އިންނަމާދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ރ. އިންނަމާދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
މި މަޝްރޫއު ހަވާލުކުރުމަށް ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕްރޭޓިން އޮފިސަރު ޝާހިދު ހުސައިން މޫސާއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވ،ީ ޑިރެކްޓަ ޖެނެރަލ،ް ފާތުމަތު ޝާނާ ފާރޫގެވެ.
ސަރުކާރުން މި މަޝްރޫއު އެމްޓީސީސީ އާ ހަވާލުކުރީ 67.20 މިލިއަން ރުފިޔާއަށް 390 ދުވަސް ތެރޭ ނިންމާ ގޮތަށެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހެދުމަށްފަހު ކަމަށް އެމްޓީސީސީން ބުންޏެވެ.
މި މަޝްރޫއުގެ ދަށުން 14,417 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި 32,310 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަރު ބޭސިން ފުންކުރުމާއި 950 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި 204 މީޓަރުގެ ބޭރުތޮށި ލުމާއި 472 މީޓަރުގެ އެއްގަމުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ.
މޫގެ އިތުރުން މޫރިން ބޮއި ހަރުކުރުމާއި 178 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 18 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި ވެލިބަރުކޮށްފައިވާ ބޭރުތޮށީގައި 222 މީޓަރުގެ ބޭރު ރިވެޓްމެންޓެއް ޖެހުމާއި 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުން ބަނދަރު ބައްތި ހަރުކުރުމާއި ޕޭވްމަންޓް ހެދުން 251 މީޓަރުގެ ކާބް ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރާނެއެވެ.
އެމްޓީސީސީން ބުނީ އިންނަމާދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމާއެކު، ބަނދަރުގައި އަޅާފައި އޮންނަ އުޅަނދުފަހަރަށް ޖާގަ ތަނަވަސްވެ ރައްޔިތުންނަށް ދިމާވަމުންއަންނަ ދަތިތަކަށް ނިމުމެއް އަންނާނޭ ކަމަށެވެ. 

ވޭތުވެދިޔަ 42 އަހަރުތެރޭ އެމްޓީސީސީން ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގާ ކާމިޔާބުކަމާއިއެކު ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ