ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ދެކެވޭ ވާހަކަ ބަންޑާރަ ނައިބު އަހުމަދު އުޝާމް ދޮގު ކުރައްވައިފިއެވެ.
ގާނޫނުއަސާސީގެ ދިފާއުގައި ނަމުގަ އެމްޑީޕީން ކުރިޔަށް ގެންދިޔަ ޖަލްސާގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ބަދަލު ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމުގެ ތުހުމަތު ކުރެއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ސަރުކާރުން ނުފޫޒު ފޯރުވުމަށްޓަކައި މި ބަދަލު ގެނައުމަށް ނިންމާފައިވާކަމަށް ތުހުމަތު ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ އޭގެ ބޭނުމަކީ ޖުޑިޝަރީގެ ކޮންޓްރޯލް ވެސް ނެގުން ކަމަށެވެ.
މިފަދަ އެއްވެސް ބަދަލެއް ގެނައުމުގެ ނިޔަތެއް އެބައޮތް ތޯ މީޑިއާތަކުން ސުވާލު ކުރުމުން އުޝާމް ވިދާޅުވީ މި ސަރުކާރުން އަބަދުވެސް ގެންގުޅެމުން އައި ސްޓޭންޑަކީ މިނިވަން ޖުޑިޝަރީއެއް އޮތުން ކަމަށެވެ. އަދި މިހާތަނަށް ވެސް ދަމަހައްޓަމުން އައި ސިޔާސަތަކީ އެއީކަން ފާހަގަކުރެއްވި އެވެ.
އުޝާމް ވިދާޅުވީ ސުޕްރީމް ކޯޓުގެ ބެންޗު ނުވަތަ އެހެން ކޯޓެއްގެ ފަނޑިޔާރެއް ވެސް ވަކިކޮށް ބެންޗު ބަދަލު ކުރުމަށް އެއްވެސް މަސައްކަތެއް ކުރަމުން ނުދާކަމަށެވެ.
މީގެއިތުރުން އުޝާމް ވިދާޅުވީ ފަނޑިޔާރުންނާއި ގުޅޭ ސުލޫކީ މައްސަލައެއް ފެންމަތިކޮށް، ޒާތީ ގޮތުން ޖައްސާލައި އެ ފަނޑިޔާރެއްގެ މައްސަލަ ތަހުގީގު ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވެސް ނާންގާނެ ކަމަށެވެ.
ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ބެންޗު ބަދަލު ކުރީ އެމްޑީޕީކަން އުޝާމް ފާހަގަކުރެއްވި އެވެ. އަދި އޭރު ފަނޑިޔާރުންނާއި ގުޅޭ ގިނަ ސުލޫކީ މައްސަލަތައް ވެސް ޖޭއެސްސީން ބަލާފައިވާކަން ފާހަގަކުރެއްވި އެވެ.
ރައީސް ސޯލިހުގެ ވެރިކަމުގައި ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީން ބަލަން ފެށިއެވެ. މިހާރު ބެންޗުގައި ތިއްބެވި ހަތް ފަނޑިޔާރުން ވެސް އައްޔަނުކޮށްފައި ވަނީ ކުރީ ސަރުކާރުންނެވެ.
އަހަރެއް ތެރޭ ސުޕްރީމް ކޯޓުގެ ބެންޗު ބަދަލު ކުރީ އެމްޑީޕީ، މި ސަރުކާރުގެ އެފަދަ ވިސްނުމެއް ނެތް: އުޝާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ