ފެހި ގާނޫނުއަސާސީ ލިބުނު ފަހުން، ވެރިކަން ބަދަލުކުރަން ދިވެހިން ބޭނުންވާ ކަމަށާއި އެއްވެސް ރައީސަކަށް ދެވަނަ ދައުރެއް ދޭން ދިވެހިންގެ ގިނަ ބަޔަކު ބިރުގަންނަ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - މި މަހު 12 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު ކުރިމަތިލައްވައި އެތެރޭގެ އިންތިހާބުގެ ކެމްޕެއިން ދަތުރުތަކުގައި ބާއްވާ ބައްދަލުވުންތަކުގައި އެ މަނިކުފާނާ އެންމެ ގިނައިން އަމާޒުވަނީ، މިދިޔަ ރިޔާސީ އިންތިހާބުގައި ޕާޓީ ދެބައިވި ކަންކަމާ ގުޅޭ ސުވާލުތަކެވެ.
ރިޔާސީ އިންތިހާބުން އެމްޑީޕީ ނާކާމިޔާބުވީ އޭރުގެ ރިޔާސީ ކެންޑިޑޭޓު އަދި އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މަގުބޫލުކަން ނެތުމުންނާއި އެ ވަރުގެ ފެންވަރެއް ނެތުމުން ކަމަށް ވިދާޅުވަމުން ގެންދެވުމަށް ފަހު، މިއަދު ހއ. މުރައިދޫގައި އަނެއްކާވެސް ރިޔާސީ އިންތިހާބު ގެއްލުނު ސަބަބުތަކާ ގުޅޭ ގޮތުން ނަޝީދު އިތުރަށް ވާހަކަފުޅު ދެއްކެވި އެވެ.
ތަފްސީލް - މުރައިދޫގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުން ބަލިވި މައިގަނޑު ސަބަބަކީ އޭރު ރައީސަކަށް ހުންނެވި ބޭފުޅާ ދެވަނަ ދައުރަކަށް ކުރިމަތިލެއްވުން ކަމަށެވެ. އާ ރިޔާސީ ކެންޑިޑޭޓަކާ އެކު ނުކުތް ނަމަ އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން އޭރު ކޮންމެވެސް ވަރަކަށް ފަސޭހަވީސް ކަމަށް ނަޝީދު ވިދާޅުވި އެވެ.
ރާއްޖޭގެ ތާރީހުގެ ބައެއް ކަންކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ ދިގު ތާރީހެއްގެ ރަސްކަމަކަށް ފަހު، ރަސްކަންތައް ކުޑަވަމުން ގޮސް ޑިމޮކްރެސީއަކަށް ބަދަލުވި ފަހުން އަބަދު ވެސް ދިވެހިންގެ ގިނަ ބަޔަކު ބޭނުންވީ އެއް ދައުރަކަށް ފަހު އަނެއްކާވެސް ވެރިކަން ބަދަލުކުރަން ކަމަށެވެ. ސޯލިހަށް އިންތިހާބު ހޯދުމަށް އެކަމާ ހުރެ ވެސް ދަތިވެގެން ދިޔަ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ދިވެހިން އަބަދު ވެސް ބޭނުންވަނީ ވެރިކަން ބަދަލުކުރަން. 2008ގެ ފަހުން މުޅިން ވެސް އެއް ޓާމެއްގެ ވެރިކަންތައް މި ހިނގަނީ. އަޅުގަނޑުމެންގެ ތެރޭގައި ބިރުވެރިކަމެއް އޮވޭ، ދެވަނަ ދައުރެއް އެކަކަށް ލިބެއްޖެ ނަމަ ހުދުމުހުތާރު ވެރިކަމެއް ކުރާނެ ފުރުސަތު ބޮޑުވެދާނެތީ،" ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ މިހާރު ވެރިކަންކުރާ ޕީއެންސީއަށް ވެސް އެންމެ ރަނގަޅު ގޮތަކީ ރައީސް މުހައްމަދު މުއިއްޒުގެ ބަދަލުގައި އާ ރިޔާސީ ކެންޑިޑޭޓަކު ނެރުން ކަމަށެވެ. ނަމަވެސް އެމްޑީޕީއަށް ރަނގަޅު ވާނީ ރައީސް މުއިއްޒު ދެވަނަ ދައުރެއް ހޯދަން ނުކުންނަން ފުރުސަތު ދިނުމުން ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑަށް ރަނގަޅީ ވެސް ޑރ. މުއިއްޒު ނުކުމެއްޖެއްޔާ. އެހެން ބޭފުޅަކު ނުކުމެއްޖެ ނަމަ އަޅުގަނޑުމެން އެމްޑީޕީން ކޮންމެވެސް ވަރަކަށް ކަންބޮޑުވާން ޖެހޭނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ދެން ބޭނުންފުޅުވަނީ އެ މަނިކުފާނާ ޖެހިގެން އޮތް ހަގު ޖީލުން ވެރިކަމުގެ ޒިންމާތަކާ ހަވާލުވުމަށް ކަމަށް ވެސް ވިދާޅުވި އެވެ. ނަޝީދު ޗެއާޕާސަންގެ ކެމްޕެއިންކުރައްވަނީ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާ އެކުގަ އެވެ. ސިޔާސީ މަސައްކަތްކުރެއްވުމަށް ހިތްވަރު ހުންނެވި ލީޑަރެއްގެ ގޮތުގައި ސިފަކުރެއްވައި ފައްޔާޒަށް ނަޝީދު ވަރަށް ބޮޑަށް ތައުރީފު ވެސް ކުރެއްވި އެވެ.
އެ މަނިކުފާނާއި ފައްޔާޒު އިސްވެ ގާނޫނުއަސާސީ އާއި ވެރިކަންކުރުމުގެ އޮނިގަނޑަށް ބަދަލުތަކެއް ގެނައުމަށް ކުރާ މަސައްކަތަކީ ވެސް ވެރިކަންކުރުމުގެ އުންމީދަކީ ކޮންމެ މީހަކަށް ވެސް ލިބިދެވޭ ވަރުގެ ކަމަކަށް ބަދަލުކޮށް، ރައްޔިތުންގެ ބާރުވެރިކަން އިތުރުކުރުން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"ވެރިކަމުގެ އުންމީދާއި ރައްޔިތުންނަށް ހިދުމަތްކުރުމަށް އެދުމާއި އެ ފުރުސަތަކީ ވަކި އާއިލާތަކަކަށް ވަކި ބަޔަކަށް ލިބޭ އެއްޗަކަށް ނުވެ، ކޮންމެ ރައްޔިތަކަށް ވެސް އޮތް ފުރުސަތަކަށް ހެދުން އަޅުގަނޑުމެން މިކުރާ މަސައްކަތުގެ ބޭނުމަކީ ވެސް،" އެ މަނިކުފާނު ވިދާޅުވި އެވެ.
ވެރިކަމުގެ ދެވަނަ ދައުރެއް އެކަކަށް ދޭން ދިވެހިން ބިރުގަނޭ: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ