ދިވެހި ވެށީގެ ކޮންމެ ދިރުމެއްގެ އަގުބޮޑު، ލިބޭ ގެއްލުމުން މުޅި ގައުމަށް އަސަރުކުރޭ: ރައީސް

ރާއްޖޭގެ ގުދުރަތީ ވެށީގައި ހިމެނޭ ކޮންމެ ދިރުމަކީ ވެސް އަގުހުރި ދިރުމެއްކަމަށާއި، އެއިން އެއްވެސް ދިރުމަކަށް ލިބޭ ގެއްލުމަކީ މުޅި ރާއްޖޭގެ އިގްތިޞާދަަށް ލިބޭ ގެއްލުމެއްކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ކޮޕް28 ސަމިޓުގައި މިއަދު ހަވީރު ތަގުރީރުކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ކަނޑުފަޅުން ބާނާ މަހާއި، ކޮންމެ ވެލިފުކަކީ ވެސް އަގުހުރި އެއްޗެއްކަމަށެވެ. "އަޅުގަނޑުގެ ޖަޒީރާ ގައުމުގައި ކޮންމެ މުރަކައެއް، ކޮންމެ ވެލިފުކެއް، ކޮންމެ މަހެއް، ކޮންމެ ރުކެއްގައި އަގުއެބަހުރި. އެއަށް ލިބޭ ކޮންމެ ގެއްލުމަކީ ރާއްޖޭގެ އިގްތިޞާދަށް ލިބޭ ގެއްލުމެއް. ގައުމަށް ލިބޭ ގެއްލުމެއް،" ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ ގުދުރަތީ ވެށި ދެމެހެއްޓުމަށް ޓަކައި މޫސުމީ ކާރީސާތައް މަދުކުރުން މުހިންމު ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ، މީގެ 15 ދުވަސްކުރިން ރާއްޖޭގެ ވެރިކަމާ އެ މަނިކުފާނު ހަވާލުވެވަޑައިގެންނެވީ ރާއްޖޭގެ މަސްލަހަތު ހިމެނޭ އެންމެހައި ކަންކަން ހިމާޔަތްކޮށްދެއްވުމުގެ ވައުދުފުޅާއެކު ކަމަށެވެ. އަދި ކޮންމެ ދިވެހި ރައްޔިތަކަށް އުފާވެރި މުސްތަގްބަލެއް ހޯއްދަވައިދެއްވުމުގެ ވައުދުފުޅާއެކު ކަމަށެވެ. އެ ކަން ކަަށަވަރުކުރުމަށް އެކި ކަންކަން ކުރަން ހުރިއިރު ދިވެހީންގެ ބާރުން ބޭރުން އެހެން ގައުމުތަކުގެ އެއްބާރުލުމާއެކު ނޫނީ ނުކުރެވޭނެ ކަންކަން ހުރިކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ އޭގެ އެއް މައްސަލަކީ މޫސުމީ ބަދަލުތައް ކަމަށެވެ. "އަޅުގަނޑަށް އެނގޭ އެ ކަން ހާސިލްކުރުމުގައި އަޅުގަނޑުމެންގެ ބާރުން ބޭރުން ކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން. އޭގެ އެއް ކަމަކީ މޫސުމީ ބަދަލުތައް. ތިޔަ ބޭފުޅުންގެ އިޒުނައާއެެކު މުޅި ރާއްޖޭގެ ފަރާތުން އަޅުގަނޑުމެން ކޮޕް28 ގައި އެދޭ ކަންކަން ހިއްސާކޮށްލާނަން،" ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ ފުރަތަމަ ކަމަކަށް ކުރުން އެންމެ މުހިންމު ކަމަކީ 1.5 ޑިގްރީގައި ދުނިޔޭގެ ފިނިހޫނުމިން ހިފެހެއްޓުމަށް ޓަކައި، ޕެރިސް އެގްރިމަންޓަށް ރިއާޔަތްކޮށް ޕްލޭނެއް އެކުލަވައިލުންކަމަށެވެ. "އެ ޕްލޭން އެކުލަވައިލަންވާނީ ގައުމުތަކުގެ ނިސްބަތުން ހަމަހަމަކަމާއެކު. އަދި ލިބެން ހުރި އެންމެ ރަނގަޅު ވަސީލަތްތަކާއި ސައިންސްގެ ބޭނުން ހިފޭހެން. އަދި އެ ޕްލޭނުން ދެން ހާސިލް ކުރަން ހުރި އެންމެ މުހިންމު ލަނޑުދަނޑިތައް އެނގެންވާނެ،" ރައީސް ވިދާޅުވިއެވެ. ދެވަނަ ކަމަކަށް އެ މަނިކުފާނު ފާހަގަކުރެއްވީ މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރާ ހޭދަ މަދުވުމާއި، އެ ކަމަށް ފޯރުކޮށްދޭން ވައުދުވާ ފައިސާގެ އަދަދު މަދުކޮށް އޮތް އޮތުން ކުޑަކުރުންކަމަށެވެ. އެކަމަށް މަސައްކަތްކުރުން މުހިންމުކަމަށް ފާހަގަކުރެއްވިއެވެ. އެއާއެކު އެ މަނިކުފާނުވަނީ ލޮސް އެންޑް ޑެމޭޖު ފަންޑު އޮޕަރޭޝަނަށް ގެންނަން އިއްޔެ ނިންމި ނިންމުމަށް މަރުހަބާ ވިދާޅުވެފައެވެ. ރައީސް ވަނީ މި އަހަރުގެ ކޮޕް ސަމިޓު ޔޫއޭއީގައި ބާއްވާއިރު އެ ގައުމުން ފޯރުކޮށްދިން ފުރިހަމަ މެހުމާންދާރީއަށް ޝުކުރު އަދައިކުރައްވައިފައެވެ. އަދި ކޮޕް28 ސަމިޓުގެ ރިޔާސަތު ބެލެހެއްޓުމުގައި އެ ގައުމުން އަދާކުރާ ދައުރު ބަލައިގަންނަކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ