އަދުގެ ސަރުކާރުގެ އަމާޒަކީ ފަތުރުވެރިކަމުގެ ސިނާއަތުގެ މަންފާ އޭގެ އެްމެ ފުރިހަމަ ގޮތުގައި ހުރިހާ ރައްޔިތުންނަށް ހޯދައިދިނުންކަމަށް ޓޫރިޒަމް މިނިސްޓަރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް ޒިޔާރަތްކުރި ދެ މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާކިޔުމުގެ ގޮތުން ވެލާނާ އިންޓަރނޭޝަނަލް އައު ޓާމިނަލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަމުންދަނީ ރައްޖޭގެ އިގްތިސާދު ކުރިއަރުވައި ޓޫރިޒަމްގެ މަންފާ ހުރިހާ ދިވެހިންނަށް ކުރާނޭހެން ކަންކަން އިންތިޒާމް ކުރުމަށްކަމަށެވެ.
ވަޒީރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މިއަހަރު ފަތުރުވެރިކަމުން ލިބޭ އާމްދަނީ 15 އިންސައްތައަށް އިތުރުކުރުން ކަމަށާއި، މިދިޔަ އަހަރު މި ސިނާއަތަށް 4.8 ބިލިއަން ޑޮލަރު ލިބުނުކަމަށެވެ. ސަރުކާރުގެ މި އަމާޒަށް ވާސިލްވުމަށްޓަކައި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
އަޅުގަނޑުމެން ހުރިހައި އެންމެންގެ ބުރަ މަސައްކަތުން އަޅުގަނޑުމެންގެ އަންވޭވަރިން ކޮމިޓްމަންޓްސް މިކަމަށް ދީގެން މިހާތަނަށް ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ފުޅާކޮށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންމިދަނީ. މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު ފަތުރުވެރިން އައި އަދަދު %9.8 އާއި %10 އާއި ދޭތެރޭގައި އިތުރުވެއްޖެ. މިއީ ވަރަށް މުހިންމު އަދަދެއް އިތުރުވެގެންމިދިޔައީ
ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް
ވަޒީރު ވިދާޅުވީ، ރާއްޖެއަށް 2 މިލިޔަން ފަތުރުވެރިން އައުމަކީ މި ދާއިރާގައި މަސައްކަތްކުރާ ހުރިހައި ފަރާތެއްގެ ބުރަ މަސައްކަތާއެކު ހާސިލުކުރެވުނު ކާމިޔާބީއެއްކަމަށެވެ. އަދި މިދިޔަ އަހަރާއި އަޅާބަލާއިރު މިއީ މިއަހަރު ރާއްޖޭގެ ފަތުރުވެރިކަން ލިބުނު ބޮޑު ކުރިއެރުމެއް ކަމށް މިނިސްޓަރުވަނީ ވިދާޅުވެފައެވެ.
މިދިޔަ އަހަރު ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ހަމަވީ ޑިސެމްބަރ 26 ވަނަ ދުވަހުއެވެ. މިއީ ރާއްޖެއަށް 2 މިލިޔަން ފަތުރުވެރިން އައި ފުރަތަމަ ފަހަރެވެ. މި އަހަރު މި ވަނީ މިދިޔަ އަހަރާއި އަޅާބަލާއިރު 1 މަސްދުވަހު ކުރިން 2 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
ސަރުކާރުން މަސައްކަތްކުރަނީ ފަތުރުވެރިކަމުގެ މަންފާ ހުރިހާ ރައްޔިތުންނަށް ހޯދައިދިނުން: ވަޒީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ