ހުޅުމާލެ ފޭސް2ގައި ޑޮލަރު އަދި ރުފިޔާ އޭޓީއެމްއެއް ބަހައްޓައިފި

ގައުމީ ބޭންކު، ބީއެމްއިލްއިން ހުޅުމާލެ ފޭސް2ގައި ފުރަތަމަ ފަހަރަށް ޑޮލަރު އަދި ރުފިޔާ އޭޓީއެމްއެއް މިއަދު ބަހައްޓައި، އެ ބޭންކުގެ އޭޓިއެމް ވިއުގަ އިތުރަށް ފުޅާކޮށްފި އެވެ.
ވީ ކިހިނެއް؟ - މި ހިދުމަތްތައް ތައާރަފްކުރޮށްފައި ވަނީ، މިއަދު އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދެވެ. މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ޗެއާޕަސަން އަހުމަދު އަލީ ހަބީބާއި ކުންފުނީގެ ސީއީއޯ މުހައްމަދު ޝަރީފް އަދި އެ ކުންފުނީގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.
ތަފްސީލު - ބީއެމްއެލްއިން މިކަމާ ގުޅޭ ގޮތުން މިއަދު ނެރުނު ބަޔާނުގައި ބުނީ، އެ ދެ އޭޓީއެމް ބެހެއްޓުމާ އެކު ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ފަރާތްތަކަށް ދިވެހި ރުފިޔާ އާއި ޑޮލަރުގެ މުއާމަލާތްކުރުމަށް ލުއިފަސޭހަކަން ލިބޭނެ ކަމަށެވެ.
ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ، އަބަދުވެސް އެކުންފުނިން މަސައްކަތް ކުރަމުން ދަނީ، ރާއްޖޭގެ ހުރިހާ މުޖުތަމައުތަކަށް ވީހާވެސް ފަސޭހައިން މާލީ ހިދުމަތްތަކަށް ވާސިލުވެވޭނެ ގޮތް ހަމަޖެއްސުމަށް ކަމަށެވެ.
"ހުޅުމާލެ ފޭސް 2 އަކީ ކުރިއަރަމުން އަންނަ ސަރަހައްދެއް. މި އޭޓީއެމް ސެންޓަރުތަކުން ރަމްޒުކޮށްދެނީ ފަރުދުންނާއި ވިޔަފާރިތަކުގެ ބޭނުންތައް ފުރިހަމަކޮށްދިނުމަށް ފަސޭހަ އަދި އިތުބާރުހިފޭ ޚިދުމަތެއް ފޯރުކޮށްދިނުމަށް މި ބޭންކުން ދޭ އަހުމިއްޔަތުކަން،" ޝަރީފް ވިދާޅުވި އެވެ.
ހުޅުމާލޭ ފޭސް 1 ގައި ބީއެމްއެލްގެ ބްރާންޗެއް ހުރެ އެވެ. އެތަނުގައި ސެލްފް ސާވިސް އޭޓީއެމްއެއް ވެސް ހުރެ އެވެ. އޭގެ އިތުރުން ރެނާޓަސް އިތާމުއިގައި ޑޮލަރު އޭޓީއެމްއަކާއި ރުފިޔާއަށް ހާއްސަ ދެ އޭޓިއެމް ހުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ