ފީފާ ވޯލްޑް ކަޕެއްގެ ޖާގަ މިހާތަނަށް ހޯދި އެންމެ އާބާދީގެ ނިސްބަތުން ކުޑަ ގައުމުގެ ޝަރަފް، ކިއުރުސާއޯ އިން މި ވަނީ ހޯދައިފަ އެވެ. އެ ކާމިޔާބީގެ ފަހަތުގައި ހުރި، ނެދަލެންޑްސްގެ ކޯޗު، ޑިކް އެޑްވޮކާޓަށް، ކިއުރަސާއޯ ގޮވައިގެން ވޯލްޑް ކަޕުގައި މަސައްކަތް ކޮށްފިނަމަ، އޭނާ ވެގެންދާނީ ވޯލްޑް ކަޕެއްގައި ފެނިގެންދާނެ އެންމެ ދޮށީ ކޯޗަށެވެ.
މި ވަގުތަށް ބަލާއިރު، ވޯލްޑް ކަޕެއްގައި މަސައްކަތްކުރި އެންމެ ދުވަސްވީ ކޯޗުގެ ރެކޯޑް އޮތީ 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި އޮތް ވޯލްޑް ކަޕްގައި، ގްރީސް ޓީމަށް ކޯޗުކޮށްދިން އޮޓޯ ރެހެގާލް އަތުގަ އެވެ. އެކަމަކު، 78 އަހަރުގެ އެޑްވޮކާޓަށް އަންނަ އަހަރު ވޯލްޑް ކަޕްގައި މަސައްކަތް ކުރުމުގެ ފުރުސަތު ދޭން ކިއުރަސާއޯގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ނިންމައިފަ އެެވެ.
އާބާދީގައި އެންމެ 160،000 މީހުން ދިރިއުޅޭ ކިއުރަސާއޯ، ވޯލްޑް ކަޕާ ހަމައަށް ގެނައުމުގައި، 1994 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ނެދަލެންޑްސް އަށް ކޯޗުކޮށްދިން އެޑްވޮކާޓް މުހިންމު ދައުރެއް އަދާކުރި އެވެ. ތިން ފަހަރެއްގެ މަތިން ނެދަލެންޑްސްގެ ގައުމީ ޓީމަށް އިރުޝާދުދިން އެޑްވޮކާޓް، ކިއުރަސާއޯގެ ކޯޗުކަމާ ހަވާލުވީ، މިދިޔަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ. އޭރު އެ ގައުމުގެ މަދު މީހަކު ނޫނީ ހުވަފެނުން ވެސް ވޯލްޑް ކަޕަށް ކޮލިފައިވުމުގެ ކަންކަން ނުދެކެ އެވެ.
ގޯލްޑް ކަޕްގެ މެޗެއްގެ ތެރެއިން އެޑްވޮކާޓް.
ކޮލިފައިންގެ އެންމެ ފަހު މެޗުގައި، އެޑްވޮކާޓަށް ކިއުރަސާއޯ އަށް އިރުޝާދުދޭން ބެންޗުގައި އިނދެވޭ ގޮތެއްނުވި އެވެ. އާއިލީ ކަމެއްގެ ސަބަބުން، އުފަން ގައުމު، ނެދަލެންޑްސް އަށް ދާން ޖެހުނު، އެޑްވޮކާޓް، ގޭގައި ހުރެގެން ވެސް ކިއުރަސާއޯ ޓީމަށް އެ މެޗުގައި އިރުޝާދުދިނެވެ. ނެދަލެންޑްސް ގަނޑިން ދަންވަރު ދޭއް ޖެހިއިރު، ޖެމެއިކާއާ ދެކޮޅަށް ކިއުރަސާއޯ އިން ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމުނުއިރު، ވަގުތުން ވަގުތަށް ކިއުރުސާއޯގެ ކޯޗިން ޓީމަށް ގުޅައިގެން ހުރެ މެޗު ބަަލަމުން، އެޑްވޮކާޓް ވަނީ އިރުޝާދުދީފަ އެވެ.
ކިއުރަސާއޯގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް، ގިލްބާޓް މާޓީނާ ވިދާޅުވީ، އެޑްވޮކާޓް، ކިއުރަސާއޯގެ ކޯޗަކަށް ގެންނަން 2023 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން މަސައްކަތް ފަށައި، ކާމިޔާބުވީ ކެނޑިނޭޅި ކުރި މަސައްކަތުން ކަމަށެވެ.
އެ ގޮތުން، މާޓީނާ، އެޑްވޮކާޓަށް ހުށަހެޅީ، އޭގެ ކުރިން ނެދަލެންޑްސްގެ ދެ ކޯޗުން ކަމަށްވާ ބާޓް ވެން މާވިކް އާއި ލުއީ ވެން ހާލް، އެ މަގާމާ ހަވާލުވާން ނޫނެކޭ ބުނުމުންނެވެ.
ރަޝިއާ އާއި ދެކުނު ކޮރެއާ އަށް ވެސް ކޯޗުކޮށްދިން އެޑްވޮކާޓް ވަނީ، ކިއުރަސާއޯގެ ފުޓްބޯޅަ ދެނެގަތުމަށްޓަކައި، އެ ގައުމުގެ ފުޓްބޯޅައިގެ އެކި ހިދުމަތްތެރިންނާއި އެކަޑަމީތަކާއި ކޯޗުންނާ އެކުގައި އަމިއްލަ އަށް ވަގުތު ހުސްކޮށްގެން، ރަނގަޅު ޓީމެއް އެކުލަވާލަން ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެ ގޮތުން، ކުޅުންތެރިންގެ އާންމު ދިރިއުޅުމުގެ ހާލަތާއި ކުޅިވަރުގެ އަހުލާގުގެ ކަންކަމާ ބެހޭ ފުރިހަމަ މައުލޫމާތުތައް އެޑްވޮކާޓް ވަނީ އެއްކޮށްފަ އެވެ.
އަދި، ޔޫރަޕްގެ އެކި ގައުމުތަކުގައި ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅޭ ކިއުރަސާއޯގެ ދަރިކޮޅަށް ނިސްބަތްވާ އެކި ކުޅުންތެރިންނާ ވާހަކަ ދައްކައި، އޭގެ ތެރެއިން ވެސް ކިއުރަސާއޯ އަށް ކުޅެވޭނެ އެކިއެކި ރަނގަޅު ކުޅުންތެރިންތަކެއް ހޯދައި، ވޯލްޑް ކަޕަށް ގެންދެވޭނެ ޓީމެއް އެކުލެވާލުމުގެ މޭސްތިރިއަކީ، 45 އަހަރުގެ ކޯޗިން ތަޖުރިބާ ހުރި އެޑްވޮކާޓް އެވެ.
އެންމެ ކުޑަ ގައުމު ގޮވައިގެން ވޯލްޑް ކަޕަށް ދާނީ އެންމެ ދޮށީ ކޯޗު އެންމެ ކުޑަ ގައުމު ގޮވައިގެން ވޯލްޑް ކަޕަށް ދާނީ އެންމެ ދޮށީ ކޯޗު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ