ފުވައްމުލަކު ކައިރިން ސޯމާލިއާގެ ރައްޔިތުން ކަމަށް ބެލެވޭ 3 މީހުން ތިބި އުޅަނދެއް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފި

ފުވައްމުލަކު ސިޓީގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 10 މޭލު ދުރުގައި ސޯމާލިއާގެ ރައްޔިތުން ކަމަށް ބެލެވޭ 3 މީހުން ތިބި އުޅަނދެއް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މިކަން ހާމަކޮށްދެއްވީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިންނެވެ.އެމްއެންޑީއެފުން މަޢުލޫމާތު ދެއްވިގޮތުގައި، މި އުޅަނދު ފާހަގަކުރެވުމާ ގުޅިގެން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ކޯސްޓްގާޑު ފޯތު ސްކޮޑްރަންގެ ހާބަރ ޕެޓްރޯލުން އެ ސަރަޙައްދަށް ދަތުރުކޮށް، އެ އުޅަނދު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.އިތުރަށް ބަލައި ފާސްކުރުމުން އެނގުނު ގޮތުގައި، މި އުޅަނދަކީ ރާއްޖެއިން ބޭރުގެ، ޚާއްޞަކޮށް ސޯމާލިއާގެ މަސްވެރިން ބޭނުންކުރާ ބާވަތުގެ "ސްކިފް" އެއް ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އަދި މި އުޅަނދުގައި ސޯމާލިއާގެ ރައްޔިތުން ކަމަށް ބެލެވޭ 3 މީހުން ތިބިކަން ފާހަގަކުރެވުނު ކަމަށްވެސް އެމްއެންޑީއެފުން ހާމަކުރެއްވިއެވެ.އެމްއެންޑީއެފުން އިތުރަށް މަޢުލޫމާތު ދެއްވިގޮތުގައި، މި އުޅަނދު ވަނީ ކޯސްޓްގާޑުގެ ބެލުމުގެ ދަށުން ފުވައްމުލަކު ސިޓީގެ ބަނދަރަށް ގެނެވި، ދިވެހި ފުލުހުންގެ ޚިދުމަތާ ޙަވާލުކުރެވިފައެވެ.މި ހާދިސާއާ ގުޅިގެން އިތުރު ތަޙުޤީޤުތައް ކުރިއަށްދާނެ ކަމަށް ބެލެވެއެވެ. އަދި މި އުޅަނދުގައި ތިބި މީހުންނަކީ ކޮން ބައެއްކަމާއި، އެމީހުން ރާއްޖެއަށް އައި ސަބަބު ބެލުމަށް ކަމާބެހޭ އިދާރާތަކުން މަސައްކަތް ކުރާނެ ކަމަށް ލަފާކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ