އަހަރެންގެ މިދަރިފުޅުތޯއެވެ! އެކުއްޖާއަށްޓަކައި އަހަރެންގެ ކާތަކެތި އޭނާގެ ކާތަކެތި ކަމުގައި، ބޯ ތަކެތި އޭނާގެ ބޯ ތަކެތިކަމުގައިވިއެވެ. އޭނާގެ ހިޔާވައްސަކީ އަހަރެންގެ އުނގުކަމުގައިވިއެވެ. އެކުއްޖާގެ ބައްޕަ އަހަރެން ވަރިކޮށްފިއެވެ. އަދި ކުއްޖާގެ ބައްޕަ ބޭނުންވަނީ އަހަރެންގެ އަތުން އެކުއްޖާ ޖަހައިގަތުމަށެވެ. މިއީ މާތް ނަބިއްޔާގެ އަރިހަށް އައި އަންހެނަކު އޭ ﷲ ގެ ރަސޫލާއެވެ! ދެންނެވުމަށްފަހު މާތް ނަބިއްޔާގެ އަރިހުގައި ކުރި ޝަކުވާއެކެވެ. އެހިނދު އިތުރު އެކަލޭގެފާނު ހަދީސްކުރެއްވިއެވެ. އެކުއްޖާ ލިބުން ބޮޑަށް ހައްގުވެގެންވަނީ ކަމަނާއަށެވެ. ކަމަނާ އެހެން މީހަކާ ކާވެނި ނުކުރާހާ ހިނދަކުއެވެ.
ޙަޟާނަތުގެ މައްސަލަތަކުގައި އާންމު އުސޫލުގެ ގޮތުގައި މިއަދާ ހަމައަށް ބަލަމުން އަންނަ މި ހަދީސް ބަސްފުޅުގެ މުނާސަބަތަކީ މިދެންނެވުނު ގަޒިއްޔާގައި އެކަމަނާ މާތް ނަބިއްޔާގެ ކުރިފުޅުމައްޗަށް އުފުލި އެ ދައުވާއެވެ. އެކަމަނާގެ އެ ޝަކުވާއެވެ. އޭގެ ކުރިޔަށް ޖާހިލިއްޔަ ޒަމާނުގެ އަރަބިންގެ މެދުގައިވެސް އޮތީ ޖާހިލުކަމާއި އަނިޔާވެރިކަން ފެތުރިފައި އޮތް އެހެން ކޮންމެ ތާކުވެސް އޮތް ފަދައިން ގަދަ މީހާއަށް ދަރިލިބޭ އުސޫލެވެ. ޖާހިލިއްޔަ ޒަމާނުގެ އާދަތައް މުގުރާ ސުންނާފަތިކޮށްލި މާތް މުޙައްމަދުކަލޭގެފާނުން ގެންނެވި އަދުލުވެރި ސަމާވީ ދީންކަމުގައިވި މާތްވެގެންވާ އިސްލާމްދީންގެ ފުރިހަމަ ތަސައްވުރުގައި މައިންގެ ހުރުމަތާއި ކަރާމާތް އުފުލައިދިނީ އެކަނބަލުންގެ ގުރުބާނީގެ ހައްގު އިންސާނިއްޔަތަށް އަބަދުމެ ހަނދާންކޮށްދެމުންނެވެ.
މިއަދުލުވެރި ހަމަތައް މުސްލިމުން ތަންފީޒުކޮށް ތަތުބީގުކުރަމުންދިޔައީ ބޮޑެއް ކުޑައެއް މުއްސަންޖެއް ފަގީރެއް ލީޑަރެއް ނިކަމެއްޗެއް ތަފާތުކުރުމެއް ނެތިކަން އަންގައިދޭ އެންމެ މުހިންމު އެއް ހާދިސާ ހިނގީ ޚަލީފާ އަބޫބަކުރުގެފާނުގެ ވެރިކަމުގައެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން އަބޫބަކުރުގެފާނު ޚަލީފާކަމަށް ގެންނަވަން ކަމާބެހޭ މަޖިލީހަށް އެކަލޭގެފާނުގެ ނަންފުޅު ހުށަހެޅުއްވީ އުމަރުގެފާނެވެ. އަދި އެކަމަށް އެންމެ ބޮޑަށް ވަކާލާތުކުރެއްވި ބޭކަލަކީ ވެސް އުމަރުގެފާނެވެ.
އުމަރުގެފާނުގެ ޢާޞިމްއޭ ކިޔުނު ދަރިކަލުން ތުއްޕުޅުއިރު، އުމަރުގެފާނުން އާޞިމްގެ މަންމަ ވަރިކުރެއްވިއެވެ. އެޔަށްފަހު ޢާޞިމް އުމަރުގެފާނުގެ އަރިހުގައި ބެހެއްޓެވުމަށް މަސައްކަތްޕުޅުކުރައްވައި އެކަމަނާގެ އަތުން ދަރިކަލުން އަތުލަން އުޅުއްވިއެވެ. މިކަމަށް ޚަލީފާ އަބޫބަކުރުގެފާނު ގޮތް ކަނޑައެޅުއްވި ހާދިސާއަކީ ކުރިން އަޅުގަނޑު ދަންނަވާލި ބަހުގެ އަލިގަދަ ދަލީލަކަށް ފެތި ހިމުންވާ ހާދިސާއެވެ. ޚަލީފާ އަބޫބަކުރުގެފާނު ކުއްޖާ ހައްގުވެގެންވަނީ ކުއްޖާގެ މަންމައަށް ކަމުގައި ކަނޑައަޅުއްވަމުން އުމަރުގެފާނަށް ވިދާޅުވިކަމަށް ރިވާވެގެންވެއެވެ. "އެކުއްޖާގެ މަންމަގެ ވަހާއި މަންމަގެ ބޮސްދިނުމާއި މަންމަގެ ނާނާ އެކުއްޖާއަށް ކަލޭގެފާނަށްވުރެ ހެޔޮކަން ބޮޑެވެ."
އެމީހެއްގެ މައިންބަފައިންނަކީ ﷲ އަށް ޝިރުކުކުރާ ކާފަރުން ކަމުގައިވިޔަސް، އެމީހުންނާ ގުޅުން ކެނޑުން އިސްލާމްދީން ނަހީކުރައްވާފައިވަނީ ވެސް މައިންބަފައިންގެ ހުރުމަތާއި ކަރާމާތުގެ ބޮޑުކަމަށްޓަކައެވެ. ލުޤްމާން ސޫރަތުގެ ސާދަވަނަ އާޔަތުގައި އެހާލަތް ބަޔާންކުރައްވާވެސް އަންގަވާފައިވަނީ "...އަދި ދުނިޔޭގައި އެ ދެމީހުންނާ އެކުވެގެން އުޅޭށެވެ! " މިފަދައިންނެވެ. އިސްލާމް ނުވާ ހާލުގައި ހުރި މުޝްރިކު މަންމައަކާ ބެހޭގޮތުން ކަނބަލަކު މާތް ނަބިއްޔާއާ ސުވާލުކުރެއްވިއެވެ. އެކަމަނާގެ މުޝްރިކު މަންމައާ މެދު ގުޅުން ބޭއްވުމާ ބެހޭގޮތުންނެވެ. ހަދީސްކުރެއްވިއެވެ. އާއެކެވެ. ކަމަނާގެ މަންމައާ ކަމަނާ ގުޅުން ދަމަހައްޓާށެވެ!
މަތިވެރިވެގެންވާ އިސްލާމްދީން ވަނީ މަންމައިންނަށް ހެޔޮކޮށް ހިތުމަކީ ކުށްފާފަތައް ފޮހެވިގެންދާ ސަބަބެއްކަމުގައި ލައްވާފައެވެ. އަދި ކިއެއްތޯއެވެ! މަންމައިންގެ ހުރުމަތް މަންމަ ފަރާތު ބޮޑުދައިތައިންނާ ހަމައަށް ދެމިގެންވާކަން މާތް ނަބިއްޔާ ބަޔާންކުރައްވާފައިވުމުން މައިންގެ ހުރުމަތާއި ކަރާމާތުގެ އިމާއި މިނުގެ ބޮޑުކަން ތަސައްވުރުކޮށްލުން ހުއްޓެވެ.
މީހަކު އައިސް މާތް ނަބިއްޔާގެ އަރިހުގައި ދެންނެވިއެވެ. އަހަރެންނަށް ފާފައަކަށް އަރައިގަނެވިއްޖެއެވެ. އަހަރެންނަށް ތައުބާއެއް އެބަ އޮތްހެއްޔެވެ؟ ހަދީސްކުރެއްވިއެވެ. ކަލޭގެ މަންމަ އެބަހުރިހެއްޔެވެ؟ އެމީހާ ދެންނެވިއެވެ. ނެތެވެ. ދެން ހަދީސްކުރެއްވިއެވެ. އެހެންވިއްޔާ މަންމަ ފަރާތު ބޮޑު ދައިތައަކު އެބަހުރިހެއްޔެވެ؟ އެމީހާ ދެންނެވިއެވެ. އާއެކެވެ. ހަދީސްކުރެއްވިއެވެ. އެހެންވީއިރު އެކަމަނާއަށް ހެޔޮކޮށްހިތާށެވެ!
އަދި ޖިހާދުކުރުމާއި އިސްލާމްދީނުގެ ދިފާއުގައި ހަނގުރާމަކޮށް ޝަހީދުވުމުގެ މާތްކަމާބެހޭގޮތުން ހުރި އާޔަތްތަކާއި ހަދީސް ބަސްފުޅުތައް ހިތަށް ގެނައުމާއެކު މިދަންނަވާ ހާދިސާއަށް ފުންކޮށް ނަޒަރެއް ދެއްވާށެވެ! މީހަކު މާތް ނަބިއްޔާގެ އަރިހަށް އައިސް ދެންނެވިއެވެ. ތިމަންނާ ކަލޭގެފާނާއެކުގައި ހަނގުރާމައަށް ދާން ބޭނުމެވެ. އަހުރެން ކަލޭގެފާނުގެ އަރިހަށް މިއައީ އެކަމާބެހޭގޮތުން މަޝްވަރާ ދަންނަވާށެވެ! ހަދީސްކުރެއްވިއެވެ. ކަލޭގެ މަންމަ އެބަހުރިހެއްޔެވެ؟ އެމީހާ އާއެކޭ ދެންނެވުމުން ހަދީސްކުރެއްވިއެވެ. އެކަމަނާއާ އެކުގައި ވާށެވެ! ފަހެ ހަމަކަށަވަރުން ސުވަރުގެ ވަނީ އެކަމަނާގެ ދެފައިގެ ކައިރީގައެވެ.
ސުވަރުގެ ވަނީ މަންމައިންގެ ފައިތިލަދަށުގައިކަމަށް އޮންނަ ރިވާޔަތަކީ އަދި މިރިވާޔަތެއް ނޫނެވެ. ނަމަވެސް މި ރިވާޔަތުގައިވެސް މަންމައިންގެ ފަޔަށް އިޝާރާތްކުރައްވާ އެގޮތަށް ހަދީސްކުރެއްވި ބަސްފުޅުގެ މުރާދުކަމުގައި އިލްމުވެރިން ވިދާޅުވަނީ އެކަމަނާއަށްޓަކައި ހިތްތިރިކަމާއި އޯގާތެރިކަން ހުންނަންޖެހޭނެ މިންވަރު ބަޔާންކޮށްދިނުމެވެ. އާދޭހެވެ! އިންސާނާގެ އީގޯއާއި ބޮޑާކަން އޭނާގެ މަންމަގެ ކުރިމަތީގައި އެ މަންމާގެ ދެފައިތިލައިގެ ދަށަށް ވައްދައިފިވުމަށް ދާންދެން ސުވަރުގޭގެ އަހުލުވެރިއެއްގެ ސިފަތައް އެމީހެއްގައި ހުންނާނެ ގޮތެއް ނޯންނާނެއެވެ.
ދަންނަވަންތޯއެވެ! އިސްލާމްދީނުގައި މަންމައިންގެ ހުރުމަތް ރަސްރަސްކަލުންނާއި ވަޒީރުންގެ ހުރުމަތަށްވުރެ ބޮޑެވެ. އަދި އެކަނބަލުން އުފުލި އަދި އުފުލާ ވޭނާއި ތަކުލީފާއި އަގު ނުކުރެވޭނެ ގުރުބާނީ، މަޖިލިސް މެންބަރުންގެ މަސައްކަތަށްވުރެ އިއްޒަތްތެރިއެވެ. ކިއެއްތެ އެމީހެއްގެ ބަދައިގެ ދިޔަ ތިބާގެ އަސްލުކަމުގައިވި ތިބާގެ ބައްޕައަށްވުރެ ތިންގުނަ ހެޔޮކޮށް ހިތުން އައުލާވެގެންވަނީ ތިބާގެ މަންމައަށްކަމުގައި މާތް ނަބިއްޔާވަނީ އުންމަތަށް އަންގަވާފައެވެ. އެހެންވީއިރު މައިންގެ ހުރުމަތާއި ކަރާމާތް ހޮޅުއަށީ ވާހަކަތަކަށްވުރެ މާ ބޮޑުވެފައި މަތިވެރިއެވެ.
ލުޤްމާން ސޫރަތުގެ 14 ވަނަ އާޔަތުގައި މާތް ﷲ އަންގަވާފައިވެއެވެ. "އިންސާނާއަށް، އޭނާގެ މައިންބަފައިންނަށް (ހެޔޮކޮށް ހިތުމަށް) ތިމަންކަލާނގެ ވަސިއްޔަތްކުރެއްވީމެވެ. އޭނާގެ މައިމީހާ ބަލި ނިކަމެތިކަމުގެ މައްޗަށް، ބަލި ނިކަމެތި ކަމާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އޭނާ ކިރު ތުނބުން ވީއްލުންވަނީ، ދެއަހަރުގައެވެ. ތިމަންކަލާނގެއަށާއި، ތިބާގެ މައިންބަފައިންނަށް ޝުކުރު ކުރާށެވެ! އެނބުރި ދިއުން ވަނީ، ހަމަ ތިމަންކަލާނގެ ހަޒުރަތަށެވެ."
މީހަކު އޭނާގެ މަންމަ ގުދާރުމައްޗަށް ލައިގެން އުފުލައިގެން ކައުބާ ވަށާ ތަވާފުކުރުމަށްފަހު އައިސް މާތް ޞަޙާބީ ޢަބްދުﷲ ބިން ޢުމަރުގެ އަރިހުގައި ދެންނެވިއެވެ. ތިމަންނާ އެކަމަނާގެ ހައްގު އަދާކޮށްފިންތޯއެވެ؟ ވިދާޅުވިއެވެ. ނޫނެކެވެ. އެކަމަނާ އެޅި ވޭންވަރުތަކުން ކުރެ އެންމެ ވޭންވަރެއްގެ މިންވަރުވެސް ތިކަމުން ހާސިލު ނުކުރެވޭނެއެވެ. ވީއިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ގާނޫނުއަސާސީއޭ މި ކިޔާ އެތީގެ ހަތެތި ބޮލަށްލައިގެން ރެޔާ ދުވާލު މަސައްކަތްކުރިޔަސް އެމަސައްކަތަކީ މަންމައިންގެ މަސައްކަތާ ވަރުންއެޅުވޭނެ ބާވަތުގެ ކަމެއް ނޫނެވެ.
މަންމައިންގެ ހުރުމަތް މެންބަރުންގެ އިއްޒަތަށްވުރެ މާބޮޑު މަންމައިންގެ ހުރުމަތް މެންބަރުންގެ އިއްޒަތަށްވުރެ މާބޮޑު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ