އިދިކޮޅު ފަރާތްތަކުން މިހާރު ކުރިއަށް ގެންދާ ހަރަކާތްތަކުގައި ޖޭޕީ އިން ބައިވެރި ނުވާ ކަމަށާއި އިދިކޮޅު އެއްވެސް ޕާޓީއަކާ ވެސް ގުޅިގެން މަސައްކަތް ނުކުރާ ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ވީޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ އަދާލަތާއި އެމްޑީޕީ އިން ކުރާ މަސައްކަތްތަކުގައި އެ ޕާޓީގެ ބައެއް ބޭފުޅުން ބައިވެރިވެގެން އުޅެނީ އަމިއްލަ ހައިސިއްޔަތުން ކަމަށާއި އެކަމުގައި ޖޭޕީގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ. އަދި އެއްވެސް ޕާޓީއަކާ ގުޅިގެން ވަކި ގޮތަކަށް މަސައްކަތް ކުރުމަށް ވެސް އެ ޕާޓީ އިން ނިންމާފައި ނޯންނާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"މިހާރު މިދާ ހަރަކާތްތަކުގައި އެއްވެސް ބައިވެރިވުމެއް ނޯންނާނެ، އަދި ކައުންސިލަކުން ވެސް އެފަދަ ނިންމުމެއް ނިންމާފައި ނޯންނާނެ. އަމިއްލަ ގޮތުން ބަޔަކު ބައިވެރިވިޔަސް އެކަމުގައި އަޅުގަނޑަކަށް ކުރެވޭނެ ކަމެއް ނެތް،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވެރިކަން ހޯދައިދޭން މަސައްކަތް ނުކުރާ ކަމަށެވެ. އަދި އެމަނިކުފާނު ދެއްކިހާ ވެސް ވާހަކަ އަކީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ދައުވާ ކުރުމުން އެކަމުގެ އެރި އޮޅުންތަކެއްގެ ވާހަކަ ކަމަށެވެ. ނަޝީދާ މެދު ކޮށްފައިވާ ހުކުމާ މެދުވެސް ވިދާޅުވާ، އެކަމ ބުނާނެ އެއްޗެއް ނެތް ކަމަށެވެ. އަދި ވެރިކަމަށް ދަހިވެތިވެގެން ވެސް ނޫޅުއްވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"ގާނޫނު އަސާސީގައި ވެރިކަމަށް އާދެވޭނެ ގޮތް އަޅުގަނޑަށް އެބަ އިނގޭ. އެއީ އަޅުގަނޑަކީ ގާނޫނު އަސާސީ ލިޔުމުގައި އުޅުނު މީހެއް. ބައެއް ބޭފުޅުން އަޅުގަނޑު ވެރިކަމަށް މިހާރު ދަހިވެތިވެގެން އުޅެނިއްޔޭ ކިޔައިގެން، އެއީ ހަމަ ބޮޑު ދޮގެއް،" ގާސިމް ވިދާޅުވި އެވެ.
ސިޔާސީ މައިދާނުން ފިލައިގެން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭ ގޮތުން ގާސިމް ވިދާޅުވީ އޭނާ މިވަގުތު މަޑުން ހުންނެވީ، ގަބޫލު ކުރައްވާ އުސޫލުތަކަށް އިހުތިރާމް ކުރުމުގެ ގޮތުން ކަމަށެވެ. އަދި އޭގެ މާނަ އަކީ، އޭނާ ފިލުން ނޫން ކަމަށް ވެސް ވިދާޅުވި އެވެ. އެގޮތަށް މާނަ ކުރި ނަމަވެސް، އޭނާ ގަބޫލު ކުރައްވާ އުސޫލުތަކުގައި ހިފަހައްޓަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އިދިކޮޅުން ހިންގާ ހަރަކާތްތަކުގައި ޖޭޕީގެ ބައިވެރިވުމެއް ނެތް: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ