މި ސަރުކާރުގެ ސިޔާސަތު ޚާއްސަ ކުރަނީ އެއްވެސް ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަށް: މުއްތަލިބް
މިރޭ އިފުތިތާހުކުރި، ސަރުކާރުގެ ސިޔާސަތު "އެންމެނަށް ބޯހިޔާވަހިކަން" ޚާއްސަ ކުރަނީ އެއްވެސް ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަށް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިރޭ ވިދާޅުވެއްޖެއެވެ. އެ ސިޔާސަތު އިފުތިތާހުކުރި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، ކޮންމެ މީހަކު ވެސް އަމިއްލަ ގެއަކަށް ކުރާ އުންމީދު ދޫކޮށެއް ނުލާނެ ކަމަށެވެ. ކޮންމެ ރައްޔިތެއްގެ ހުވަފެނަކީ އަމިއްލަ ބޯހިޔާވަހިކަމެއް ލިބި، ރައްކާތެރި ހަމަޖެހޭ ދިރިއުޅުމެއް ބިނާކުރުން ކަމަށާއި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ހާސިލުކޮށްދޭން މަސައްކަތް ކުރަނީ އެ އުންމީދުތައް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. https://sun.mv/214011 މިރޭ މި އިއުލާނުކުރެވޭ ސިޔާސަތު ޚާއްސަކުރެވިފައި ވަނީ އެއްވެސް ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަށް. ކުއްޔަށް އެއްތަނުން އަނެއް ތަނަށް ބަދަލުވާން ޖެހިފައިވާ ފަރާތްތަކަށް. އަމިއްލަ ބޯހިޔާވަހިކަމުގެ ރައްކާތެރިކަން އިހުސާސްކުރެވިފައިނުވާ ތުއްތު ކުދިން ތިބި އާއިލާތަކަށްކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިނިސްޓަރު ވިދާޅުވީ، "ބޯހިޔާވަހިކަން އެންމެނަށް" އެއީ ހަމައެކަނި ބޭނުންކޮށްލެވޭ ޝިއާރެއް ނޫން ކަމަށެވެ. މިރޭ ބޯހިޔާވަހިކަން އެންމެނަށް ސިޔާސަތު އިފްތިތާހުކުރުން --- ސަން ފޮޓޯ/ މޫސާ ނަދީމް އެއީ، އިޚުލާސްތެރި ރައީސަކު ހުންނަވައި، އެއްވެސް އާއިލާއެއް ބާކީނުކުރާނެ ކަމުގެ ވައުދުގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. މުއްތަލިބު ވިދާޅުވީ ދިވެހި ކޮންމެ އާއިލާއަކީ ފޯރުންތެރި އާއިލާއަކަށް ނުވިޔަސް، ބޯހިޔާވަހިކަމުގެ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށެވެ. އަޅުގަނޑުމެންގެ ހުވަފެނަކީ ކޮންމެ އާއިލާއަކަށް ވެސް ރައްކާތެރި ބޯހިޔާވަހިކަމެއް ލިބުން. އެ ތަނަކީ ލޯތްބާއި އަޅާލުން އިތުރުވާނެ ފަދަ މާހައުލަކަށް ވުން. އާއިލާތަކުން ހަނދާނުން ނުފޮހެވޭ ފަދަ އުފާވެރިކަން ހޯދާ ތަނަކަށްވުން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދާ ހަމައަށް ވެސް އަމިއްލަ ބޯހިޔާވަހިކަމެއް ލިބިފައިނުވާ އާއިލާތައް އެބަތިބިކަން ފާހަގަކުރައްވައި، މުއްތަލިބް ވަނީ، މި ސިޔާސަތުގެ ތެރެއިން ފޯރުންތެރިކަން ހުރި މީހުންނަށް ރިއަލް އެސްޓޭޓު މާކެޓުން ބޯހިޔާވަހިކަން ގަތުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މަގުފަހިކޮށްދޭނެ ކަމަށް ވިދާޅުވެފައެވެ. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު އިފްތިތާހުކުރުމުގެ ތެރެއިން --- ސަން ފޮޓޯ/ މޫސާ ނަދީމް އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި ސިޔާސަތުގެ އެންމެ ބޮޑު އަމާޒަކީ ދިވެހި ކޮންމެ އާއިލާއަކަށް ވެސް އަބުރުވެރި ދިރިއުޅުމަކަށް، ބޯހިޔާވަހިކަމުގެ ފުރުސަތު ތަނަވަސްކޮށްދިނުން ކަމަށެވެ. މި ސަރުކާރުގެ ޒިންމާއަކީ، އަމިއްލަ އެއްވެސް ބޯހިޔާވަހިކަމެއް ލިބިފައިނުވާ އާއިލާތަކަށް މި ސިޔާސަތުގެ ދަށުން އިސްކަން ދިނުންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު އިފުތިތާހުކޮށް، މިރޭ ވަނީ ފުދުންތެރިންނާއި ފަގީރުން ހިމެނޭހެން، 7،500 ފުލެޓާއި 15،000 ގޯތި ދޫކުރާނެ ގޮތުގެ އުސޫލު ހާމަކޮށްފައެވެ. ބޯހިޔާވަހިކަމުގެ މައްސަލައަކީ މާލެ ސަރަހައްދަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާއިރު، އެތައް ބަޔަކު މި ސަރަހައްދުގައި ދިރިއުޅެނީ ކުއްޔަށެވެ. އެ ކަމަށް ކޮންމެ މަހަކު އާއިލާތަކުން ބޮޑެތި ޚަރަދުތައް ކުރެއެވެ. މީގެ އިތުރުން، މީގެ ކުރިން އެކި ސަރުކާރުތަކުގައި ބޯހިޔާވަހިކަމަށް ގޯއްޗާއި ފުލެޓު ދިން ނަމަވެސް، އިންސާފުވެރި ގޮތެއްގައި ބޯހިޔާވަހިކަން ފޯރުކޮށްނުދޭ ކަމާއި ކޮރަޕްޝަނުގެ އަމަލުތައް ހިންގާ ކަމުގެ ތުހުމަތުތަކެއް އަަމާޒުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ