އެމްޑީޕީއަށް ގެއްލުމެއްވާ ގޮތަށް މަސައްކަތެއްކޮށްފައި ނުވާ ކޮންމެ މީހަކަށް ޕާޓީއާއި ގުޅުމުގެ ފުރުސަތު އޮންނާނެކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ މެމްބަރުން ބުނެފި އެވެ.
އެމްޑީޕީގެ ވެރިކަމުގެ ދުވަސްވަރު ރިޔާސީ އިންތިހާބާއި ގާތްވެފައި ވަނިކޮށް ޕާޓީގެ އެތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކުގެ ތެރެއިން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ޕާޓީން ވަކިވެވަޑައިގަތެވެ. އެމްޑީޕީގެ ރައީސްކަމުން ވެސް ރައީސް ނަޝީދު އިސްތިއުފާ ދެއްވިއިރު، އެމަނިކުފާނާއި އަރިސް މެމްބަރުންތަކެއް ވެސް ޕާޓީން ވަކިވި އެވެ.
އެއަށް ފަހު ޑިމޮކްރެޓްސްގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފައްދައި، ރައީސް ނަޝީދު މަސައްކަތް ކުރެއްވީ އެމްޑީޕީއަށް ދެވަނަ ދައުރެއް ގެއްލުވާލުމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޒާތީ ދިރިއުޅުމާއި ގުޅޭގޮތުން ވާހަކަ ދައްކަވައި އެކި ތުހުމަތުތައް ވެސް ކުރައްވާފައި ވެއެވެ.
އޭރު ވެސް ރައީސް ނަޝީދާއި އެމަނިކުފާނުގެ އަރިސް މެމްބަރުން ވިދާޅުވީ، ބޭނުމަކީ ޕާޓީ ރޫޅާލުންކަމަށެވެ. އޭގެ ފަހުން މަޖިލިސް އިންތިހާބުގައި ވެސް ހަމައެގޮތަށް މަސައްކަތް ކުރިއެވެ.
ޑިމޮކްރެޓްސްގެ މާބޮޑު ހަރަކާތެއް މިދިޔަ ދޮޅު އަހަރެއްގެ ތެރޭގައި ކުރިޔަށް ނުގެންދެއެވެ. އަދި ޕާޓީގެ މެމްބަރުން އަލުން އެމްޑީޕީއާއި ގުޅޭ އަޑުތައް ފެތުރިފައިވަނިކޮށް ދެ ޕާޓީ އެކުގައި މަސައްކަތް ކުރުމުގެ ހިޔާލު ރައީސް ނަޝީދު ދެއްވިއެވެ. އަދި އެއަށް ފަހު އިއްޔެ އޮތް ބައްދަލުވުމެއްގައި ވަނީ މެމްބަރުން އަލުން އެމްޑީޕީއާއި ގުޅެން ފާސްކޮށްފައެވެ.
ރައީސް ނަޝީދު އެނބުރި އެމްޑީޕީއަށް އައުމަށް ބައެއް ފަރާތްތަކުން ދެކޮޅު ހަދާފައިވަނިކޮށް، މަޖިލީހުގައި މިއަދު އޮތް ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކުރި ސުވާލަކަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވީ ކޮންމެ ދިވެހިރައްޔިތަކަށް ވެސް އެ ޕާޓީއާއި ގުޅުމުގެ ފުރުސަތު އެބައޮތްކަމަށާއި އަބަދުވެސް އެކަމަށް މަރުހަބާ ކިޔާނެކަމަށެވެ.
މައުރޫފް ވިދާޅުވީ އެމްޑީޕީގެ އުސޫލުތަކާއި ހިލާފުވެ، ޕާޓީއަށް ގެއްލުންވާކަމެއް އެމީހަކުކޮށްފައި ނެތް ނަމަ ޕާޓީއާއި ގުޅުމުގެ ފުރުސަތު އޮންނާނެކަމަށެވެ.
މި މައުޟޫއުގައި މިހާތަނަށް ޕާޓީގައި ރަސްމީކޮށް މަޝްވަރާ ނުކުރާކަން ވެސް މައުރޫފްގެ ވާހަކައިން އެނގެއެވެ.
އެމްޑީޕީއަށް ގެއްލުމެއް ދީފައި ނުވާ ބަޔަކަށް ޕާޓީއާއި ގުޅުމުގެ ފުރުސަތު އޮންނާނެ، މަރުހަބާ ކިޔާނަން: މައުރޫފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ