ސައުދީން ރާއްޖެއަށް 25500 މުސްހަފު ހަދިޔާކޮށްފި

ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް 25،500 މުސްހަފު ހަދިޔާ ކުރައްވައިފިއެވެ.
މުސްޙަފްތައް ރަސްމީކޮށް ހަވާލުކުރެއްވުމަށް އިއްޔެ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލަންސީ ޔަހްޔާ ހަސަން އަލް ގަހްތާނީ އާއި ސައުދީ އެމްބަސީގެ އިސްވެރިންނާއި އިސްލާމިކް މިނިސްޓްރީގެ އިސްވެރިން ބައިވެރިވެލައްވާފައިވެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ސައުދީ އަރަބިއްޔާ ސަރުކާރުން ދިވެހިރާއްޖެއާއި ދެމެދު ބަހައްޓަވާ ގާތްކަމަށްޓަކައި ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްއާއި، ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް ޝުކުރު އަދާ ކުރައްވާފައެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ ހުންނަވާ ސައުދީ ސަފީރު ހިޒް އެކްސެލަންސީ ޔަހްޔާ ހަސަން އަލް ގަހްތާނީ އަދި އެމްބަސީގެ މުވައްޒަފުންނަށްވެސް މިނިސްޓަރު ޝުކުރު އަދާކުރައްވާފައިވެއެވެ.
މިއަދު ހަދިޔާކުރެއްވި މުސްހަފުތަކުގައި ބޮޑެތި މުސްހަފުވެސް ހިމެނެއެވެ.
މި މުސްހަފުތައް ބެހުމަށް ހަމަޖެހިފައިވަނީ ކީރިތި ޤުރުއާން ހިތުދަސްކުރާ ކުލާސްތަކަށާއި މިސްކިތްތަކަށާއި އިސްލާމީ މަރުކަޒުތަކަށެވެ.
މިއަހަރުގެ ތެރޭގައި ސައުދީން ވަނީ ދިވެހިރާއްޖެއަށް 50،500 މުސްހަފު ހަދިޔާކުރައްވާފައިކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ