އެކި އަތޮޅުތަކުން 1500އަށް ވުރެ ގިނަ ދަރިވަރުން މިއަހަރު މާލެ ބަދަލުވި

އެކި އަތޮޅުތަކުގެ ސްކޫލުތަކުން މިއަހަރު 1500 އަށް ވުރެ ގިނަ ދަރިވަރުން މާލޭގެ ސްކޫލުތަކަށް ބަދަލުވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - އަތޮޅުތަކުން މާލޭގެ ސްކޫލުތަކަށް ކިޔެވުން ބަދަލުކުރަން ބޭނުންވާ ދަރިވަރުންގެ ޖާގައަށް ހުޅުވާލި މުއްދަތު އިއްޔެ ވަނީ ހަމަވެފަ އެވެ. މިއަދު މިނިސްޓްރީން އާންމުކުރި މައުލޫމާތުގައި ވާގޮތުން، އެކި އަތޮޅުތަކުން 1530 ދަރިވަރަކު މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ސްކޫލުތަކަށް ވަނުމަށް ހުށަހަޅާފައިވެ އެވެ.
ތަފްސީލް - މި 1530 ދަރިވަރުންގެ ތެރޭގައި ހިމެނެނީ:
މާލޭގެ ސްކޫލުތަކަށް ވަނުމަށް ހުށަހަޅާފައިވާ 694 ދަރިވަރަކު
ހުޅުމާލޭގެ ސްކޫލުތަކަށް ވަނުމަށް ހުށަހަޅާފައިވާ 753 ދަރިވަރަކު
ވިލިމާލޭގެ ސްކޫލުތަކަށް ވަނުމަށް ހުށަހަޅާފައިވާ 83 ދަރިވަރަކު
މިއަހަރު މާލެއިން ގްރޭޑް 1 އަށް ވެއްދުމަށް 1748 ދަރިވަރަކު ހުށަހަޅާފައިވެ އެވެ. ގްރޭޑް 1 އަށް އަތޮޅުތަކުގެ ސްކޫލުތަކުގައި ވެއްދުމަށް ހުށަހަޅާފައިވަނީ 3042 ދަރިވަރެކެވެ. މާލެއިން ހުޅުމާލޭގެ ސްކޫލުތަކަށް ބަދަލުވުމަށް ވެސް 836 ދަރިވަރަކު ހުށަހަޅާފައިވެ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - އަހަރުން އަހަރަށް، އަތޮޅުތަކުން މާލެ ބަދަލުވާ ދަރިވަރުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިދިޔަ އަހަރު ވެސް އަތޮޅުތަކުން 1500 ދަރިވަރަކު މާލޭގެ ސްކޫލުތަކަށް ބަދަލުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ