނެއެވެ. ސެންޓްރަލް ޕާކުގައި ރެޕަލިންގ، ވޯޓަރ ސްލައިޑިންގ އަދި ފޯމް ބާތް ޕޫލް ފަދަ ކުޅިވަރުތައް ހިމެނޭއިރު، ހިޔާ ޕާކުގައި ފަޔަރ އިކުއިޕްމަންޓްސް ދައްކާލުމާއި ޓޭބަލް ލެޑަރއަށް އެރުން ފަދަ ހަރަކާތްތައް އޮންނާނެއެވެ. ހުޅުމާލޭގައި މިއަދާއި މި މަހުގެ 29 ވަނަ ދުވަހު ސިފައިންގެ ޚާއްޞަ ހުށަހެޅުންތައް ފެނިގެންދާނެއެވެ.
ވިލިމާލޭ ފުޓްބޯޅަ ދަނޑުގައިވެސް މި ހަރަކާތްތައް ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. ޖުމްލަ ހަތަރު ދުވަހަށް ބަހާލައިގެން ކުރިއަށްދާ މި ހަރަކާތްތަކުގައި އޮބްސްޓިކަލް ކޯސްތަކާއި ކުޑަކުދިންނާ ގުޅޭ ތަފާތު ކުޅިވަރުތައް އިންތިޒާމް ކުރެވިފައިވެއެވެ.
މި ހަރަކާތަކީ ޢީދުގެ ފޯރި ގަދަކޮށް، ރައްޔިތުންނަށް އުފާވެރި މާޙައުލެއް ބިނާކުރުމަށް ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތައް ގުޅިގެން ކުރިއަށްގެންދާ ވަރަށް ކުލަގަދަ ހަރަކާތެކެވެ. މި އަހަރުގެ ޢީދު ހަވީރުގައި ބައިވެރިވާ އެސްއޯއީތަކުގެ ތެރޭގައި ސްޓެލްކޯއާއި، އެމްޑަބްލިޔުއެސްއީއާއި، ވެމްކޯއާއި، އެމްޕީއެލްއާއި، އެމްޓީސީސީއާއި، އެމްއޭސީއެލްއާއި، މިފްކޯއާއި، އާރުޑީސީއާއި، އެޗްޑީސީ، އެފްޑީސީ، އަދި ޕީއެސްއެމް ހިމެނެއެވެ.
މާލެ ސަރަހައްދުގައި ކުލަގަދަކޮށް "ޢީދު ހަވީރު" ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ