ފަލަސްތީނުގެ ހަމާސް ޖަމާއަތުން އަގްސޯ މިސްކިތުގެ ހިމާޔަތުގައި އިޒްރޭލަށް ދޭން ފެށި ހަމަލާތަކަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު އައްސަރިބަހާ ސާބަސް ވިދާޅުވެއްޖެއެވެ.
އެކްސްގައި މިއަދު މައުމޫން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުން މަސައްކަތް ކުރަމުން ގެންދަނީ އެ މީހުންގެ އަސާސީ ހައްގުތައް ހޯދުމަށް ކަމަށެވެ. އަދި އިއްޔެ ފެށި މި ހަނގުރާމައިގެ މުޖާހިދުން ބައިވެރިވެފައި ވަނީ އާ ގަދަ ހިތްވަރަކާއެކު ކަމަށް މައުމޫން ވަނީ ވިދާޅުވެފައެވެ.
"ފަލަސްތީނުގެ ރައްޔިތުންގެ އަސާސީ ހައްގުތައް އަނބުރާ ހޯދުމަށްޓަކާ ފަލަސްތީނުގެ ހިތްވަރުގަދަ މުޖާހިދުން އިއްޔެ އޮކްޓޫބަރު 7 ގައި އާ ހިތްވަރަކާއެކު ފެށި ވަރުގަދަ ޖިހާދަށް އައްސަރިބަހާއި ސާބަސް ރައްދު ކުރަން." މައުމޫން ވިދާޅުވިއެވެ.
މައުމޫންގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ފަލަސްތީނުގެ ރައްޔިތުންނާއެކު ރާއްޖޭގެ ރައްޔިތުން ތިބިކަން ހާމަ ކުރައްވާފައެވެ. އެގޮތުން ރައީސް މިއަދު ވިދާޅުވީ އަމިއްލަ ވަތަން ދިފާއު ކުރެވޭނެ ބާރުނެތް ފަލަސްތީނަށް އިޒްރޭލުން ދެމުން ގެންދާ ބާރުގަދަ ހަމަލާތައް ކުށްވެރި ކުރާ ކަމަށާއި ދެ ދައުލަތުން މަޝްވަރާކޮށް ހައްލުކޮށް ދާއިމީ ސުލްހަ ގާއިމް ކުރުމަށްވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.
މިހާރު ކުރިއަށްދާ ހަނގުރާމައާ ގުޅިގެން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތައް އަނބުރާ ފަލަސްތީނުގެ ރައްޔިތުންނަށް ދީ ޔަހޫދީން ފައިބަން ގޮވާލައްވާފައެވެ. އަދި 1967 ވަނަ އަހަރު ބޯޑަރު ކަނޑައަޅާފައިވާ ގޮތަށް އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ބައެއްކަމަށް އިޒްރޭލުން ގަބޫލު ކުރަން ޖެހޭ ކަމަށާއި އެ ސަރަހައްދަށް ފަލަސްތީނުގެ ރެފިއުޖީން އެނބުރި އައުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
ޔަހޫދީ އިޒްރޭލުން މުސްލިމުންގެ މުގައްދަސް އެއް ހަރަމް ކަމަށް ވާ އަލް އަގްސޯއަށް ވަދެ ހިންގާ ޖަރީމާތަކަށް ބަދަލު ހިފުމުގެ ގޮތުން ހަމާސް އިން ހަމަލާތައް ދެމުން ދާއިރު ދުނިޔޭގެ އެންމެ ވަރުގަ އެއް އިންޓެލިޖަންސް އިދާރާ، އިޒްރޭލުގެ މޮސާޑަށް ދޮންކަޅު ވެސް އަންގާނުލައި ކުއްލި އަކަށް ދިން ހަމަލާގެ ފުރަތަމަ 20 މިނެޓް ތެރޭގައި 5000 ރޮކެޓް ފޮނުވާލާފައި ވާ ކަަމަށް ހަބަރުތައް ބުނެއެެވެ. އެއާއެކު ހަމާސް އިން ބުނެފައި ވަނީ، މިއީ ކުޅިވަރަށް ކުރާ ކަމެއް ނޫން ކަމަށާއި ހަނގުރާމަ އިއުލާން ކުރީ ކަމަށް ބުނެފައި ވެއެވެ.
މި ހަމަލާގެ ބަދަލު ހިފުމަށް ޔަހޫދީން ފަށާފައި ވާ ގެއްލުން ބޮޑު އުދުވާނުގައި ގާޒާގައި ހުންނަ 2 ޓަވަރު ހިމެނޭ އެންމެ އުސް އިމާރާތް ވަނީ ގޮއްވާލައި ބިމާ ހަމަކޮށްލާފައެވެ. ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިޒަރޭލުން ގާޒާއަށް ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 200 އަށް ވަނީ އަރާފައެވެ.
އެއްގަމާއި, ވަޔާއި ކަނޑުން އަދި އިޒްރޭލުގެ ތެރެއަށް ވައިގެ މަގުން އުދުހި ގޮސް ފައިބާ ދެމުން ދާ ހަމަލާތަކުގައި މަރުވި މީހުންގެ އިތުރުން 545 މީހަކު ވަނީ ޒަހަމްވެސް ވެފައެވެ. މިއީ އިޒްރޭލް ފަދަ ވަސީލަތްތަކާއި, ސިފައިންނާއި ހަތިޔާރާއި ބާރު ހުރި ބަޔަކާ ދެކޮޅަށް ހަމާސް އިން ދިން އެންމެ ނުރައްކާ ބޮޑު ހަމަލާއެވެ.
ހަމާސް އިން ފެށި މިހަމަލާތައް އެމެރިކާއިން ވަގުތުން ކުށްވެރިކޮށް ބަޔާން ނެރެފައި ވާ އިރު، އިޒްރޭލުން ބުނީ، ޕަލަސްތީނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދިނުމުގެ ފުރިހަމަ ހައްގާއި އިހުތިޔާރު ލިބިފައި ވާ ކަމަށާއި އަދި އެފަދަ ހަމަލާތަކެއް ދިނުމަށް އަސްކަރިއްޔާ ތައްޔާރު ކަމަށެވެ.
ފަލަސްތީނުގެ ގާޒާ އާއި ވަށައިގެން އޮންނަ ސަރަހައްދުތަކަށް ޔަހޫދީން ބާރު ފޯރުވާތާ ކިތަންމެ ޒަމާނެކެވެ. 1967 ގެ އަރަބް އިޒްރޭލް ހަނގުރާމަ އަށް ފަހު އެސަރަހައްދުގައި ހިނގަނީ އިޒްރޭލުގެ ބާރެވެ.
އިޒްރޭލާ ދެކޮޅަށް ފަލަސްތީނުން ކުރަމުންގެންދާ ވަރުގަދަ ޖިހާދަށް މައުމޫނު ދެއްވީ އައްސަރިބަހާ ސާބަސް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ