ސުޕްރީމް ކޯޓުގެ ބަހާއި އަމަލު ދިމާ ނުވޭ: ނަޝީދު

ސުޕްރީމް ކޯޓުގެ ބަހާއި އަމަލު ދިމާ ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ރައީސްކަމުން އިސްތިއުފާ ދެއްވުމަށްފަހު މަޖިލީހުގެ އަމީންއާންމަށް ފޮނުއްވި ސިޓީގައި ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އެތެރޭގެ ކަންކަމުގެ ތެރެއަށް ސުޕްރީމް ކޯޓުން ވަނުމަކީ ވަރަށް އިސްތިސްނާ ހާލަތެއްގައި ނޫނީ ކުރެވޭނެ ކަމެއް ނޫން ކަމަށާއ،ި މިކަމުން ކޯޓުގެ ހުކުމްތައް ސިޔާސީ ވުމަށް މަގުފަހިވެ، ސިޔާސީ ކަންކަން ކޯޓުތަކުން ފައިސަލާކުރާ ބާވަތުގެ ގާނޫނީ މައްސަލަތަކަކަށް ބަދަލުވެގެން ދާނެ ކަމަށް އެ ކޯޓުން ވެސް ބަޔާންކޮށްފައިވާ ކަމަށެވެ.
"ނަމަވެސް ސުޕްރީމް ކޯޓުގެ އަމަލާއި ބަސް މިކަމުގައި ދިމާ ނުވީތީ އަޅުގަނޑު ހިތާމަ ކުރަމެވެ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ކޯޓުން ހައްލެއް ހޯދުމުގެ ބަދަލުގައި, ސިޔާސީ މައްސަލަތަކަށް ހައްލު ހޯދަންވާނީ މަޖިލީހުގެ ތެރެއިންނާއި މަޖިލީހުން ބޭރުގައި އެއްބަޔަކު އަނެއް ބަޔަކާ ވާހަކަ ދައްކައިގެންނާއި އެއް ފަރާތުން އަނެއް ފަރާތަށް އިހުތިރާމް ކުރުމާ އެކު ގައުމުގެ މަސްލަހަތު ކުރިއަށް ނެރެ ދޫދީގެން ކަމަށް ނަޝީދު ވިދާޅުވި އެވެ. ސަބަބަކީ ސިޔާސީ މައްސަލަތަކަށް ކޯޓުން ދޭނެ ފަރުވާއެއް ނޯންނާނެތީ ކަމަށްވެސް ވިދާޅުވި އެވެ.
ޑިމޮކްރަސީގެ އުޞޫލުތައް ދަމަހައްޓައ،ި ރައްޔިތުންގެ މަސްލަހަތަށް ޚިދުމަތް ކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެމި ތިއްބަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމު އަދާ ކުރުމަށް ލިބުނު ފުރުޞަތަށްޓަކައި ފަހުރުވެރިވާ ކަމަށާއި އެމަނިކުފާނުގެ އިސްތިއުފާ އަކީ ޑިމޮކްރެޓިކް ނިޒާމުގެ ތެރޭގައި ހަމަޖެހުމާއި ނަޒާހަތްތެރިކަން އަލުން އާލާކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ