ގާތްގާތުގައި ވަރުގަދަ ތިން މެޗަށް ފަހު ރާއްޖޭން ރަނގަޅުކޮށް ކުރިއަށް ގާތްގާތުގައި ވަރުގަދަ ތިން މެޗަށް ފަހު ރާއްޖޭން ރަނގަޅުކޮށް ކުރިއަށް

ތައިލެންޑުގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަނުގައި ރާއްޖޭން ގާތްގާތުގައި ވަރުގަދަ ތިން މެޗު ކުޅުމަށް ފަހު، ލިބުނު ކުރިއެރުންތަކަށް ބަލައި، ކުރިއަށް ހުރި މެޗުތަކުގައި އިތުރަށް ރަނގަޅުކުރެވޭނެ ކަމަށް ޓީމުގެ ކޯޗު އާތިފް މުހައްމަދު (އާތީ) ބުނެފި އެވެ.
ސާފް އިން ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތަކީ މިއީ، ރާއްޖޭގެ އަންހެން ފުޓްސަލް ޓީމެއް ބައިނަލްއަގުވާމީ މުބާރާތެއްގައި ކުޅެން ލިބުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން، ޓްރެއިނިން މެޗެއް ވެސް ރާއްޖޭން ކުޅެފައިނުވާއިރު، މުބާރާތް ކުޅުމަށް ތައިލެންޑަށް އައުމުގެ ކުރިން އިންޑޯއެއްގައި ޕްރެކްޓިސްކޮށްފައެއް ވެސް ނުވެ އެވެ. ތައިލެންޑަށް އައުމަށް ފަހު، އިންޑޯގައި ޓްރެއިނިން ކުރިއަށްގެންދިއުމުގެ ފުރުސަތު ލިބިގެންދިޔަ އެވެ.
އެ ގޮތުން، މުބާރާތަށް އައިސް، ފުރަތަމަ މެޗުގައި، އިންޑިއާ އަތުން 11-1 އިން ބަލިވި އެވެ. އެ އަށް ފަހު، ދެ ވަނަ މެޗުގައި، ރާއްޖޭން ނޭޕާލް އަތުން 5-0 އިން ބަލިވިއިރު، މި މެޗުގައި ނޭޕާލް ކައިރީގައި ރާއްޖޭން ރަނގަޅު ކުުޅުމެއް ދެއްކި އެވެ. ރޭ ޕާކިސްތާން އަތުން 3-1 އިން ބަލިވިއިރު، ރާއްޖޭން މި މެޗުގައި އެއްވަރުވެސް ކުރި އެވެ. އަދި، މެޗުން މޮޅުވެވޭ ވަރަށް ގޯލު ޖަހާނެ ފުރުސަތުތައް ވެސް ހޯދި އެވެ.
އާތީ ބުނީ، ގާތްގާތުގައި މެޗުތައް ކުޅެން ޖެހުމުން ފާހަގަވި އެންމެ ބޮޑު ކަމަކީ، ފިޓްނަސް އަށް މަސައްކަތްކޮށްލަން މުބާރާތަށް ތައްޔާރުވާން ލިބުނު ވަގުތު މަދުކަން ކަމަށެވެ.
"އެންމެ މުހިންމު ކަމަކަށް ހަމަ ފާހަގަކުރެވުނީ ލިބުނު ދުވަސްކޮޅު މަދުވުން، ފިޓްނަސް މީގެ ފުދޭ ވަރަކަށް އެބަބޭނުންވޭ، ދެން، އިންޓެންސިޓީ ހައި ވީމަ، އޭތި އައިސްފައި އިންޑޯ އަށް ބަދަލުވުމާއި، އިންޑޯ އަށް އާ ވުމާއި އެ ހުރިހާ ކަންކަން ހުރީމަ މި އުޅެނީ އުނދަގޫ ވެގެން. އެއާ އެއްކޮށް މި ލިބެނީ (ދެ މެޗު ދެމެދުގައި) އެއް ދުވަހުގެ ބްރޭކެއް، އެއީ، ހަަމަ ރިކަވަރީ ރަނގަޅަށް ނުވެ އަނެއްކާ ވެސް މެޗަށް މި އަންނަނީ، އެހެންވީމަ، އެ ތަންކޮޅު އެ ދައްކަނީ،" އާތީ ބުންޏެވެ.
ރާއްޖޭގެ ޓީމުން ރަނގަޅު ކުރަން ޖެހޭ ކަމެއް ކަމަށް އެންމެ ބޮޑަށް ފާހަގަވެފައިވަނީ، ގޯލު ޖަހަން ލިބޭ ފުރުސަތުތަކުގެ ބޭނުން ރަނގަޅަށް ހިފުން ކަމަށެވެ. މެޗަކަށް ވުރެން މެޗެއް ގޯލު ޖަހަން ރާއްޖޭން ތަނަވަސްކުރާ ފުރުސަތުތައް އިތުރު ވަމުން އަންނައިރު، މިހާތަނަށް މި މުބާރާތުގައި އެންމެ މަދުން ގޯލު ޖެހީ ރާއްޖޭންނެވެ. އެއީ، އެންމެ ދެ ގޯލެވެ.
"އެބަ ލިބޭ ޗާންސް، މިއަދު (ރޭ) ފުރަތަމަ ހާފުގައި ވެސް ވަރަށް ރަނގަޅަށް. ފުރަތަމަ ޕީރިއަޑްގައި ވަރަށް ރަނގަޅު ޗާންސްތައް ލިބެމުންދިޔަ، އޭތި ނިންމާނުލެވިދިޔައީ، ދެން، ދެ ވަނަ ހާފުގައި ތަންކޮޅެއް އަވަހަށް އެއްޗެއް އައިސް ކޮޅަށް އެ ވަނީ، އެހެންވިޔަސް، ހުރިހާ ޕްލޭޔަރުން ހަމަ އެއްކޮށް ކުރި މަސައްކަތް ފާހަގަކޮށްލަން. އަދި، އިރާދަކުރެއްވިއްޔާ، ހަމަ ކުރިއަށް ހުރި މެޗުތަކުގައި ކުރިއަށްވުރެން ރަނގަޅުވާނެ،" އާތީ ބުންޏެވެ.
ސާފްގެ އަންހެން ފުޓްސަލް މުބާރާތުގައި ރާއްޖޭން ދެން އެންމެ އަވަހަށް މެޗެއް ކުޅޭނީ އަންނަ ބުދަ ދުވަހު އެވެ. އެ ދުވަހު ރާއްޖޭން ބައްދަލުުކުރާނީ ބޫޓާންއާ އެވެ. އެ މެޗަށް ރާއްޖޭން ނުކުންނާނީ ތިން ދުވަހުގެ ބްރޭކަކަށް ފަހު އެވެ. އާތީ ވަނީ މި ބްރޭކަކީ ރިކަވާވެގެން ދެން އިން މެޗަށް ނުކުންނަން ލިބޭ ފުރުސަތެއްކަން ފާހަގަކޮށްފަ އެވެ.
"ރިކަވަރީ އެބަ ލިބޭ ދެން އިން މެޗަށް، އެ މެޗަށް އަންނައިރު، މިހާރު އެބަ އުޅޭ ކުދިކުދި އިންޖަރީސްތައް، އެކަންކަން ވެސް ރަނގަޅުކޮށްލައިގެން އައިސްފައި. ރަނގަޅު މެޗަކަށް ދެން ނުކުންނާނީ،" އާތީ ބުންޏެވެ.
ބޫޓާނާ ކުޅޭ މެޗަށް ފަހު، ދެން ރާއްޖެ އަށް އޮންނާނީ 23 ވަނަ ދުވަހު ސްރީ ލަންކާއާ ކުޅޭ މެޗާއި 25 ވަނަ ދުވަހު ބަންގްލަދޭޝާ ބައްދަލުކުރާ މެޗެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ