ޒެންޑޭޔާއާ ކައިވެނިކޮށްފައިވާ ކަމުގެ އިޝާރާތެއް ޓޮމް ދީފި

ހޮލީވުޑްގެ ޒުވާން ފިލްމީ ތަރިން ކަމަށްވާ ޒެންޑޭޔާ އާއި ޓޮމް ހޮލެންޑްގެ ކައިވެނީގެ ވާހަކަތައް ދެކެވެމުން އަންނަތާ މަސްތަކެއްވެފައި ވަނިކޮށް ދެ މީހުންގެ ކައިވެނި ކުރެވިފައިވާ ކަމުގެ އިޝާރާތެއް ޓޮމް ދީފިއެވެ. އެމެރިކާގެ މަޖައްލާއެއް ކަމަށްވާ 'އެސްކުއަޔަ'އަށް ދިން އިންޓަވިއުއެއްގައި ހޮލަންޑް ވަނީ، އިޓަލީގެ ލޭކް ކޯމޯގައި މި ދެމީހުންގެ ކައިވެނީގެ ހަފުލާ ބޭއްވި ކަމަށް ދައްކުވައިދޭ، އޭއައި ފޮޓޯތަކާ ބެހޭގޮތުން ވާހަކަ ދައްކާފައެވެ. ސޯޝަލް މީޑިއާގައި ވަރަށް ބާރަށް ފެތުރުނު މި ފޮޓޯތަކުގެ ސަބަބުން، ހޮލަންޑްގެ މާމައަށް ވެސް އެއީ އަސްލު ފޮޓޯތަކެއް ކަމަށް ހީވެ، ކައިވެނީގެ ހަފުލާގައި ބައިވެރިނުވެވުނީ ކަމަށް ހީކޮށް ކަންބޮޑުވުން ފާޅުކުރި ކަމަށް ޓޮމް ވަނީ ބުނެފައެވެ. ޓޮމް ހޮލެންޑް ލޯބިވެރިޔާ ޒެންޑޭޔާއާ އެކު--ފޮޓޯ/ޕީޕްލް އެ ފޮޓޯތަކަކީ އަސްލެއް ނޫންކަން އާއިލާގެ އެހެން މެންބަރުންނަށް ކިޔައިދީ، އެމީހުން ހަމަޖައްސަން ޖެހުނުތޯ ސުވާލު ކުރުމުން ހޮލަންޑް ބުނީ، ނަސީބަކުން އެކަން ކުރަން ނުޖެހުނު ކަމަށެވެ. ސަބަބަކީ އެ އެންމެން އެތަނުގައި (ކައިވެނީގައި) ތިބި ކަމަށް ޓޮމް ވަނީ ބުނެފައެވެ. މި ޖަވާބާ އެކު، ހޮލަންޑް އާއި ޒެންޑޭއާ މިހާރު ކައިވެނިކޮށްފި ކަމަށް ބެލެވޭ ވާހަކަތައް ވަނީ އިތުރަށް ގަދަވެފައެވެ. މި ދެ ތަރިންގެ ކައިވެނީގެ އަޑުތައް ފެތުރޭތާ މަސްތަކެއް ވެފައިވާއިރު، މިދިޔަ އަހަރުގެ ގޯލްޑަން ގްލޯބްސް އެވޯޑް ހަފުލާގައި ޒެންޑޭއާ އަލިމަސް އަނގޮޓިއެއް އަޅައިގެން ހުރުމުން ވެސް މި ޝައްކުތައް އިތުރުވިއެވެ. މީގެ އިތުރުން، ޒެންޑޭއާގެ ސްޓައިލިސްޓް ލޯ ރޯޗް ވެސް މިއަހަރުގެ ކުރީކޮޅު ދިން އިންޓަވިއުއެއްގައި، ދެ ތަރިން ކައިވެނިކޮށްފި ކަމަށް ބާރުދޭ ފަދަ ގޮތަކަށް ވާހަކަ ދައްކާފައިވެއެވެ. އިންޓަވިއު ކުރި ފަރާތުން ކައިވެނި ކުރެވިފައިވާކަން ކުރިން ނޭނގޭ ކަމަށް ބުނުމުން، ހޮލަންޑް ވަނީ އެކަމާ ގުޅޭގޮތުން އިތުރު ތަފްސީލެއް ދޭން ބޭނުންނުވާ ކަމަށް ބުނެފައެވެ. ކައިވެނީގެ އިތުރު ތަފްސީލެއް ނުދިން ނަމަވެސް، އޭނާ ވަނީ ޒެންޑޭޔާއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. މި ދެ ތަރިން ވަނީ "ސްޕައިޑަމޭން"ގެ ހަތަރު ފިލްމެއްގައި އެކުގައި މަސައްކަތްކޮށްފައެވެ. އޭގެ ތެރޭގައި ކުރިއަށް އޮތް ޖުލައި މަހު ރިލީޒްކުރާ "ސްޕައިޑަމޭން: ބްރޭންޑް ނިއު ޑޭ" ހިމެނޭއިރު މިއަދު ސިނަމާތަކަށް ގެންނަ ކްރިސްޓޮފާ ނޯލަން ޑައިރެކްޓްކުރާ "ދަ އޮޑިސީ" އިންވެސް މި ދެ ތަރިން ފެންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ