ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލު ގެންނަނީ އަލަކަށް ނޫން، ކުރިން އެ ނިންމުމަށް ޗެލެންޖެއް ނުކުރޭ: ހުސްނީ

ކޯޓުތަކާބެހޭ ޤާނޫނަށް އިސްލާޙުގެނެސް މީގެ ކުރިންވެސް ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދު ދަށްކުރި ކަމަށާއި، ނަމަވެސް އެ އިސްލާޙުތަކަށް އެއްވެސް ކޯޓަކުން ޗެލެންޖުކޮށްފައިނުވާކަމަށް މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކް ވިދާޅުވެއްޖެއެވެ.
ޖުޑީޝަރީ ކޮމިޓީގެ މުޤައްރިރުކަންވެސް ކުރައްވާ ހުސްނީ މި މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވީ، މިއީ އަލަށް ގެނެސްފައިވާ އިސްލާޙެއް ނޫން ކަމަށާއި، ކުރިންވެސް ހަމަ މިގޮތަށް އިސްލާޙު ގެނެސްފައިވާ ކަމަށެވެ. އެގޮތުން އޭރުވެސް ސުޕްރީމް ކޯޓުގެ 7 ފަނޑިޔާރުންގެ ތެރެއިން 2 ފަނޑިޔާރަކު ވަކިކުރެވުނުކަން ފާހަގަ ކުރައްވައި މެމްބަރު ވިދާޅުވީ، މިހާތަނަށް އެއްވެސް ކޯޓެއްގައި އޭރު ކޯޓުތަކުގެ ޤާނޫނަށް ގެނައި އިސްލާޙާއި އެ ނިންމުންތަކާމެދު ”ޗެލެންޖުކޮށްފައި“ ނުވާ ކަމަށެވެ.
މިއީ އަލަށް ކުރާ ކަމެއް ނޫނޭ މިއީ، މި ޤާނޫނުއަސާސީގެ ދަށުން މީގެ ކުރިން އެފަދަ ޤާނޫނަކަށް އަމަލުކޮށްފައިވޭ، އެ ޤާނޫނުގެ ވެލިޑިޓީއާމެދު އެއްވެސް ކޯޓަކުން ސުވާލެއް އުފައްދައި އެފަދަ އެއްވެސް ކަމެއް ކޮށްފައެއް ނުވޭ، އެހެންކަމުން އެކަންކަމުގެ މައްޗަށް ރިއާޔަތްކޮށް އަޅުގަނޑުމެން ކޮމިޓީންވެސް ނިންމުންތައް ނިންމީ
މި ބިލު ބުދަ ދުވަހު މަޖިލީހުން ފާސްކޮށްފައިވާއިރު، އަންގާރަ ދުވަހު ދެފަހަރެއްގެ މަތިން ޖުޑީޝަރީ ކޮމިޓީގައި ބިލުގެ މަޝްވަރާތައް ކޮށްފައިވެއެވެ. އެގޮތުން ކޮމިޓީ މަރުޙަލާގެ މަސައްކަތް ދިޔަގޮތަށް ބަލާއިރު، މަޖިލީހުގެ ކައުންސެލް ޖެނެރަލްއަށް ބިލާ ގުޅޭ ގޮތުން ހިޔާލު ދެއްވުމަށް ފޮނުވުމުން، ގިނަ ސުވާލުތަކެއް ކައުންސެލް ޖެނެރަލް އުފައްދަވާފައިވެއެވެ. އޭގެ ތެރޭގައި ދިވެހިރާއްޖޭގެ ކޯޓުތަކުން ކޮށްފައިވާ ހުކުމްތަކަށް ބަލާއިރު ދައުލަތަށް ހިދުމަތްކުރާ، ދައުލަތުން އުޖޫރަ ލިބޭ މީހަކު ވިޔަސް އެ މީހަކާ ދޭތެރޭ ތުހުމަތެއްކޮށް އެ ކަމަކީ އެ މީހަކަށް އެ ކަމުގެ އަސަރުކުރާނެ ކަމެއް ނަމަ އެ ކަމެއް އެ މީހަކަށް އަންގައި އެކަމާ ގުޅޭ ގޮތުން އެ މީހަކަށް ޖަވާބުދާރީވެ ދިފާއުވުމުގެ ހައްގު ލިބެންވާނެކަމަށް ބަޔާންކުރެއްވުން ހިމެނެއެވެ.
މީގެ އިތުރުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަށް ބަދަލު ގެންނަން މި ފާސްކުރާ ގާނޫނަށް ތަބާވުމަށްޓަކައި، ފަނޑިޔާރުންތަކެއް ގާބިލް ނޫން ކަމަށް ކަނޑައަޅަންޖެހޭ ފަދަ ހާލަތެއް ޖޭއެސްސީގެ މައްޗަށް އުފެދި އެ ފަނޑިޔާރުން މަގާމުން ވަކިކުރުމަކީ އިންސާފުވެރި ގޮތެއްކަމާ މެދު ސުވާލު އުފެދޭކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.
މި ބިލު ފާސްކުރިފަހުން ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރެއްގެ ޖިނާއީ މައްސަލަތަކެއް ބަލަމުންދާކަމަށް ޖޭއެސްސީން ވަނީ އެ ކޯޓަށް އަންގާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ