ކުރިމަގުގައިވެސް ދިފާޢީ ދާއިރާއިން ގުޅިގެން މަސައްކަތްކުރާނަން: އިންޑިއާގެ ޑިފެންސް މިނިސްޓަރ

ކުރިމަގުގައިވެސް ދިފާޢީ ދާއިރާއިން ދެ ޤައުމުން ގުޅިގެން މަސައްކަތްކުރައްވާނެކަމަށް އިންޑިއާގެ މިނިސްޓަރ އޮފް ޑިފެންސް ރަޖްނަތް ސިންގ ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ މިނިސްޓަރ އޮފް ޑިފެންސް ރަޖްނަތް ސިންގ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތުގެ ތެރެއިން ރައީސް ސޯލިހާއި އެކު ބޭއްވެވި ބައްދަލުވުމުގައި އިންޑިއާގެ ޑިފެންސް މިނިސްޓަރ ވިދާޅުވީ، އެމަނިކުފާނު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ކޮމިޝަން ކުރެވިގެންދިޔަ، އިންޑިއާ ސަރުކާރުން ހަދިޔާކުރެއްވި ކޯސްޓްގާޑް އުޅަނދު "ހުރަވީ" އަދި ލޭންޑިންގ ކްރާފްޓްގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމުގެ ޤާބިލުކަން އިތުރު ވެގެންދާނެކަމަށެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަވަށްޓެރި ޤައުމުތަކާއެކު ރާއްޖެއިން ބާއްވަމުން އަންނަ ޒަމާންވީ ގާތްގުޅުމުގެ ތާރީޚަށް އަލި އަޅުވާލައްވާފައެވެ. އަދި ދެ ޤައުމުގެ މަތީފަންތީގެ ބޭފުޅުންގެ ދަތުރުފުޅުތަކާއި ، ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތަކާއެކު ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު ރާއްޖޭގައި ކުރިޔަށްގެންދާ ހައިޑްރޯގްރަފީ ސާރވޭގެ މަސައްކަތް ވަރަށް ބޮޑަށް ކުރިޔަށްގޮސްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މި ސާވޭތައް ކުރިޔަށްގެންދިއުމަށް ބޭނުންވާ އިކުއިޕްމަންޓްގެ އެހީތެރިކަންދެއްވާތީ އެކަން ޝުކުރުވެރިކަމާއެކު އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އިންޑިއާގެ ޑިފެންސް މިނިސްޓަރުގެ ވާހަކަފުޅުގައި ރާއްޖޭގެ ނޫ އިޤްތިޞާދުގެ ސިޔާސަތަށް އެހީތެރިވެދިނުމުގެ ގޮތުން ޖުމްލަ ތިން ބުރެއްގެ ސާވޭގެ މަސައްކަތް ކުރިޔަށްގެންގޮސްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މި ސާވޭގެ ދަށުން ތައްޔާރުކޮށްފައިވާ ޗާޓުތައް ދިވެހި ސަރުކާރާ ޙިއްޞާ ކުރައްވާފައިވާކަން ފާހަގަކުރައްވައި އިންޑިއާގެ ޑިފެންސް މިނިސްޓަރު ވަނީ ޗާޓުތަކަށް އަޕްޑޭޓްކުރުމުގެ މަސައްކަތުގައި ވެސް އިންޑިއާގެ އެހީތެރިކަން ލިބިގެންދާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިންޑިއާއިން ރާއްޖެއަށް ޚާއްޞަ ސަމާލުކަމެއް ދެއްވާކަން ފާހަގަކުރައްވައި އެކިދާއިރާތަކުން އިންޑިއާއިން ރާއްޖެއަށް ދެމުން އަންނަ އެހީތެރިކަމާ އެއްބާރުލުން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ. އަދި މި ގުޅުން ކުރިމަގުގައި އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވެސް ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުން ނިންމާލައްވަމުން އިންޑިއާގެ ޑިފެންސް މިނިސްޓަރ ވަނީ ރާއްޖޭގައި އިންޑިއާއިން ކުރިޔަށްގެންދާ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކުގެ ކުރިއެރުންތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި ކުރިމަގުގައި ވެސް އިންޑިއާގެ އެއްބާރުލުމާއި އެހީތެރިކަން ރާއްޖެއަށް ލިބެމުންދާނެކަމުގެ ޔަޤީން އިންޑިއާގެ ޑިފެންސް މިނިސްޓަރ ދެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ