ނޮވެމްބަރު3: ގޯސް ހަދައިފި, އިބުރަތަކަށް ބަލަން ޖެހޭ!

ނަވާރަ ދިވެހީން ޝަހީދުކޮށްލި ނޮވެމްބަރު 3ގެ އުދުވާނަށް 36 އަހަރު ފުރުނުއިރު ވެސް ޖަވާބު ނުލިބޭ އެތައް ސުވާލެއް އެބަހުއްޓެވެ. އެ ހާދިސާއާ ގުޅިގެން ޒަމާނުންސުރެ, ރަސްމީކޮށް ދައްކަމުން އަންނަ ވާހަކަތަކާއި ކަން ހިނގި ގޮތާއި ނުދައްކާ ވާހަކަތަކެއް ވޭތޯ މިހިރީ ހުސް ސުވާލެވެ. އަދި މި ހާދިސާގެ ފަހަތުގައި ގައުމުގެ އެތެރޭގެ ވާދަވެރި ސިޔާސީ ކަންތައްގަނޑެއް ފޮރުވިފައި ވޭތޯ ނުވަތަ ޖިއޯ ޕޮލިޓިކްސް މީގައި ހިމެނޭތޯ މިހިރީ ވެސް ހުސް ސުވާލެވެ. https://x.com/sunbrk/status/1985207936705343586 ކޮންމެ ގޮތެއް ވިޔަސް, މިހާރު މިނިވަން ވެފައި ތިބި ނަމަވެސް, ހ. ހާޖަރާގޭ, އަބްދުﷲ ލުތުފީ އާއި ސަގަރު އަހުމަދު ނާސިރު, ތަމަޅަ ހަނގުރާމަވެރިންގެ ބަޔަކާ އެކު މާލެ އަރައި ދިން އެ ނުރައްކާތެރި ހަމަލާއިން ރާއްޖެ ސަލާމަތް ކުރުމަށް އަވައްޓެރި އިންޑިއާއިން ފޯރުކޮށްދިން އެހީއަކީ ދިވެހީންގެ ހިތުން ފިލާނެ ކަމެއް ނޫނެވެ. ދިފާއީ ގޮތުން ގައުމު ސަލާމަތް ކުރުމަށް މާ ބޮޑު ވަސީލަތްތަކެއް އޭރު ނެތް ނަމަވެސް ދިވެހި ސިފައިން ވެސް ޓެރަރިސްޓުންނާ ދެކޮޅަށް ދެއްކީ ތަފާތު ހިތްވަރެކެވެ. ބާޣީން ފިލަން އުޅުނު ބޯޓް ކަމަށްވާ ޕްރޮގްރެސް ލައިޓަށް އިންޑިއާ ސިފައިން ހަމަލާދެނީ --ހަމައެއާއެކު މި ކުޑަކުޑަ ރާއްޖެއިން އިންޑިއާގެ އޭރުގެ ބޮޑު ވަޒީރު ރަޖީވް ގާންދީގެ އަރިހުން އެހީއަށް އެދުމާއެކު އެ ގައުމުގެ ތަޖުރިބާކާރު, އަދި ވަސީލަތާއި އާލާތްތައް ހުރި އެ ގައުމުގެ ސިފައިން ފެށި, އޮޕަރޭޝަން ކެކްޓަސްއަކީ ރަނގަޅު ޚާރިޖީ ގުޅުމެއް ރާއްޖެއިން އޭރު ގެންގުޅުނު ކަމުގެ މިސާލެކެވެ. އަމިއްލަ ފުރާނަ ނުރައްކަލަކަށް ހުށަހަޅައިގެން އިންޑިއާ ސިފައިން ރާއްޖެ އައިސް, ޓެރަރިސްޓުން ފިލަން ދަނިކޮށް ކަނޑުމަތިން އަތުލައިގަތެވެ. އަދި ރަހީނު ކުރި ދިވެހީން ސަލާމަތް ކޮށްދިނެވެ. މީގެ އިތުރުން ރާއްޖޭގައި ވަކި މުއްދަތަކަށް އިންޑިއާ ސިފައިން ގާއިމުވެ ތިބެ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނެވެ. މިއީ ޚާރިޖީ ގުޅުމާއި އަވައްޓެރިންގެ މުހިންމު ކަމުގެ މިސާލެކެވެ. ހުސް އިބުރަތް! މި ފަހުން ދިވެހީންނަށް ކުރިމަތިވި އެންމެ ނުރައްކާތެރި އުދުވާނަށް 36 އަހަރު ފުރުނުއިރު މިއަދުގެ ހާލަތު ތަފާތެވެ. ބަޑިއާއި މިސައިލުން އެއް ގައުމުން އަނެއް ގައުމަށް ހަމަލާ ދިނުމަކީ އާއްމު ކަމެއް ނޫނެވެ. އަދި އެ ފަހަރު އައި ގޮތަށް ކަނޑުމަގުން ބޯޓުތަކެއްގައި އަންނަ ބަޔަކަށް ހަމަލާ ދެވޭ ވަރަށް ވުރެން ރާއްޖޭގެ ދިފާއީ ބާރުގެ ވަސީލަތާއި ހުށިޔާރުކަން ވެސް މިހާރު މާ ބޮޑެވެ. ގައުމެއްގެ ހައިސިއްޔަތުން ގައުމީ ސަލާމަތަށް މިއަދު ވިސްނަން ޖެހެނީ ޖިއޯ ޕޮލިޓިކްސްއަށެވެ. ވިޔަފާރީގެ ތެރެއިންނާއި ޑިޕްލޮމަސީގެ ތެރެއިން ހައްލުތައް ހޯދައި ކުރިއެރުންތައް ހޯދުމަށެވެ. އެ ކަމެއް ކޮށްގެން ވެރިކަން ހޯދުނު ނަމަވެސް, މިއަދު ވެރިކަމުގައި ތިއްބެވި ބޭފުޅުން އިދިކޮޅުގައި ތިއްބަވައިގެން ޖެއްސި "އިންޑިއާ އައުޓް" ކެމްޕެއިނާއި އެމްޑީޕީން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން ޗައިނާއާ ދިމާލަށް، ރާއްޖެ ދަރަނީގެ ދަންތޫރައެއްގައި ޖައްސަނީ ކަމަށް ބުނެ ދެއްކި ވާހަކަތަކަކީ ހިތާމަހުރި ކަންކަމެވެ. މިކަންކަމުގެ ތެރެއިން ވެސް އިންޑިއާ އައުޓް ކެމްޕެއިންގައި އަވައްޓެރި ގައުމެއްގެ ވެރިންނަށް ފުރައްސާރަ ކުރިކުރުން ވަރަށް ހުތުރެވެ. އަދި މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު ވެސް ވެރިން ފުރަތަމަ އުޅުއްވީ އެ ގޯސް މަގުންނެވެ. https://sun.mv/159674 ޚާރިޖީ ގުޅުން ގޯސްވުމުން ރާއްޖެއަށް ކިތަންމެހާ ވެސް ގެއްލުން ވެއްޖެއެވެ. ޗައިނާގެ އިންވެސްޓްމަންޓްތައް މަދުވެއްޖެއެވެ. އިންޑިއާގެ މުހިންމު ޓޫރިސްޓް މާކެޓް އިންތިހާއަށް ދަށްވެ ބިލިއަން ޑޮލަރުގެ ގެއްލުމާ ކުރިމަތިލާން ޖެހުނެވެ. ކުރިން ލިބޭ ވަރާ ގާތަށް ވެސް ހިލޭ އެހީއާއި ލޯނެއްވެސް ގައުމުތަކަކުން މިއަދު ރާއްޖެއަކަށް ނުދެއެވެ. މި ހުރިހާ ކަމަކާއެކު އެންމެ ފަހުން އިންޑިއާ "އައުޓް", "އިން" ވާން ޖެހުނު ގޮތަކީ ހުސް އިބުރަތެވެ. މި އޮތް ލޮކޭޝަންގެ ފައިދާ ނަގަން ޖެހޭ! މީގެ ކުރިން ބޭރު މީހުންނަށް ރާއްޖެ މުހިންމު ވަނީ ގުދުރަތީ ރީތިކަމާއި ސުލްހަވެރި އަމާން ގައުމަކަށް ވީމައެވެ. ނަމަވެސް އޭގެ އިތުރުން މިއަދު މި ގައުމު ބޭރުގެ ބާރުތަކަށް މުހިންމުވާ އެހެން ސަބަބުތަކެއް އެބައޮތެވެ. އެއީ މި ގައުމު މިއޮތް ލޮކޭޝަނާއި ދުނިޔޭގެ ވިޔަފާރީގެ ދަތުރުފަތުރެވެ. އިންޑިއާ ކަނޑުގެ މެދުތެރޭގައި ރާއްޖެ އޮތްއިރު, ގާތްގަނޑަކަށް ދުނިޔޭގެ 80 ޕަސެންޓް ތެޔޮ އުފުލަނީ ރާއްޖެ މި އޮތް ސަރަހައްދުން ދަތުރު ކޮށެވެ. އަދި އެހެން މުދާތަކުގެ 40 ޕަސެންޓް އުފުލަކީ މި ސަރަހައްދުންނެވެ. ބޮޑެތި ބާރުތަކަށް ރާއްޖެ މުހިންމުވާ ސަބަބަކީ މިއީއެވެ. އެހެން ލެވެލްއަކަށް ދިއުމަށް މީގެ ފައިދާ ރާއްޖެއިން ނަގަން ޖެހެއެވެ. އެކަމަކު އެ އެޑްވާންޓޭޖް ނަގަން ވާނީ އަދި ނެގޭނީ ވެސް ވިސްނުންތެރިކަމާއެކު ކަންކަން ކޮށްގެންނެވެ. އެއީ ދުނިޔޭގެ ބޮޑު ބާރެއް ވިޔަސް އަދި ކުޑަ ބާރެއް ވިޔަސް ކޮންމެ ގައުމެއްގެ ވެސް އަމިއްލަ މަސްލަހުތަކެއް އޮންނާނެއެވެ. އެ ގައުމުތަކުން އެހީތައް ފޯރުކޮށްދީ, ވިޔަފާރިއާއި އެހެނިހެން ގުޅުންތައް ބާއްވަނީ އެ ގައުމުތަކުން ވެސް ބޭނުންވާ ކަންތައްތަކެއް ހުރީމައެވެ. މިއީ ގައުމެއްގެ ހައިސިއްޔަތުން ރާއްޖޭން ސަމާލުވާން ޖެހޭ ކަންކަމެވެ. ގަދަ ކަނޑުގައި އުޅަނދު ދުއްވާ ފަދައިން ޖިއޯ ޕޮލިޓިކްސްގައި ސަލާމަތް ވާނީ ވިސްނުންތެރިކަމާއެކު ދަތުރުކޮށްގެންނެވެ. ޖަޒުބާތުގައި ޖެހި ހިތުހުރި އެއްޗެއް ގައުމުތަކަށް ގޮވަން ވެއްޖެ ނަމަ އެ ކަމެއް ނުވާނެއެވެ. އަހަރެމެން ވަށައިގެން ހުރި ގައުމުތަކުން މިސާލުތައް ފެންނަން އެބަހުއްޓެވެ. އަވައްޓެރި ސްރީލަންކާއަށް މާލީ ބޮޑު ކާރިސާއެއް ކުރިމަތިވީ އެއް ގައުމަކުން ބޮޑެތި ލޯންތަކެއް ނަގައި ބަރޯސާވުމުގެ އިތުރުން ކޮރަޕްޝަން އިންތިހާއަށް އާއްމު ވުމުގެ ސަބަބުންނެވެ. އެއާ ޚިލާފަށް މޮރިޝަސް އާއި ޝީސެލްސްއިން ކުޅެނީ ވަރަށް "ސްމާޓް ގޭމެކެވެ." އެއްވެސް ގައުމަކާ ޖެހިގަނެގެން ނޫޅެނީއެވެ. އޭގެ ބަދަލުގައި އެ ގައުމުތައް އޮތް ސަރަހައްދުގެ ބޭނުން ދައްކައި އެކި ގައުމުތަކާ ގުޅިގެން އިންވެސްޓްމަންޓްތައް ހޯދައި ވިޔަފާރި ފުޅާކުރަނީއެވެ. ރާއްޖޭން ވެސް ވިސްނަންވީ އެ މަގުން ދާށެވެ. https://www.sun.mv/208965 ސިންގަޕޫރަކީ މިސާލެއް ޖަވާހިރެއްފަދަ ވެރިއަކު ލިބުމުގެ ސަބަބުން ދުނިޔޭގެ އެންމެ ތަރައްގީ ވެފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ސިންގަޕޫރަކީ ޖިއޯ ޕޮލިޓިކްސްގައި ވެސް މިސާލެކެވެ. ސިންގަޕޫރަށް މިނިވަންކަން ލިބުނީ ރާއްޖެއަށް ވެސް މިނިވަންކަން ލިބުނު ދުވަސްވަރެވެ. އަދި ސިންގަޕޫރުގެ ތަރައްގީގެ ބާނީ ލީ ކުއާން ޔޫ އެ ގައުމުގައި ވެރިކަން ކުރެއްވީ ރައީސް މައުމޫން އަބްދުލްގައްޔޫމު ރާއްޖޭގެ ވެރިކަން ކުރެއްވި ވަރުގެ މުއްދަތެއްގައެވެ. ބިމުގެ ގޮތުން ވެސް ވަރަށް ކުޑަ, ސިންގަޕޫރު އެ ހިސާބަށް ދިއުމުގައި ޖިއޯ ޕޮލިޓިކަލީ ގެންގުޅުނު ރަނގަޅު އުސޫލުތައް ވެސް އެއީ ސަބަބެކެވެ. ޗައިނާ އާއި އެމެރިކާގެ ވާދައިގެ ތެރެއިން ވެސް ސިންގަޕޫރުން ނަގަނީ އެ ގައުމަށް ނެގެން އޮތް ފައިދާއެކެވެ. އެއްވެސް ގައުމަކާ ރުޅިވެރިކަން ނުބާއްވައި ސިންގަޕޫރުން ޗައިނާ އާއި އެމެރިކާއާއެކު ވެސް ބޭއްވީ ވިޔަފާރި އާއި އެހެނިހެން ގުޅުންތަކެވެ. އެ ގައުމުން ޚާރިޖީ ސިޔާސަތުގެ ކޮންމެ ނިންމުމެއް ވެސް އަމާޒު ކުރަނީ އިގްތިސާދީ އަދި ސަލާމަތީ ގޮތުން ފައިދާވާ ގޮތަށެވެ. އެ ގައުމުގެ ސްލޯގަންއަކީ, އެންމެންނާ ރައްޓެހި, އެއްވެސް ބަޔަކާ ދުޝްމަނު ނުވުމެވެ. އެ ވިސްނުމުގެ ސަބަބުން ސިންގަޕޫރު އިންތިހާއަށް މުއްސަނދިވެ, އެ ގައުމަށް ހަމަޖެހުމާއި އިންތިހާއަށް ތަރައްގީ ލިބުނީއެވެ. މޮރިޝަސްއަކީ ވެސް ހަމަ މިސާލަކަށް ބަލަން ރަނގަޅު ގައުމެކެވެ. ރާއްޖެއެކޭ އެއްފަދައިން އިންޑިއާ ކަނޑުގައި އޮންނަ އެ ގައުމަކީ ވެސް ޓޫރިޒަމަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމެކެވެ. ނަމަވެސް މޮރިޝަސްގެ ޖިއޮގްރަފިކަލް ޕޮޒިޝަނަކީ ފައިދާ ނެގޭނެ ކަމެއްކަން އެ ގައުމުގެ ސަރުކާރުތަކަށް ވިސްނުމާއެކު އެ މަސައްކަތް ވިސްނުންތެރިކަމާއެކު ފެށިއެވެ. އެގޮތުން އެފްރިކާ އާއި އޭޝިއާ ގުޅުވައިދޭ ވިޔަފާރި، މާލީ އަދި ލޮޖިސްޓިކްސްގެ މަރުކަޒަކަށް އެ ގައުމު ބަދަލު ކުރުމުގެ މަސައްކަތް ފެށިއެވެ. މޮރިޝަސްއިން ވަނީ އިންޑިއާ އާއި ޗައިނާއާ އެކު އެއްބަސްވުންތަކެއް ހަދައި އެ ދެ ގައުމުން ވެސް އިންވެސްޓްމަންޓްތައް ހޯދަން ފަށައިފައެވެ. އެ ގައުމަށް އޭގެ ފައިދާ މިއަދު އިންތިހާއަށް އެބަ ކުރެއެވެ. ރާއްޖެ އިތުރަށް ކުރިއަރަން ބޭނުންވަނީ ހަރުދަނާ ޚާރިޖީ ސިޔާސަތެކެވެ. އެކަން ވާނީ މިކަން ދަންނަ ފަންނުގެ މީހުންނަށެވެ. އެއްވެސް ގޮތަކަށް ޕާޓީ މީހުންނަށް މިނިސްޓްރީންނާއި އެމްބަސީތަކުން ވަޒީފާތައް ދީގެން، ދައުލަތުގެ ފައިސާއިން ރާއްޖޭން ބޭރުގައި އަރާމު ދިރިއުޅުމެއް އުޅެން ފުރުސަތު ދޭ ފަދައިން ކަންކަން ކޮށްގެނެއް އެކަމެއް ނުވާނެއެވެ. އޭގެ ބަދަލުގައި މި ''ގޭމް'' އެނގޭ, ވިސްނުންތެރިން އެންމެ މަތިން ފެށިގެން އެންމެ ދަށަށް ވެސް ގެންނަން އެބަޖެހެއެވެ. ނަޞްރުގެ ދުވަހަކީ ތާރީޚީ ހާދިސާއަކަށް ވުރެ މާ ބޮޑު ދުވަހެކެވެ. މީގެ 36 އަހަރު ކުރިން 1988 ވަނަ އަހަރު އަޅުގަނޑުމެން އަމިއްލަ ގައުމު ހިމާޔަތްކުރީ ކަށިން ހިތްވަރު ނެރެގެންނާއި އަވައްޓެރި އިންޑިއާގެ އެހީތެރިކަމާއެކުއެވެ. މިއީ 2025 އެވެ. ހާލަތާއި މަންޒަރު ވަރަށް ތަފާތެވެ. މިއަދު ގައުމުގެ ސަލާމަތް ވެސް އަދި ކުރިއެރުން ވެސް ގުޅިފައިވަނީ ޖިއޯ ޕޮލިޓިކްސްއާއެވެ. މިއަދު ހަގީގީ ކާމިޔާބީއެއް ލިބޭނީ ހުރިހާ ގައުމެއްގެ އިޙްތިރާމާއި އެއްބާރުލުން ހޯދަން އެނގިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ