މިލްކުވެރިކަމާ މެދު ދެބަސްވުން އުފެދިފައިވާ ރަށްތަކެއްގެ ކައިރީގައި ޖަޕާނާއި ޗައިނާގެ ކޯސްޓްގާޑު އުޅަނދުތަކެއްގެ މެދުގައި ކުރިމަތިލުމެއް ހިނގައިފި އެވެ.
މި ހާދިސާގައި ދެ ގައުމުން ވެސް ވަނީ އަނެއް ގައުމުގެ އުޅަނދުތައް އެ ގައުމުގެ ސަރަހައްދަށް ވަދެފައިވާ ކަމަށް ބުނެ، އެ އުޅަނދުތައް ފައްސާލާފަ އެވެ.
މި ހާދިސާ ހިނގާފައިވަނީ ޓައިވާނާއި އޮކިނާވާގެ ދެމެދުގައި އޮންނަ، މީހުން ދިރިނޫޅޭ ރަށްތަކެއްގެ ކައިރީގަ އެވެ. މި ރަށްތަކަށް ޖަޕާނުން "ސެންކާކޫ" ގެ ނަމުން ނިސްބަތްކުރާއިރު، ޗައިނާއިން ކިޔަނީ "ޑިއާއޯޔޫ" އެވެ. މި ރަށްތަކުގެ މައްސަލައިގައި ދެ ގައުމުގެ މެދުގައި ސިޔާސީ ނުތަނަވަސްކަން އުފެދިފައި އޮންނަތާ މިހާރު އެތައް އަހަރެއް ވެއްޖެ އެވެ.
ޖަޕާނުގެ ކޯސްޓްގާޑުން ބުނި ގޮތުގައި، އެ ސަރަހައްދުގައި ދަތުރުކުރަމުން ދިޔަ ޖަޕާނުގެ މަސްބޯޓަކާ ކައިރިވާން މަސައްކަތްކުރި ޗައިނާގެ ދެ އުޅަނދެއް ވަނީ އެ ސަރަހައްދުން ބޭރުކޮށްލާފަ އެވެ.
މިއާ ހިލާފަށް ޗައިނާގެ ކޯސްޓްގާޑުން ބުނެފައިވަނީ، އެ ރަށްތަކުގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދަށް "ވަދެގަތް" ޖަޕާނުގެ މަސްބޯޓެއް އެ ސަރަހައްދުން ފައްސާލާފައިވާ ކަމަށެވެ.
ޖަޕާނުގެ ބޮޑުވަޒީރު ސަނައޭ ޓަކައިޗީ މިދިޔަ ނޮވެމްބަރު މަހު ޓައިވާނާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކަކާ ގުޅިގެން ބެއިޖިންގެ ނުރުހުން އަމާޒުވެ، ޖަޕާނާއި ޗައިނާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ.
ޖަޕާނުގެ މިލްކުވެރިކަން އޮތް ކަމަށް ބުނާ ސަރަހައްދީ ކަނޑަށް ޗައިނާގެ އުޅަނދުތައް އެންމެ ފަހުން ވަދެފައިވަނީ ޖޫން މަހުގެ 10 ވަނަ ދުވަހު އެވެ. ނަމަވެސް، ޖަޕާނުގެ މަސްބޯޓުތަކާ ކައިރިއަށް ޗައިނާގެ އުޅަނދުތައް ދިއުމަކީ ވަރަށް މަދުން ނޫނީ ހިނގާ ކަމެއް ނޫނެވެ.
މި ރަށްތަކުގެ ވަށައިގެންވާ ސަރަހައްދުތަކަށް އުޅަނދުތައް ފޮނުވާ ކަމުގެ ތުހުމަތު ޗައިނާ އާއި ޖަޕާނުން އެއް ގައުމު އަނެއް ގައުމުގެ މައްޗަށް ކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، ބައެއް ފަހަރު މިކަމުގެ ސަބަބުން ނުރައްކާތެރި ކުރިމަތިލުންތައް ވެސް ހިނގާފައިވެ އެވެ.
ޖަޕާނާއި ޗައިނާގެ ކޯސްޓްގާޑު އުޅަނދުތަކެއްގެ މެދުގައި ކުރިމަތިލުމެއް ހިނގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ