ދަރިފުޅަށް ރޭޕްގެ ތުހުމަތުކުރި މައްސަލައެއްގައި ހެކި ނައްތާލުމުގެ ތުހުމަތު ފަރުހާދަށް

ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ ދަރިފުޅަށް ރޭޕްގެ ތުހުމަތުކުރި މައްސަލައެއްގައި ހެކި ނައްތާލި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅައިފިއެވެ. ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ މުގައްރިރު، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމަށް އެޑްރެސްކޮށްފައި، ފުލުހުންގެ ޗީފް އިންސްޕެކްޓާ ރޭންކުމް މަތީ ރޭންކްތަކުގެ 11 އޮފިސަރުން ވަނީ ވިސުލްބްލޯވަރުންގެ ގޮތުގައި ސިޓީއެއް ފޮނުވައިފައެވެ. އެ ސިޓީގައި ވަނީ ފަރުހާދާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، އަޙްމަދު ޝިފާންގެ ކިބައިން ފެންނަ މައްސަލަތަކެއް ފާހަގަކޮށްފައެވެ. އެ ސިޓީގައި ޑީސީިޕީ ފަރުހާދުގެ މައްޗަށް ކޮށްފައިވާ އެއް ތުހުމަތަކީ، އޭނާގެ ފިރިހެން ދަރިފުޅު، 18 އަހަރުން ދަށުގެ ކުއްޖަކު ރޭޕް ކުރި މައްސަލައިގައި ތަހުގީގަށް ހޯދާފައި ހުރި ހެކިތަކެއް މަގާމުގެ ނޫފޫޒު ބޭނުންކޮށްގެން ނައްތާލި ކަމުގެ ތުހުމަތެވެ. https://sun.mv/213671 އެ ސިޓީގައިވާ ގޮތުން، އެހެން ބަޔަކާ ބައިވެރިވެގެން ފަރުހާދުގެ ދަރިފުޅު ކުއްޖަކު ރޭޕް ކުރި މައްސަލައެއް 2018ގައި ތަހުގީގަށް ފޯނެއް ހިފެހެއްޓިއެވެ. ނަމަވެސް އެ ފޯނުގައި ހުރި ވީޑިއޯއާއި ފޮޓޯ ޑިލީޓުކޮށް، އިތުރު ހެކިތައް ފަރުހާދު ނައްތާލާފައިވާ ކަން ޖިނާއީ ތަހުގީގަށް އެނގުނު ކަމަށް ސިޓީގައި ވަނީ ތުހުމަތުކޮށްފައެވެ. އޭގެއިތުރުން، އެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ)އަށް ފޮނުވި ކަމަށް ސިޓީގައިވެއެވެ. ނަމަވެސް، މައްސަލަ ސާބިތުކުރުމަށް ލިބުނު ހެކިތަކެއް ނައްތާލަފައިވާކަން ފާހަގަކޮށް، ޕީޖީން ވަނީ ޕޮލިހަށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި ޕީޖީ އޮފީހުން ވަނީ، ހެކިތައް ނައްތާލުމުގައި ފަރުހާދު ބައިވެރިވި މިންވަރު ބަޔާންކޮށް، ފިޔަވަޅު އަޅަން ޖެހޭ ކަމަށް ދެކޭ ކަމަށް ބުނެފައި ކަމަށް ވިސުލްބްލޯވަރުން ހާމަކޮށްފައިވެއެވެ. "އެހެންނަމަވެސް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ މައްޗަށް ތުހުމަތުވި ހެކި ނައްތާލުމުގެ މައްސަލައިގައި އެކަށީގެންވާ ފިޔަވަޅެއް އެޅި ކަމަށް އެނގިފައިނުވެއެވެ." ވިސުލްބްލޯވަރުންގެ ރިޕޯޓުގައިވެއެވެ. ފަރުހާދަށް ކުރި އިތުރު ތުހުމަތަކީ، މިދިޔަ ފެބްރުއަރީ މަހު 27 ވަނަ ދުވަހުގެ ރޭ އޭނާގެ ފިރިހެން ދަރިއަކު މަސްތުގެ ހާލަތުގައި ހުރެ، ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބާރު ސްޕީޑުގައި ދުއްވުމުން މަޑު ކުރަން އެންގި ފުލުހަކަށް ހަމަލާ ދިން މައްސަލައިގައި އަމަލުކުރި ގޮތެވެ. އެ މައްސަލައިގައި ދަރިފުޅު ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ޕޮލިހަށް ހާޒިރުކުރުމުން، ޑީސީޕީ ފަރުހާދުގެ ނުފޫޒު ބޭނުންކޮށްގެން އެ މައްސަލައިގެ ތަހުގީގު ހުއްޓުވި ކަމަށާއި ދަރިފުޅު ދުއްވި ސައިކަލު ޓޯކޮށްފައި ހުއްޓައި ގަވައިދާ ޚިލާފަށް ޓޯޔާޑުން ނެރުނު ކަމަށް ފަރުހާދަށް ވަނީ ތުހުމަތުކޮށްފައެވެ. އެ މައްސަލައިގައި ކޮށްފައިވާ އިތުރު ތުހުމަތުތައް ހިފެހެއްޓި ސައިކަލަކީ އެހެން އުޅަނދަކަށް ރަޖިސްޓްރީކޮށްފައިވާ ޑޮމެއިން ނަމްބަރު ބޯޑެއް އަޅުވާފައިވާ ސައިކަލެއްކަން ސައިކަލު ދުއްވަން އިން ފަރުހާދުގެ ފިރިހެން ދަރިފުޅުގެ ލައިސަންސް ނެތްކަން އެމީހުން ކޯޓަށް ނުގެންގޮސް ދޫކޮށްލައި، ފަހުން މައްސަލަ ކުރިއަށް ނުގެންދިޔުން ޑީސީޕީ ފަރުހާދު ދަރިފުޅުގެ ސައިކަލު ނެރެވޭ ގޮތް ހަދައިދިނުމަށް އެދި، ހުޅުމާލެ ޕޮލިސްގެ ޓްރެފިކް ޕޮލިސްގެ ހެޑް ޗީފް އިންސްޕެކްޓަރުގެ ވަޓްސްއެޕް ނަމްބަރަށް މެސެޖުކުރިކަން އޭގެފަހުން، ޗީފް އިންސްޕެކްޓަރުގެ ވަޓްސްއެޕް ނަމްބަރަށް ގުޅައި، "ތިމަންނައާ މެދު ކަންތައް ކުރާނީ އާންމު މީހަކާ މެދު ކަންތައް ކުރާ އުސޫލުންތޯ" އެހިކަމާއި "ބޭނުން ކަމެއް މިއަދު ޕޮލިހުގެ ތެރެއިން ކުރެވޭނެ" ކަމަށް ފަރުހާދު ވިދާޅުވިކަން ދަރިފުޅާ މެދު ފިޔަވަޅު އެޅި މުވައްޒަފު ހުޅުމާލެ ޕޮލިސްއިން ބަދަލުކޮށް، ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑަށް ފޮނުވައި ހަރުކަށި ފިޔަވަޅު އަޅާނެ ކަަމަށް ޗީފް އިންސްޕެކްޓަރުގެ ގާތުގައި ފަރުހާދު ވިދާޅުވިކަން ފުލުހުންގެ ސޮފްޓުވެއާއާ ބެހޭ އިސް ދެ އޮފިސަރަކު ހުޅުމާލެ ޓްރެފިކް ޕޮލިސްގެ ހެޑަށް ގުޅައިގެން ފަރުހާދުގެ ދަރިފުޅުގެ ސައިކަލުގެ މައުލޫމާތު ހޯދައި، މުއްދަތު ހަމަނުވަނީސް ސައިކަލު ދޫކޮށްލާފައިވާކަން ފާހަގަކުރެވޭ ގޮތުގައި، ފުލުހުންގެ ފަސް އޮފިސަރަކު ވަކި ކުރުމަށް މީގެ ކުރިން ޕޮލިސް ބޯޑުން ނިންމިއިރު އޭގެ ތެރޭގައި ފަރުހާދު ވެސް ހިމެނެއެވެ. https://sun.mv/208976 ކޯޓުގައި އެ މައްސަލަ އޮންނަތާ ދެ އަހަރަށްވުރެ ގިނަ ދުވަސް ފަހުން ދައުލަތުން ޝަރީއަތުގެ ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފާކަމަށް ބުނެ، ހައިކޯޓުން ވަނީ މައްސަލަ ބާތިލުކޮށްފައެވެ. އޭނާ އެސިސްޓެންޓު ކޮމިޝަނަރު ކަމަށް މިދިޔަ އަހަރު ޕްރޮމޯޓު ކުރީ ވެސް އެ މައްސަލަ ކޯޓުގައި އޮއްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ