މުޞީބާތެކެވެ ބުނެވިއްޖެނަމަ ބައެއް މީހުންނަށް ޤަބޫލުކުރެވެނީ އެއީ ﷲ ތަޢާލާގެ ކޯފާ ކަމަށެވެ. އެއީ އަދި އެންމެ ރަނގަޅު ވިސްނުމެއް ނޫނެވެ. އިންސާނަކަށް ކުރިމަތިވާނެ އެންމެ ބޮޑު އެއް މުޞީބާތަކީ ހިތްދަތި ޙާލުގައި ދިރިއުޅެން ޖެހުމެވެ.
ކޮންމެ މީހަކަށް ބެލިނަމަވެސް އެމީހަކަށް ދަތި އުނދަގޫ ޙާލަތެއް ނުވަތަ ހިތްދަތިކަން ކުރިމަތިވެއްޖެނަމަ އެކަން އެމީހަކަށްވާނީ މުޞީބާތަކަށެވެ. މިގޮތުން ބަލައިފިނަމަ ކޮންމެވެސް ކަމަކުން މުޞީބާތެއް ކުރިމަތިވެފައި ނުވާ މީހަކު މަދުވާނެއެވެ.
މިފަދަ ކަންކަމަށް ބަލައި ކުރިމަތިވާ ކުދި ބޮޑު ހުރިހާ ވަރެއްގެ މުޞީބާތްތަކަށް ބެލި ނަމަވެސް އެންމެ ބޮޑު މުޞީބާތެއް ކަމުގައިވެފައި އޮންނަނީ އެންމެ ހިތްދަތިޙާލުގައި ދިރިއުޅެންޖެހިފައިވާ މީހުންނެވެ. އެއިގެ ތެރެއިންވެސް ކުރިމަތިވެފައިވާ މުޞީބާތުގެ ވާހަކަ ދެއްކެން ނެތް ޙާލުގައި ދިރިއުޅެން ޖެހިފައިވާ މީހުންނެވެ.
ކުޑަކުޑަ މިސާލަކަށް ބަލައިލާނަމެވެ.
ފިރިމީހާގެ ކިބައިން ހިތްދަތިކަމާއި އަނިޔާ ލިބެނީއެވެ. ދަރިންނަށްވެސް މެއެވެ. ނަމަވެސް އެފަދަ ވާހަކައެއް ދައްކައިފިނަމަ ވަރިކޮށްލައިފާނެކަމުގެ ބިރަށާއި އެކަނި ދަރިން ބެލުމުގެ ކުޅަދާނަކަން ލިބިފައި ނެތުމުން އަނގަބަންދުކޮށްގެން ތިބެން އެބަޖެހެއެވެ.
ހަމައެގޮތަށް އަނބިމީހާގެ ކިބައިންވެސް އަނިޔާލިބެމުންދަނީއެވެ. އެއިން ވާހަކައެއް ދައްކައިފިނަމަ ވަރިވެ ދަރިންކޮޅުވެސް ބޮލަށް ޖަހައިފިނަމަ ބެލޭނެ ގޮތެއް (ބޯހިޔާވަހިކަމެއް) ނެތުމުން ވެސް އަނގަ ބަންދުކޮށްގެން ހުންނަން އެބަޖެހެއެވެ. މީގެ އިތުރުން ދަރިންގެ ނުރުހުމުގައި ދަރިން ބޭނުން ނުވާ މީހުންނާއި ގަދަކަމުން ކައިވެނިކުރުވުންވެސް އެއީ ހަމަ ދެވޭ މިފަދަ ބޮޑު އަނިޔާއެކެވެ.
މިފަދަ ޙާލަތެއް މެދުވެރިވުމުން މެނުވީ އެފަދަ ކަމެއް މެދުވެރިވުމުން ކުރާނެ އަސަރު ނުވެސް ވިސްނޭނެއެވެ. ހިތަށް ކުރާނެ އަސަރާއި އަޅާނެ ވޭން އިޙްޞާޞްވެސް ނުކުރެވޭނެއެވެ. މިފަދަ ޙާލުގައި ދިރިއުޅެން ޖެހިފައިވާ ބައެއް މީހުން ބުނެފައިވަނީ އެފަދަ ޙާލެއްގައި ދުނިޔޭގައި އުޅެންޖެހުމަށްވުރެ އަބަދު ގައިގައި ތަޅާ އަނިޔާކުރުމުން އަޅާނެ ވޭންވެސް މާކުޑަވާނެ ކަމަށެވެ.
މީސްތަކުންނޭވެ! ތިމާގެ ކިބައިން އެހެން މީހަކަށް ކިތަންމެ ކުޑަނަމަވެސް ހިތްދަތިކަމެއް ދީފިނަމަ އެކަން އައިސް ތިމާ އާއި އަރައި ހަމަކުރާނެތެވެ. އެއީ ހަމަ ޔަޤީންކަމެކެވެ. ވީއިރު މިބަޔާންކުރި ޒާތުން އެހެން މީހަކަށް އަނިޔާކޮށް ހިތްދަތިކުރުވާނަމަ އެމީހަކަށް ލައްވަވައިފާނެ ކޯފާއަށް ބިރުވެތިވާށެވެ. އެމީހަކަށް ކުރިމަތިކުރައްވަވާނީ ކޮންފަދަ ބޮޑު މުޞީބާތެއްކަމެއްވެސް ނުއެނގޭނެއެވެ.
ވީމާ ދުނިޔޭގައި ދިރިއުޅެން މިލިބޭ މަދު ދުވަސްކޮޅު ތިމާގެ ކިބައިން އެއްވެސް މީހަކަށް ހިތްދަތިކަމެއް ނުދޭށެވެ. ކިތަންމެ ކުޑަކަމަކުންވެސް އަދި ކިތަންމެ ބޮޑު ކަމަކުން ނަމަވެސްމެއެވެ. ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް ހަޤީޤީ އުފާވެރިކަމެއް ލިބެން އޮތީ އެއިރުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ހިތްދަތިކަމާ އަނިޔާއަށް ބެލިނަމަވެސް ގިނަ މައްސަލަތައް ކުރިމަތިވާނީ ތިމާ އެންމެ ބޮޑަށް ލޯބިވާ، އެންމެ ބޮޑަށް އިތުބާރުކުރާ މީހުންގެ ފަރާތުން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ