"ޖެމްސް ވަރކްސްޕޭސް" އާއެކު އިތުރު ލުއި ފަސޭހަތަކެއް ލިބޭނެ: ނައިބް ރައީސް

ސަރުކާރުގެ އިދާރާތަކުގެ މެދުގައި ލިޔެކިޔުން ބަދަލުކުރުމަށް ޒަމާނީ ޓެކްނޯލޮޖީގެ ފަސޭހަތައް ހިމެނޭ ގޮތަށް އިތުރު ފީޗަރތައް ހިމަނައި ތަޖުރިބާކުރުމުގެ ގޮތުން މިއަދު ތަޢާރަފްކުރި އާ ޑިޖިޓަލް ޕްލެޓްފޯމް، "ޖެމްސް ވަރކްސްޕޭސް" ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އިފްތިތާޙްކޮށްދެއްވައިފިއެވެ.
މިރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު، ނެޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގައެވެ.
މިރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، "ޖެމްސް ވަރކްސްޕޭސް"ގެ ސަބަބުން ޒަމާނާއި އެއްގޮތަށް ޚިދުމަތްތައް ދިނުމުގައި ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި މިއީ ސަރުކާރުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭނުގެ ދަށުން ކުރެވުނު މުހިއްމު މަސައްކަތެއްކަން ފާހަގަކުރައްވައި އެމަސައްކަތުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ފަރާތްތަކަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.
ރައީސުޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ވިދާޅުވީ، މީގެކުރިން ރައްޔިތުންގެ ތެރޭގައި އޮތް އެންމެބޮޑު އެއް ޝަކުވާއަކީ، ސަރުކާރުގެ އިދާރާތަކުން ޖަވާބު ނުލިބުމާއި ޚިދުމަތްތައް ލަސްވުމުގެ ޝަކުވާކަމަށެވެ. އަދި އެކަމަށް ސަރުކާރުން ޚާއްސަ އަހައްމިއްޔަތުކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާފައި ވާކަމަށާއި، މިއަދު މި އިފްތިތާޙްކުރެވިގެން ދިޔަ "ޖެމްސް ވަރކްސްޕޭސް" ސަރުކާރުގެ ހުރިހާ މުއައްސަސާއެއްގައި، ބޭނުންކުރެވެން ފެށުމުން، ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
"ޖެމްސް ވަރކްސްޕޭސް" ފަރުމާކޮށްފައި ވަނީ، ޖެމްސް މެދުވެރިކޮށް ރަސްމީ މުއާމަލާތްތައް ކުރުމަށްޓަކައި، ލިޔެކިޔުން ތައްޔާރުކުރުމަށް، އެހެން ސޮފްޓްވެއާއެއް ބޭނުން ކުރަން ނުޖެހޭގޮތަށް، ޓެމްޕްލޭޓްތައް ހިމަނައި، ޖެމްސްއިން ސިޓީ ބިޓީ ޑްރާފްޓްކޮށް، އެފަދަ ސިޓީ ބިޓީތައް ޕްރިންޓް ނުކޮށް އިލެކްޓްރޯނިކް ސޮޔާއެކު ފޮނުވޭ ގޮތަށެވެ. މީގެ އިތުރުން ޖެމްސް ވަރކް ސްޕޭސް ބޭނުންކުރުމުގެ މަރުހަލާތައް ނިމިގެންދާއިރު، ވިޔަފާރިތަކާއި ޖަމިއްޔާތަކާއި އަމިއްލަ ފަރާތްތަކަށްވެސް ޖެމްސްގެ ތެރެއިން ސަރުކާރުގެ އިދާރާތަަކަށް ސިޓީބިޓި ފޮނުވައި މުއާމަލާތްކުރެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ