މި އަހަރުގެ ދެވަނަ ކުއާޓަރުގައި ރެކޯޑު އަދަދަކަށް ކްރިޕްޓޯ ހެކްކޮށްފި
މި އަހަރުގެ ދެވަނަ ކުއާޓަރަކީ ކްރިޕްޓޯގެ ތާރީޚުގައިވެސް އެންމެ ގިނައިން ހެކިންގް ހަމަލާތައް ކުރިމަތިވި ކުއާޓަރުގެ ގޮތުގައި ރެކޯޑު ކުރެވިއްޖެއެވެ. މާކެޓް އިންސައިޓްސް ފޯރުކޮށްދޭ "އަންފޯލްޑަޑް" އިން ޑިފައިލާމާގެ ހިސާބުތަކަށް ބިނާކޮށް އާންމުކުރި ރިޕޯޓެއްގައިވާ ގޮތުން، މިހާތަނަށް މި ކުއާޓަރުގައި އެކަނިވެސް ކްރިޕްޓޯ ޕްރޮޓޮކޯލްތަކަށް އަމާޒުކޮށް 83 ހެކިން ހަމަލާއެއް ވަނީ ދީފައެވެ. މި ކުއާޓަރުގައި ހިނގި ހުރިހާ ހަމަލާތަކެއްގައި ގެއްލުނު ފައިސާގެ ޖުމްލަ އުޅެނީ 755.3 މިލިއަން އެމެރިކާ ޑޮލަރުގައެވެ. މިއީ ހަމަލާތަކުގެ އަދަދަށް ބަލާއިރު ރެކޯޑު އަދަދެއް ނަމަވެސް، ގެއްލުނު ފައިސާގެ ނިސްބަތަށް ބަލާއިރު ކްރިޕްޓޯ ތާރީޚުގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު 2020 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރާ އަޅާބަލާއިރު މިއީ މާ މަދު އަދަދެކެވެ. އެ ފަހަރު ކްރިޕްޓޯ ވައްކަންތަކުގައި 3.56 ބިލިއަން ޑޮލަރު ގެއްލިފައިވެއެވެ. https://sun.mv/173618 މި ފަހަރުގެ އެންމެ ބޮޑު ދެ ހަމަލާ އަމާޒުވެފައިވަނީ ކެލްޕްޑީއޭއޯ އަދި ޑްރިފްޓް ޕްރޮޓޮކޯލް އަށެވެ. މީގެ ތެރެއިން ކެލްޕްޑީއޭއޯ އިން 293 މިލިއަން ޑޮލަރު އަދި ޑްރިފްޓް ޕްރޮޓޮކޯލް އިން 280 މިލިއަން ޑޮލަރު ހެކަރުން ވަނީ ފޭރިގެންފައެވެ. މާހިރުން ބުނާ ގޮތުގައި ހަމަލާތައް ގިނަވެފައި ލިބުނު ޖުމްލަ ގެއްލުން ކުޑަވުމުގެ މާނައަކީ ހެކަރުންނަށް އަތުލައިގަނެވޭނެ ފަދަ ބޮޑެތި ފަންޑުތައް މިހާރު މަދުވުމެވެ. މީގެ އިތުރުން، ޑީފައި ނިޒާމުގައި ދައުރުވާ ފައިސާގެ އަދަދު ކުރިން އޮތް 164 ބިލިއަން ޑޮލަރުން 73 ބިލިއަން ޑޮލަރަށް ވަނީ ދަށަށް ގޮސްފައެވެ. މި ކުއާޓަރުގައި އެންމެ ގިނައިން ބޭނުންކޮށްފައިވަނީ ބްރިޖް އެކްސްޕްލޮއިޓްސް ނުވަތަ ނެޓްވޯކްތައް ގުޅުވައިދޭ ބްރިޖްތަކަށް ދިން ހަމަލާތަކެވެ. މިފަދަ ހަމަލާތަކުގައި އެކަނިވެސް 351 މިލިއަން ޑޮލަރު ވަނީ ވަގަށް ނަގާފައެވެ. މީގެ އިތުރުން އެޑްމިން އެކައުންޓްތައް ހެކްކުރުމާއި، ފޭކް ޓޯކަން އަގުތައް އުފެއްދުން ފަދަ އުކުޅުތައް ހެކަރުން ވަނީ ބޭނުންކޮށްފައެވެ. ދާދިފަހުން ހިނގި އެހެން ހާދިސާތަކަށް ބަލާއިރު، ތައިކޯ ނަމަކަށް ކިޔާ އެތީރިއަމް ލޭޔަރ-2 ބްލޮކްޗެއިންއެއްގެ ބްރިޖް ޕްރޮޓޮކޯލްތަކަށް ދިން ހަމަލާއެއްގައި 1.7 މިލިއަން ޑޮލަރު ވަނީ ގެއްލިފައެވެ. އެހެންކަމުން އެ ނެޓްވޯކް ބޭނުންކުރާ ފަރާތްތަކުން ވީ އެންމެ އަވަހަކަށް ފައިސާ އަނބުރާ ނެގުމަށް އެ ކުންފުނިން މިހާރު ދަނީ އިލްތިމާސްކުރަމުންނެވެ. ސީކްރެޓް ނެޓްވޯކް ބްރިޖް އަދި ތޯރޗެއިން އަށްވެސް މި ކުއާޓަރުގައި ބޮޑެތި ހަމަލާތަކެއް ވަނީ ކުރިމަތިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ