ބާރަށުގައި ހުރި އިތުރު އާސާރުތައް ހިމާޔަތްކުރަނީ

ހއ. ބާރަށުގައި ހުރި އާސާރީ ތަންތަން ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް އިތުރު މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް އުތީމާއި، ތަކަންދޫ އަދި ބާރަށުގައި ހުރި އާސާރީ ބިނާތައް ހިމާޔަތްކުރުމަށް ކުރިއަށްދާ މަސައްކަތްތައް ބައްލަވައިލެއްވުމަށާއި، ކުރިއަށް އޮތް ޤައުމީ ދުވަހުގެ ތައްޔާރީތައް އޮޅުންފިލުއްވުމަށް އެ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ބާރަށަށް ވަޑައިގެން އެރަށުގެ ތާރީޚީ ބިނާތައް ބައްލަވައިލެއްވުމަށްފަހުގައެވެ.
މި ދަތުރުފުޅުގެ ތެރެއިން ބާރަށު ކައުންސިލާ ބައްދަލުކުރައްވައި، ރަށުގެ ތަރިކަ ހިމާޔަތްކުރުމަށް ކުރިއަށްދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތާއި މަސައްކަތްތައް ތަރުތީބުވެފައިވާ ގޮތް ވަޒީރު ވަނީ އޮޅުންފިލުއްވާފައެވެ. އަދި މިކަމުގައި ކައުންސިލާއި ރަށުގެ ރައްޔިތުންގެ ބޭނުންވާ ގޮތްތައްވެސް ވަޒީރު ވަނީ އޮޅުންފިލުއްވާފައެވެ.
ވަޒީރު ވިދާޅުވީ މިހާރު ހިނގަމުންދާ މަޝްރޫޢުތަކުގެ އިތުރުންވެސް، ބާރަށުގައި ހުރި ޒަމާންވީ އެހެނިހެން އާސާރީ ތަންތަން ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީ މުހިންމު ކަމެއް ކަމުގައެވެ. އެހެންކަމުން، އެ ތަންތަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުމަށްޓަކައި ކައުންސިލްގެ ތަޞައްވުރާއި ރައްޔިތުންގެ ޚިޔާލު ހޯއްދަވާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"މިރަށުގައި އެބަހުރި މި މިސްކިތް ކަހަލަ ވަރަށް ބައިވަރު ތަންތަން މިގޮތައް ބަލަހައްޓަންޖެހޭ. އާސާރުގެ ގޮތުގައި އެހެންވީމައި ކުރިއަށް އޮތްތަނުގައި ވުޒާރާއާއި ކައުންސިލާއި ގުޅިގެން މިތަންތަން އިތުރަށް ބަލައްޓައި ރައްކާތެރިކުރުމުގެ މަސައްކަތްތައް ކައުންސިލާއި މަޝްވަރާކޮށް އެކަން ގެންދެވެނޭ ގޮތަކަށް މަސައްކަތްތައް ކުރިއަށްގެންދާނަން" ވަޒީރު ހީނާ ވިދާޅުވިއެވެ.
ހއ. ބާރަށުގައި މިހާރު ކުރިއަށްދާ ތަރައްޤީގެ މަޝްރޫއުތަކުގެ ތެރޭގައި، ކަމަނާމަގު ސާފުކޮށް ތަރައްޤީކުރުމާއި، ކަޅުއޮށްފުންމި ބަނދެފައިވާ ތާރީޚީ ސަރަހައްދު އަދި ވާރުގެ ތަރައްޤީކުރުމުގެ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ. ވަޒީރު ވިދާޅުވި ގޮތުގައި، މި ހުރިހާ މަޝްރޫއުތަކެއްވެސް މިއަހަރުގެ ޤައުމީ ދުވަހުގެ ކުރިން ނިންމުމަށް އަމާޒު ހިފައިގެން ބާރުސްޕީޑުގައި މަސައްކަތްތައް ދަނީ ކުރިއަށެވެ.
ވަޒީރު ބާރަށަށް ކުރެއްވި މި ދަތުރުފުޅުގައި އެ ރަށުގެ އާސާރީ ބިނާތަކަށް ޒިޔާރަތްކުރައްވައި، ކަޅުއޮށްފުންމި ބަނދެފައިވާ ސަރަހައްދާއި ވާރުގެ ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ވަނީ ބައްލަވާލައްވާފައެވެ. މީގެ އިތުރުން، ތާރީޚީ ކަޅުއޮށްފުންމި ބޭއްވުނު އޮޅުފަތި ކޯރަށާއި، އެ އޮޑި އައްސާފައި ބޭއްވުމަށް ބޭނުންކުރި ތިން ބެރެބެދިގަސް ހުރި ސަރަހައްދަށް ޒިޔާރަތްކުރައްވައި އެ ތަންތަން ބައްލަވާލެއްވިއެވެ. މި ދަތުރުފުޅުގައި ރަށުގެ އެކި ކުޅިތަކަށާއި، ތާރީޚީ ހުކުރު މިސްކިތުގެ އިތުރުން، ރަށުގެ ފާހަގަކޮށްލެވޭ މުހިންމު އެހެނިހެން އާސާރީ ތަންތަނަށްވެސް ވަޒީރު ޒިޔާރަތްކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ