މާލޭ ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައި އަޅާފައި އޮތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބާޖަކުން ކޮންޓެއިނަރުތަކެއް ކަނޑަށް ވެއްޓި، އޮޔާދާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސް ކުރައްވައިފިއެވެ.
ފުލުހުން ބުނީ، ބާޖުން ކޮންޓެއިނަރުތަކެއް ކަނޑަށް ވެއްޓިގެން އޮޔާދާ ކަމުގެ މައުލޫމާތު އެމްޕީއެލް އިން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ 23:10 އެހައިކަންހާއިރު ކަމަށެވެ.
މި ކޮންޓެއިނަރުތައް އޮޔާދާނެ ކަމަށް ބޮޑަށް ލަފާކުރެވެނީ ދޫނިދު އާއި ފޭދޫފިނޮޅާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
"މާލޭ ސަރަހައްދުގައި ކަނޑުދަތުރު ކުރާ ފަރާތްތަކުން، އެ ސަރަހައްދުން ދަތުރުކުރުމުގައި ހާއްސަ ސަމާލުކަމެއް ދީގެން ފަރުވާތެރިކަމާއެކު ދަތުރުކުރުމަށް އިލްތިމާސްކުރަން." ފުލުހުން ވަނީ ބުނެފައެވެ. މީގެ އިތުރުން މި ދުވަސްވަރަކީ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވެ، ވިއްސާރަކުރަމުންދާ ދުވަސްވަރަކަށް ވުމުން، ކަނޑުދަތުރުފަތުރު ކުރާ ހުރިހާ ފަރާތްތަކުން ވެސް މޫސުމަށާއި ކަނޑުމަތީގެ ސަލާމަތްތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާއި ބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެެ.
މި ހާދިސާގައި ޖުމުލަ ފަސް ކޮންޓޭނަރު މޫދަށް ވެއްޓި އޮޔާ ގޮސްފައިވާއިރު، އޭގެ ތެރެއިން މިހާތަނަށް ދެ ކޮންޓޭނަރު ފެނިފައި ވާ ކަމަށާއި އަދި ބާކީ ތިން ކޮންޓޭނަރު ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރަމުން ދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ބާޖަކުން ކަނޑަށް ވެއްޓުނު ކޮންޓެއިނަރުތަކެއް އޮޔާދާތީ ސަމާލުވާން އިލްތިމާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ