ސެސޭޝަން ކްލިނިކްތަކުގެ އެހީތެރިކަމާއެކު މިދިޔަ އަހަރުގެ ތެރޭގައި 200 އަށްވުރެ ގިނަ މީހުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލައިފިއެވެ. މިމުއްދަތުގެ ތެރޭގައި ސެސޭޝަން ކްލިނިކްތަކުން ހާހެއްހާ ގިނަ މީހުންވަނީ ފަރުވާ ހޯދާފައެވެ.
ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަކީ ބައެއް ފަރާތްތަކަށް އެކަމުގައި ގިނަ ހުރަސްތަކެއް ކުރިމަތިވާކަމެކެވެ.
އެހެންކަމުން އެކަމުގައި ސިއްޙީގޮތުން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ރާއްޖޭގެ ސިއްޙީ ނިޒާމުގައި އެކަން ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު މިހާރުވަނީ ޤާއިމުކޮށްފައެވެ. ދުންފަތާ ދެކޮޅަށް ސަރުކާރުން އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކުގެ ތެރެއިން މިވަބާއިން ސަލާމަތްވުމަށް އެދޭ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން މާލެ ސަރަޙައްދުގައި 4 ސެންޓަރު އަދި އަތޮޅުތަކުގެ ސިއްޙީ ފަރުވާ ފޯރުކޮށްދޭ ހުރިހާ މަރުކަޒެއްގައި މިޚިދުމަތްވަނީ ޕަބްލިކް ހެލްތުގެ ދަށުން ޤާއިމުކޮށްފައެވެ.
މިއާއެކު ނިމިދިޔަ 2025 ވަނަ އަހަރު 225 މީހަކުވަނީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާފައެވެ. މީގެ ތެރޭގައި މާލެ ސަރަޙައްދުން ހުއްޓާލި، 187 މީހަކާއި އަތޮޅުތަކުން ހުއްޓާލި 68 މީހެކެވެ. ސެސޭޝަން ފަރުވާ ހޯދާފައިވާ 1045 މީހުން ތިބިއިރު މީގެތެރޭގައި 982 ފިރިހެނުންނާއި 63 އަންހެނުން ހިމެނެއެވެ. މީގެތެރެއިން 580 އަށްވުރެ ގިނަ މީހުން ފަރުވާ ހޯދާފައިވަނީ މާލެ ސަރަޙައްދުގައެވެ.
ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށްޓަކައި ފޯރުކޮށްދޭ ފަރުވާ ބިނާވަނީ "ނޭޝަނަލް ޓޮބޭކޯ ސެސޭޝަން ޓޫލް ކިޓް"އަށެވެ. މީގެދަށުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް އެދޭ ފަރާތުގެ އެސެސްމަންޓެއް ހެދުމަށްފަހު ދުންފަތަށް ދެވިހިފާފައިވާ މިންވަރު ދެނެގަނެ، ކައުންސިލިންގ ދިނުމާއި، އާދަތައް ބަދަލުކުރުމަށް ބާރުއެޅުމާއި، ނިކޮޓިން ރިޕްލޭސްމަންޓް ތެރަޕީގެ އެހީ ފޯރުކޮށްދިނުމާއި، އަނބުރާ ދުންފަތުގެ އިސްތިއުމާލުކުރުމަށް ދިޔުމުން ހުއްޓުވުމަށް ކުރެވޭ މަސައްކަތްތައް ފަރުވާގެ ތެރޭގައި ހިމެނެއެވެ. މާލެ ސަރަޙައްދުގައި ސެސޭޝަން ކްލިނިކްތައް ޤާއިމުކޮށްފައިވަނީ އައިޖީއެމްއެޗާއި، ހުޅުމާލޭ ހޮސްޕިޓަލާއި، ދަމަނަވެއްޓާއި، އޭޑީކޭ ހޮސްޕިޓަލުގައެވެ.
ދުންފަތާދެކޮޅަށް ސަރުކާރުން ބޮޑެތި ފިޔަވަޅުތަކެއް އަޅަމުންދާއިރު ހުއްޓާލުމަށް އެދޭ ގިނަ ބަޔަކު ތިބިކަންވެސް ފާހަގަކުރެވެއެވެ. އަދި މިކަމުން އަރައިގަނެވިފައިވާ މީހުންގެ އެންމެ ބޮޑު އެދުމަކީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ފަރާތްތަކުން މިވަބާއާއި ދުރުހެލިވުމަށެވެ. ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރަން ފަށާ އެންމެ ހަގު ޢުމުރަކީ، އުމުރުން 8 އަހަރުކަންވަނީ ހާމަވެފައެވެ.
މިދިޔަ އަހަރު 225 މީހުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ