ޖުންޖުލާ 6
"ގަޟާގަދަރަށް އީމާންވާށެވެ. ފިކުރުބޮޑުވުމާއި ހިތާމަކުރުމުން ގެއްލުން ލިބޭނީ އަމިއްލަ ނަފުސަށެވެ. އޭގެ ބަދަލުގައި ﷲތައާލާއަށް އިތުބާރުކޮށް ވަކީލުކުރާށެވެ. ހަމްދުކުރުން ގިނަކުރާށެވެ. ޝުކުރުކުރުން ގިނަކުކުރުން ހީނުކުރާގޮތްގޮތަށް ރަހުމަތް ލައްވާނެއެވެ. ބަރަކާތް ލައްވާނެއެވެ." *** "އޭރުން އަހަރެން އާރިކްގެ ޝިފްޓް ހަދާނަން..."އަލާނާ ނިކަން އުފާވެރި ހިނިތުންވުމެއްގައި ބުނެލިއެވެ. "ޔާ ﷲ...ނޫން.." އާރިކްއަށް ބުނެވުނެވެ. ކުއްލިއަކަށް އާރިކްގެ ނަޒަރުގައި އަޅައިގަތީ ނިގާބުގައި ތިބި ދެ އަންހެންކުދިންނެވެ. އޭނައަށް އެދިމާލަށް ބަލައިލެވުނުއިރު އަލާނާގެ ނަޒަރުވެސް އެދިމާލަށް ދަތުރުކުރިއެވެ. އަލާނާގެ ހިތް އެނގިގެން ކަހަލަ ގޮތަކަށް އެއްޗެއް ނުބުނަނީސް އަވަހަށް އާރިކް ތެދުވެގެން ހިނގައިގަތުމުން އަލާނާވެސް ފަހަތުން އައެވެ. ނަމަވެސް އައިނައި ދިމާލެއް ނޭގި ޖައިޝަން އާރިކްގެ ކޮނޑަށް އަތް ވައްޓައިލުމުން އެހިސާބުން އަލާނާއަށް ފުރުސަތު ގެއްލުނެވެ. ޝަރީއަތް ކުރެވޭނީ އަލުން ދިމާވުމުންނެވެ. *** އަލާނާ ޑިއުޓީއިން އެނބުރި އައިފަހުންވެސް ނިގާބު އެޅި ދެ އަންހެންކުދިންނާއިމެދު ވިސްނުނެވެ. އެކުދިންގެ މޫނު ނުފެންނަނީސް އާރިކްއަށް ކަމުދާންވީ ސަބަބެއް ނޭގެއެވެ. ނިގާބުއާއި ދީން ގުޅިފައިވަނީ ކީއްވެހެއްޔެވެ؟ ނިގާބުގެ މަގުސަދަކަށް އޭނައަށް ވިސްނުނީ ކޮންމެވެސް އައިބެއް ފޮރުވަން މަސައްކަތްކުރުމެވެ. އަނެއްކޮޅުން އާރިކްއާއި އެކުވެރިކަން ބޭއްވުމަކީވެސް ފަސޭހަކަމެއްނޫނެވެ. ނަމަވެސް ހިނިވެސް ފަރުބަދަކަނޑައޭ ބުނެ އުޅޭ ނޫންހެއްޔެވެ؟ އޭނަގެ އަޒުމް ވަރުގަދައެވެ. ޖެހި ބާރު ގުގުރިއާއެކީ ސިއްސައިގެންގޮސް ކަންފަތުގައި އަތް އަޅައިލެވުނެވެ. ބަނޑުހައިވެ ހާންތިވާވަރުވުމުން ކާކޮޓަރިއަށް ވަދެ ކޮފީއަކާއި ޕިއްޒާއާއި ޗީޒްކޭކެއް ހިފައިގެންގޮސް މޭޒުދޮށުގައި ޖައްސައިލިއެވެ. "ހެލޯ އެލީ...ކިހިނެއް ޑިއުޓީ؟"އޭނަގެ މަންމަ ސަބްރާގެ އަޑު އިވުނެވެ. "މަޖާ..ފޫހިފިލާ......" "މްމްމް......އާރިކް ކިޔާ ޑޮކްޓަރެއް ތި ހޮސްޕިޓަލުގައި މަސައްކަތްކުރެއެއްނު.....އޭނަ ދަންނަން؟" "މިސްޓަރ މިސްޓީރިއަސް....." "އެލީއަށް ސަޕްރައިޒެއްދޭން މަންމަ ހިތަށްއެރީ...ނޫން އެކްޗުއަލީ ޑެޑީގެ އެދިލެއްވުމެއް.....ޑެޑީ އެލީއަށްޓަކާ ރަގަޅު ފިރިހެންކުއްޖަކު ހޯދަން އަތް ފުނާއަޅައިލިއިރު އާރިކްއަށްވުރެ ކަމުދާ މީހަކު މި ކާއިނާތުންވެސް ނުފެނުނު..." ސަބްރާވެސް ކޮފީތަށްޓެއް އަޅައިގެންގޮސް ކުރިމަތީގައި ހުރި ގޮނޑީގައި ޖައްސައިލިއެވެ. އަލާނާ އަނގަ ހުޅުވުނުގޮތަށް ލައްޕައެއްނުލެވުނެވެ. އޭނަގެ ކަންފަތަށް އަޑުއިވުނީ ރަގަޅަށް ހެއްޔެވެ؟ "އެލީ...އަނގަ ލައްޕާލަބަލަ..އާރިކް ކަމުނުދަނީތަ؟" "އޭނައަށް ކަމުދަނީ ނިގާބީކުދިން. ބުރުގާނާޅާ ނަމާދުނުކުރާ ކުދިން ކަމަކުނުދާނެ...އެއީ ރިލިޖަސް ޓައިޕް...މަންމާ..ޑެޑީ ކީއްވެ އޭނަ..." "މަންމަ ކުރިން އެކަން އެނގޭ.އެކަމަކު އާރިކް އޭނަަގެ ބައްޕައާއި ބައްދަލުކުރަން ނާންނާތީ އެވާހަކަ ނުބުނެވުނީ..އެއީ ޑެޑީގެ ހުރި ހަމައެކަނި ދަރި........." "ވަޓް؟ އޯ މައި ގޯޑް......"އަލާނާ އަނގަމަތީގައި އަތް އަޅައިގެން ތެދުވުނުގޮތަށް ހީވީ ރޮއިގެންފާނެހެންނެވެ. "ޑެޑީގެ ދަރިއެކޭ؟ދެން ކީއްވެ މިގެއަށް ނާންނަނީ؟ " ސަބްރާވެސް ކޮފީއެއް ގެނެސް ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ. "ޑެޑީ އެ ހޮސްޕިޓަލަށް ފަންޑުކުރަނީވެސް އެހެންވެ..އެކަމް އާރިކް ވަރަށް ސްޓަބްން...އޭނަގެ ބައްޕަގެ ފަރާތުން އެއްވެސް އެހީއެއް ބޭނުމެއްނުވޭ..ބައްޕައާއި އެއްވެސް ގުޅުމެއް ބާއްވަން ބޭނުމެއްނުވޭ..ބައްޕަގެ ހުރި އެކަނި ދަރިއަށްވުމުން ޑެޑީވަރަށް ލޯބިވޭ ނަމަވެސް އާރިކް އެލޯބި ގަބޫލުކުރަން ދެކޮޅުހަދާ...ހަގީގަތުގައި މަންމަ ދިން ޚިޔާލެއް މިއީ....ބައްޕައަށް އާރިކް ލިބެން އޮތް ހަމައެކަނި ވަސީލަތަކީ އެލީއާއި އޭނަގެ ކައިވެނި.އޭރުން މިއާއިލާ ފުރިހަމަވީ....ބައްޕައައި އާރިކްގެ ފިނިވެފައިވާ ގުޅުމަށް މިނޫން އެއްވެސް ގޮތެއްނެތް...މަންމަ އާރިކް ހަމަ ލޮލުން ދުށިން.....ހެންޑްސަމް އެންޑް މިސްޓީރިއަސް......ޑެޑީއާއި ވައްތަރެއްނޫންތަ؟" "މަންމަވެސް އޭނައަށް ފޯލްވީތަ؟ އަލާނާއާއި ބައިވެރިގެން ސަބްރާވެސް ހޭންފެށިއެވެ. "މަންމާ..އާރިކްއަށް މި ވާހަކަދެކެވުނުކަން އެނގުނަސް ޖުޕިޓަރއަށް ހިޖުރަކުރާނެ..." "އެލީއަށް ވާނެ..މަސައްކަތްކޮށްފިއްޔާ ކާމިޔާބުވާނެ...އެކަން ސާބިތުކޮށްދީ...." އަލާނާގެ ލޮލުގެ ސްކްރީނަށް އެރީ ނިގާބީ އަންހެންކުދިންނެވެ. ކައިވެންޏަކާއި ހަމަޔަކަށް ދާނީ އެންމެ ކުޑަވެގެން އެކުވެރިވެގެން ނޫންހެއްޔެވެ؟ އެހިތާއި ހަމަޔަށް ފޯރުމުގައި އެންމެ ފިޔަވަޅެއްވެސް ކުރިއަކަށް ނޭޅެއެވެ.ނަމަވެސް ކުރިއަށް ފިޔަވަޅު އެޅޭނެގޮތެއް ހޯދަން އެބަޖެހެއެވެ. ފަހަރެއްގައި ނަމާދުކޮށް ގުރުއާންކިޔަވަންފެށުމުން އޭނަގެ ސަމާލުކަން ލިބިދާނެއެވެ. ސްކާފްވެސް ގަންނަންވީހެއްޔެވެ؟ އާރިކްގެ އެ ހިލަހިތް އުއްކޮށްކޮޅަކަށް ހަދަން ބޭނުންކުރަންވާ ހަތިޔާރަކީ ދީނެވެ. ނަމަވެސް އޭނައަށް ދީން އެނގެނީ ކުޑަކޮށެވެ. އުމުރުގެ ބޮޑުބައި ވޭތުކުރީ ގައުމުން ބޭރުގައެވެ. އިސްލާމް އަދި ދިވެހި މާއްދާއިން ދުވަހަކު ފާސްވިކަމެއް ނޭގެއެވެ. ކުޑައިރު ގުރުއާން ކިޔަވަން އެނގުނަސް ކަލާމްފުޅުގައި އަތްލި ހަނދާނެއްނުވެއެވެ. ރޯދަމަސް އައުމުން އޭނަ ފޫހިވެއެވެ. އޭނަގެ ހޮބީއަކީ ކެއުމާއި ނިދުމެވެ. ރޯދައަށް ހުރެފައި ވަރުބަލިވެގެން ޝަކުވާކޮށްފައި ރޯދަ ކަނޑައިލައެވެ. ދުވަހަކުވެސް މަންމަ ނަމާދުކުރިތަނެއް އޭނަ ދެކެފައެއްނުވެއެވެ. އަޑުއިވެނީ ސިޔާސީ ވާހަކަތަކެވެ. އޭނަ ބޮޑުވީ ތަފާތު މާހައުލެއްގައެވެ. އެ މާހައުލަށް އާރިކް ފެތުމަކީ މުސްތަހީލް ކަމެކެވެ. ކޮންމެވެސް އެކަކު ބަދަލުވާން އެބަޖެހެއެވެ. ނޫނީ އެދޭތެރޭގައި ކައިވެނިފަދަ މުގައްދަސް ގުޅުމެއް އުފެދޭނެކަމާއިމެދު ޝައްކެވެ. *** އާރިކްގެ ފަަހަތުން އައި އަލާނާއަށް މިއަދު އާރިކްއާއިމެދު ބެލުނީ ތަފާތު ނަޒަރަކުންނެވެ. ތެދެކެވެ. ހަގީގަތް އެނގުމުން އޭނަގެ ދޮންބައްޕަ ފުރުގާންގެ ސިފަތައް އެމޫނުމަތިން ފެނުނެވެ. ޚާއްސަކޮށް ކޯތާފަތަށް އެޅޭ އަޑިކޮޅެވެ. އާރިކްއަކީ އަޚުލާގު ފުރިހަމަކަމުގެ ނަމޫނާއެކެވެ. "ޑޮކްޓަރ.....ސްޓެތޯ ކޮބާ؟ މިއަދުވެސް އެ ކަރަކުން ނުފެނޭ..." "އެވީ އޮންނަން ޖެހޭތަނުގައި.."އޭނަ އެނބުރި ބަލާވެސްނުލިއެވެ. "އޯ..އެހެންތަ؟ ހީކުރީ ހުރިހާ އެއްޗެއް ހަމަކޮށްގެންހެން ދާނީ..." "އަލާނާ...އަހަރެމެން މިދަނީ ބަލިމީހުން ދެކެލަން..ޕްރޮފެޝަނަލްވެބަލަ.." "އަޅުގަނޑު ހަމަ ވަރަށް ޕްރޮފެޝަނަލް...."އޭނަ ފަޚުރުވެރިކަމާއެކު ކޯޓު ސީދާކޮށްލިއެވެ."މިއަދު މިވެސް އިސްތިރިކޮށްލިން..." "ނަންޓެގް އެކަނި ކޮށްފައި ތިހިރީ.." "އެއީނު އެންމެ މުހިއްމު ތަންކޮޅަކީ..." އެންމެ ފުރަތަމަ ބަލިމީހަކީ މެދުއުމުރުގެ ފިރިހެނެކެވެ. އޭނައަށް އެދެމީހުން ފެނުމުން ބައްތިރީސްދަތް ދައްކާލައިފިއެވެ. "ޢާހް ޑޮކްޓަރ ސާހަބް..އެސިސްޓްކުރަން އަންހެނުންވެސް ގޮވައިގެން ވަޑައިގެންނެވީ؟" "ނޫން......."އާރިކް ސިހޭގޮތްވިއެވެ. "އާނ...އައި އެސިސްޓް އެލޮޓް...." "އަންހެނުނެއްނޫން........"އާރިކް ތަންކޮޅެއް ބާރަށް ބުނެލިއެވެ. "ޔަގީން ޔަގީން؟ދެމީހުން މިހާރު ހަގުރާމަ..ފަހުން ލޯބި."އެމީހާ ހިނިގަނޑެއް ޖަހައިލިއެވެ. އަލާނާ ސީރިޔަސް ނަޒަރަކުން އާރިކްއަށް ބަލައިލިއެވެ."ޑޮކްޓަރ...ބަލަލަބަލަ...އޭނަވެސް އަހަރެމެން ދެމީހުން ގުޅުވަން...." "ޢަލާނާ...." އެ މީހާ މަޖާ ހުނުމެއް ޖަހައިލިއިރު އާރިކް ނިތްކުރިއަށް ފިއްތައިލިއެވެ."ޔާﷲ....ކީއްވެ މިއަޅާ..." އަލާނާ އެ މީހާ އޮތް އެނދުކައިރިއަށް ދިޔައެވެ." ޑޮކްޓަރ ފަސްފަހަރު ނަމާދުކުރޭ ސަބަބަކީ އަހަރެން ކައިރީގައި ކެތްތެރިވާން ވެގެން." "ތިއީ ހަމަ ހަގީގީ ލޯބި..."އެމީހާ ނިންމިއެވެ. އާރިކް ކޮށިއެރިއެވެ."އަޅުގަނޑުމެންނަށް ބްލަޑްޕްރެޝާއަށް ސަމާލުކަން ދެވިދާނެތަ؟" އަލާނާ ފުންމައިގެންގޮސް ޕްރެޝާ މޮނިޓަރގައި ހިފިގޮތުން އެހެން މީހަކަށް އެ ފުރުސަތުވެސް ނުދޭން އުޅުނުފަދައެވެ."ރައިޓް...މިކަން ވެފައި މިއޮތީ.." ފިރިހެންމީހާގެ އަތުގައި ކަފް އޮޅާލުމާއެކު އެމީހާގެ ލޯ ބޭރަށް ނިކުންނަވަރުވިއެވެ. "ޢަލާނާ ހުއްޓާލާ....އޭނަ އޯބިޓަށް ފޮނުވައިލަންތަ ތިއުޅެނީ؟" "އޯ...އޫޕްސް..މާ ބާރަށް ދޯ..." "ބާރަށޭ؟ އޭނަގެ ލޭވެސް ނުހިނގާވާރަށް އަދި........" އެމީހާ ހީގަތީކަމެއް ނޭވާ ނުލެވުނީކަމެއް ނޭގެއެވެ."އެންމެ ކުޑަވެގެން....ބޭބެ މަރުވާނީ ހެމުން......" "އަލާނާ އަވަހަށް ކަފް ނެއްޓިއެވެ."މާފުކުރައްވާ ބޭބޭ.އަޅުގަނޑު ބައެއްފަހަރު ފޯރި އަރައިގެންގޮސް އެކަހަލަ ކަންތައް ދިމާވަނީ. އަތަށް ތަދުވެއްޖެ ދޯ......" އާރިކްގެ ނަޒަރަކީ އިންސާނަކަށް ދެވޭނެ އެންމެ ނުރައްކާތެރި ހަތިޔާރެވެ."ތި އާއި ދުރުގައި ހުރޭ....." އަލާނާ އަވަހަށް ދުރަށް ޖެހުނީ އަތް މައްޗަށް ނަގަމުން އަމާންދެމުންނެވެ. އެކަމަކު ބަލިމީހާ އަވަސްއަވަހަށް އަލާނާ ގެންނަން އާދޭސްކުރިއެވެ."ނޫން ނޫން. މަޑުކުރުވާ......މި ކުއްޖާއަށް ދަސްވީމައެއްނު ރަގަޅީ....އަހަރެންގެ ކާފަ ދަރިއަކާއި ހާދަ ވައްތަރޭ..." "އާވް.....ޑޮކްޓަރއަށް އަޑުއިވުނުތަ؟ އައިމް ފެމިލީ...ތެންކްސް ކާފާ..."އަލާނާގެ މޫނު އަލިވިއެވެ. "އަހަރެން ލޭމަތިވާކަހަލަ ފެމިލީ..."އޭނައަށް ދަތްތަކަށް ބާރުކޮށްލިއެވެ. ދެމީހުން އެކޮޓަރިން ނިކުމެ ހިނގައިގަތްއިރުވެސް އަލާނާ ހުރީ ހެވިފައެވެ. ހިތާމައަކީ ކޯނޗެއްކަން ނުދަންނަ ކުޑަކުއްޖެކޭ ތަފާތެއްނެތެވެ. އަބަދުހެވި ދިއްލިފައެވެ. އުފާވެރިކަމުގެ ނަމޫނާއެކެވެ. "ފެނިއްޖެތަ؟ކާފަވެސް އަހަރެންދެކެ ލައިކްވޭ..." "އޭނަ ފްލެޓްލައިން ނުވީ ކިރިޔާ.." "ސަބަބަކީ އަހަރެންގެ ސަބަބުން އުފާވެރިކަން ހައްދުން ނެއްޓުނީމަ..." "ޔާﷲ...މިއީ އެންމެ ބޮޑު އިމްތިހާން.."އޭނައަށް ކިޔައިލެވުނެވެ. "ޑޯންޓްވޮރީ ޑޮކްޓަރ....ފާސްވަމުން ތިދަނީ....ކުޑަކޮށް.."އަލާނާ އޭނަގެ އަތުގައި ފިރުމައިލަން އުޅުމާއެކު ދުރަށް ޖެހިލިއެވެ. *** ދޭއްޖެހިއިރު އިރު އޭގެ ގަދަ ހޫނާއެކު ވާޖިބު އަދާކުރުމުގައި ދެމިހުއްޓަސް 'ދަ ވިލެޖް" ގެ ތެރޭގައި ތޫފާނެއް ދިޔައީ އުތުރިއަރަމުންނެވެ. ނަމަކީ ޑޮކްޓަރ އާރިކްއެވެ. އޭނަ ސްޓާފް ލައުންޖަށް ވަންއިރު ކަންކަތުރަށް ބާރުވެ އަތް މުށްކެވިފައިވިއެވެ. އޭނަ ނަފުސް ހަމަޔަކަށް އަޅުވަން މަސައްކަތްކުރިއެވެ."ދެން އެންމެ މިނިޓަކަށްވެސް ކެތްނުކުރެވޭނެ...." ނަރުސްކުދިން ކޮތަރުތަކެއް އުދުހިގަންނަފަދައިން އެކި ދިމާލަށް އަވަސްވެގަތެވެ. އާރިކްގެ އެ ސިފަ އެކުދިންނަށް ކުރިން ފެނިފައިވިއެވެ. އެހާ ސީރިޔަސްއެވެ. އެވަގުތު ދޮރު އަޑާއަށް ހުޅުވުނެވެ. "ހޭއި...."އަލާނާ ލަވަ ކިޔައިލިއެވެ. އެ ލަފުޒު ނިމުމުގެ ކުރިން އޭނަ އަތް އުފުލައިލިއެވެ."ޢަލާނާ..މިހާރަކު ނޫން. ޕްލީޒް.. ފަސްމިނިޓްގެ ހިމޭންކަމެއް ބޭނުން.." އަލާނާ އެތަނަށް ވަންނަމުން ހޫރައިލި އަތްވެސް ހުއްޓުން އެރިގޮތަށް ލޯބޮޑުކޮށްލެވުނެވެ." ރުޅިއައިސްފަ؟" "ރުޅި؟ ނޫން..ހަމަ ރޫހާނީގޮތުން ވަރުބަލިވީ...." "ޢޯ...ތިބުނީ ފުރާނަވެސް ލޯޑުކުރަމުން ދަނީއޭ" "އެކްޒެކްޓްލީ...."އޭނަ ލޯ ސޯފާއަށް ލެނގިލަމުން ލޯ މަރައިލިއެވެ. އިތުރު އެއްޗެއް ބުނަން ނަހަދާ އެހާ ފަސޭހައިން އަލާ ނުކުތުމަކީ ދުނިޔޭގެ އަށްވަނަ އަޖައިބެވެ. ބޯ ޖަހާލާފައި އަވަސްއަވަހަށް ބޮޑުވާ އިނގިލި ޖައްސާލައިގެން ހުރެ ނުކުމެގެން ދިޔައެވެ.އާރިކްއަށް ބަލަން އިނދެވުނީ ހައިރާންވެފައެވެ. އެންމެފަހުން ބަސްއަހަންފެށީއެވެ. އޭގެ މާނައަކީ އަދިވެސް އިންސާނިއްޔަތުކަމަށް އުއްމީދު އެބައޮތްކަމަށެވެ. ދިހަމިނިޓްވަންދެން އަދަޔާ ޚިލާފު ހިމޭންކަމެއް ލިބުނެވެ. އަމިއްލަ މަޑު ނޭވާގެ އަޑު އިވުމަކީ ހިމޭންކަމުގެ ރަމްޒަކެވެ. އޭނަގެ ހިމޭންކަމުގެ ދުނިޔެ އެފުށްމިފުށަށް ޖަހައިލީ ދޮރު ހުޅުވައިލުމައެކު އަލާނާގެ އަޑު ކަންފަތުގައި ޖެހުމުންނެވެ.އެކުއްޖާއައީ އަވިއައިނެއް އަޅައިގެން ކްލިޕްބޯޑެއްހުފައިގެން ތާރީޚު ދުށް އެންމެ ސީރޔަސް މޫނު ތަމްސީލުކޮށްގެންނެވެ. 'ޑޮކްޓަރ..."އަލާނާގެ އަޑު ކިރިޔާ އިވުނުކަމެވެ."އަހަންނަކީ މިހާރު ޕްރޮފެޝަނަލް އަލާނާ...0-2 ސީރިޔަސް މޯޑް އެކްޓިވޭޓެޑް.." "އަލާނާ....." "ޖޯކެއް ހުނުމެއްނެތް..ހަމައެކަނި މަސައްކަތް މިއަދު..."އޭނަ ސެލިއުޓެއްނެފިއެވެ "ނޭވާލާން ހުއްދައެބައޮތްތަ ސަރ؟" "މިއީ އާމީއެއްނޫން..." "އެކަން އެނގޭ އެހެންވެ ސީރިޔަސްކަމުގެ އެންމެ މަތީ މިންގަނޑުން ވާހަކަަދައްކަނީ..." އޭނަ ކްލިޕްބޯޑު ހިފައިގެންގޮސް އޭނައާއި ގާތުގައި އިށީނެވެ. ހީވަނީ ސެންޓްފުޅިއަކުން ފެންވަރާލައިގެން އައިހެންނެވެ. "އަލާނާ..." ޔެސް ޑޮކްޓަރ ސީރިޔަސް؟" "ކްލިޕްބޯޑު ތިއޮތީ އެކޮޅުކޮޅުން.." "ޓެސްޓްކުރަންވެގެން..އިމްތިހާނުން ފާސްވެއްޖެ.." "ކީއްވެ ތިހެން އުޅެނީ؟"އޭނަ ފުން ނޭވާއެއްދޫކޮށްލިއެވެ. "ﷲ މިގޮތަށް އުފާވެރިކޮށްލެއްވީ އާރިކްގެ ކެތްތެރިކަން އިތުރުވެގެން ސަވާބު ލިބޭނެތީ.."އަލާނާ މައުސޫމްގޮތަކަށް އެސްފިޔަ ޖަހައިލިއެވެ. "ތިއީ ތަންކޮޅެއް...ޖަޒުބާތީކަން ނޭގޭ.."އާރިކް ދެކޮޅުހަދަން އުޅުނެވެ. "އެނގެއެއްނު.ހިތުގެ ފުންމިމުން އަހަންނަނކީ އާރިކްގެ ސަންޝައިން.." "ނޫން..އަހަރެންގެ ކެތްތެރިކަމުގެ އިމްތިހާން..." "ކެތްތެރިކަމުން ސަވާބުލިބެންޏާ މިހާރު ހުންނާނީ ކެތްތެރިވަމުންގޮސް ވަލީވެރިއަކަށްވެފައެއްނު.." ބޭރުގައި ތިބި ނަރުސްކުދިންގެ މައުޟޫއަކީވެސް އެއީއެވެ. "ޑޮކްޓަރ އާރިކް ކޮންމެވެސް ކަމެއް ނިންވާނެ.. ޕްރޮޕޯސްކުރުން ނޫނީ ރިޒައިންކުރުން.." *** އަލާނާ ފާމަސީއަކާއި ފޮތްފިހާރައެއްގެ ދެމެދުގައި ހުރި ބުރުގާ ފިހާރައަކަށް ވަނީ ޝޯލްތައް ބަލައިލުމަށެވެ. އެތަނުގައި ހިފާފައިވީ ކެލާ އަތަރުގެ ވަހެވެ. ފަށުވި ފޮތި އެކަތި އަނެކައްޗާއި މައްލަވަކުރާ އަޑު އެހިމޭންކަމުގެ ތެރެއިން އިވުނެވެ. އޭނަ ކިތަންމެފަހަރު މިހެން ހިނގިނަމަވެސް އެ ފިހާރައާއި ދިމާލަށް ދެވަނަ ނަޒަރަކުން ބަލާނުލައެޗެ. މިއަދުު ތަފާތެވެ. އޭނަގެ އިނގިލިތައް ހިންގައިލެވުނީ ޕްލެއިން އަދި މަޑު ސްކާފްތަކުގައެވެ. އެންމެ ގަދަޔަށް ލޮލުގައި އަޅައިގަތީ ކަޅުފެހިކުލައިގެ ސްކާފެކެވެ. ޑޮކްޓަރ އާރިކްގެ ސްކަރްބްސްގެ ކުލައެވެ. އޭނަ ޖެހިލުންވެލާފައިވެސް އެ ސްކާފްނެގިއެވެ. "ވަކި ވައްތަރެއް ބޭނުން؟"ސޭޓު އެހިއެވެ. "ހމްމމް.....އަޅުގަނޑު ވަރަށް މޮޑެސްޓް އެކަމަކު ސިއްރުވެރި އޭ ބުނާފަދަ ޝޯލްއެއް...މިސާލަކަށް އަޅުގަނޑު ނަމާދުކުރަން އަދި ހަމަ އެނގޭ ސަޖިދައަށް ދާންވެސް..." އަހަރެމެންގެ އަތުގައި އެބަހުރި ނިއުޓްރަސްލް..." "ބަރާބަރު.." އޭނަ ތިން ޝޯލާއިއެކު ހިލޭ ލިބުނު ބުކްމާކާއިއެކު ނުކުމެގެން އައީ މަޑުމަޑުން ލަވައެއް ކިޔަމުންނެވެ. ވަށައިގެން ފެންނަ ކޮންމެ ތަނެއްވެސް ކަމުދެއެވެ. ރީއްޗެވެ. ހިތަށް އުފާވެރިކަން ގެނެސްދެއެވެ. ނުލިބޭ ހަމައެކަނި އުފަލަކީ އާރިކްގެ ރުހުމެވެ. *** އޭނަ ލޯގަނޑުކުރިމަތީގައި ހުއްޓިގެން ހުރެ ބޮލުގައި ޝޯލް އޮޅަން މަސައްކަތްކުރިއިރު އޭނައަށް އިހުސާސްވީ ހަމަ ބްރިޓޯއެއް އޮޅައިލެވޭހެންނެވެ."ހިޖާބީ ޓިއުޓޯރިއަލްތަކުން އެހާ ފަސޭހަހެން ހީވަނީ ކީއްވެތަ؟" އޭނަ އެ ފޭރާމަށް ދަތްޗެއްޖެހިއިރު ހަމަ ކިރިޔާ ކަންފަތަށް ނުހެރުނުކަމެވެ."އައުޗް....." "މަ ހީވަނީ ގްލެމަރަސް ނިންޖާއެއްހެން ނޫނީ ފެޝަނަބްލް ޕޮޓޭޓޯއެއްހެން..ބުނަންވެސް އުދަގޫ...އެކަމަކު މިވަގުތު ލޯގަނޑުން ފެންނަން މިހިރީ އަލާނާއެއްނޫން...." އޭނަ ފޮޓޯއެއް ނަގާފައި އާރިކްއަށް ފޮނުވިއެވެ. އިރުކޮޅެއްނުވަނީސް ފޯނު ތެޅިލިއެވެ. އޭނައަށް ބަލައިލެވުނުއިރު އާރިކް އިނީ ރުހޭކަމުގެ އިމޯއެއް ފޮނުވާފައެވެ. "އޭނަ ލައިކްވެއްޖެ...އޭނަ ލައިކްވެއްޖެ..."އޭނަ ނަށަމުންދަނިކޮށް ބިންމަތީގައިއޮތް ޓެޑީގައި އަޅައިގެންފާ ނުވެއްޓި ސަލާމަތްވީ ކިރިޔާއެވެ. ފަހުން އެނގުނީ އޭނައަށް ފޮޓޯ ފޮނުވުނީ ދެބެންން ދެދަރި އަރީންއަށް ކަމެވެ. އައި ރުޅީގައި ވަގުތުން ފޮޓޯ ފޮހެލައިފިއެވެ. އޭސީގެ ފަންކާގެ އަޑު ފިޔަވާ ކޮޓަރިތެރެއިން އަޑެއް ބަޑެއްނވެއެވެ. އަލާނާ އެނދުގައި ދެފައި ވަށްކޮށްލައިގެން އިންއިރު ކޮނޑުމަތީގައި ޝޯލް އޮޅާލާފައި އޮތެވެ. އޭނަ ގުރުއާން އެޕެއް ޑައުންލޯޑްކޮށްލިއެވެ. ފޯނު ދިއްލިފައިވަނީ ސޫރަތުލް ފާތިހާގެ އާޔަތްތަކުންނެވެ.އަރަބި ބަހުންނާއި އިނގިރޭސިންނެވެ. ގާރީއަކު އެ އާޔަތްތައް ކިޔެވިއިރު ހަމަ ނާނާއެއް އަޅުވައިލިފަދައެވެ. އެހާ ހިތަށް ފިނިވިއެވެ. އޭނަ އާޔަތެއް ކިޔަވަން މަސައްކަތްކުރިއެވެ. އަރަބި ލަފުޒުތައް ކިޔަން ވުމުން އުދަގޫވިޔަސް އަޖައިބެއްފަދަ ޝައުގަކާއިއެކު ހިތަށް ހަމަޖެހުމެއްލިބުނެވެ. "ގައިޑް އަސް ޓު ދަ ރައިޓް ޕާތް..." "ވެލް..އަހަރެން މިހާރު މިހިރީ ކޮންފިއުޒްޑް އަދި ކުޑަކޮށް ޑްރެމެޓިކް މަގެއްގައި.. އެކަމަކު އޯކޭވާނެހެން ހީވަނީ.." މީގައި އޮތީ ހަމައެކަނި ހިތުދަސްކުރުމެެއްނޫނެވެ. އެ އާޔަތްތަކުގެ މާނައާއި ތަފްސީރު އެނގުމެވެ. އުދަގޫ ބަޔަކީ އެއީއެވެ. އޭނަގެ އާއިލާއިން ފަހަރެއްގައިވެސް ދީނާއި ބެހޭގޮތުން ވާހަކަދައްކާފައެއް ނުވެއެވެ. އެއީ އެމީހުން ދެކެނީ ސަގާފަތެއްކަމުގައެވެ. ދީނަށް އަމަލުކުރާކަށް ނުޖެހެއެވެ. ނަމެއްގައި މުސްލިމަކަށްވުމުންވެސް އެންމެ ރަގަޅެވެ. އެކަމަކު އާރިކް ހާދަ ތަފާތެވެ. އޭނަ ދީނުގެ ކޮންމެ އަޅުކަމަކަށް ފަރުވާތެރިވެއެވެ.އޭނަ ދެނެގަންނަން ބޭނުންވަނީ އެސަބަބެވެ. އާރިކް އެހާވަރުން ދީނަށް އުޅެން ބޭނުންވަނީ ކީއްވެހެއްޔެވެ؟ ނުލިބެނީ ކޯނޗެއްހެއްޔެވެ؟ އަލާނާއަށް ނުވިސްނުނީ ހަޔާތުގެ މަގުސޫދެވެ. އަލާނާ މެސެޖެއް ޓައިޕްކޮށްލިއެވެ."އަހަރެން ގުރުއާން ކިޔަވަން ފަށައިފިން..އާރިކް ގާތު ބުނެލަން ހަމަ ބޭނުންވީ.." އޭނަ އެ މެސެޖް ފޮނުވައިލަން ފިތުގައި އަތް ޖައްސާލާފައިވެސް ފޮހެލައިފިއެވެ. އެހެން މީހަކު "އިމްޕްރެސް"ކުރަންވީ ކީއްވެހެއްޔެވެ؟ އާރިކްއަށް ދައްކަން ކަމެއްކުރުމަށްވުރެ އޭނަ ޖެހެނީ ހަގީގަތް ހޯދަން މަސައްކަތްކުރަންނޫންހެއްޔެވެ؟ އާރިކްފަދަ ކާމިޔާބު ރީތި ޒުވާނަކު އެހާވަރުން ނަމާދުކޮށް އަޅުކަމާއިގެން އުޅޭ ސަބަބެއްދެނެގަތުން މުހިއްމުވެއްޖެއެވެ. އެއާއެކު އޭނަގެ ޚިޔާލަށް އައީ މަންމަ ދެއްކި ވާހަކަތަކެވެ. އާރިކްއައި އޭނަ ގުޅަން އާއިލާއިން މަސައްކަތްކުރާއިރު އާރިކްއަށް އެކަމުގެ ހިލަމެއްނުވެ ދުވަނީ ދުރަށެވެ. އޭނަގެ ވަަށައިގެން ދަލެއް ފަތުރަމުންދާކަން އެނގިއްޖެއްޔާ ވާނީ ކިހިނެއްހެއްޔެވެ؟ އޭނަގެ އެ ސިއްރުވެރި ސިކުނޑިއަށް އެރެވޭނެނަމައެވެ. "ހޭ ޑޮކްޓަރ އަރިކް....އަހަރެން ފާތިހާ ސޫރަތް ކިޔަވައިފިން...އެ އާޔަތްތަކުގެ ބާރަ ޕަސެންޓް މާނަ އެނގޭ...ކުރިއެރުމެއްތަ؟" "އަދި ހިޖާބުވެސް އަޅައިފިން....ސިނަމަން ރޯލްއަކާއި ވައްތަރީ..ފޯ ޔޯ އިންފޮމޭޝަން..." އޭނަ އެ ޖުމްލަ ފޮހެލާފަިއ އަނެއްކާ ޓައިޕްކޮށްލިއެވެ. "ޝޯލްދެކެ ލައިކްވޭތަ؟ ފްރެންޑެއްް އަހައިގެން.." އޭނަ އަނެއްކާވެސް އެމެސެޖް ފޮހެލިއެވެ. އެންމެފަހުން ހިޖާބު އަޅުވާފައިއިން ބުޅަލެއްގެ މީމްއެއް ފޮނުވައިލީ އެއްވެސް ސުރުޚީއެއް ނެތިއެވެ. ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ