ފިލްމީ ދާއިރާއާ ގުޅުނީ މައިންބަފައިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް: ރާނީ
ފިލްމީ ދާއިރާއަށް ނުކުތީ އެކަމަށް އެއްވެސް ވަރަކަށް ތައްޔާރުނުވެ ކަމަށާއި އެއީ ހަމައެކަނި މައިންބަފައިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި މަސައްކަތްކުރަން ފެށި ދާއިރާއެއް ކަމަށް ބޮލީވުޑްގެ ބަތަލާ ރާނީ މުކަރުޖީ ބުނެފިއެވެ. ރާނީ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާތާ 30 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ޔަޝް ރާޖް ފިލްމްއިން އިންތިޒާމްކޮށްގެން ބޭއްވި ޔޫޓިއުބް ޝޯއެއްގައި ބަތަލާ ވަނީ ދިގު ފިލްމީ ކެރިއަރާ ގުޅުންހުރި ގިނަ ވާހަކަތަކެއް ބެލުންތެރިންނާ ހިއްސާކޮށްފައެވެ. ރާނީގެ ގާތް އެކުވެރިއެއް ކަމަށްވާ ޕްރޮޑިއުސަރު/ޑައިރެކްޓަރު ކަރަން ޖޯހަރު ހޯސްޓެއްގައި ގޮތުގައި ފެނުނު މި ޝޯގައި ބަތަލާ ބުނީ، ކެރިއަރުގެ ފުރަތަމަ ބޮލީވުޑް ފިލްމު ބަތަލާ ކުޅުނީ އުމުރުން 18 ނުވަތަ 19 އަހަރުގައި ކަމަށެވެ. އޭރު ފިލްމީ ދާއިރާއަށް ނުކުތީ އެއްވެސް ޕްލޭނެއް ނެތި ކަމަށާއި ފިލްމީ ކެރިއަރު ކާމިޔާބު ނުވެއްޖެނަމަ އެނބުރި އަނެއްކާވެސް ކިޔެވުމާއިގެން ކުރިއަށް ދިއުމަށް ބަތަލާގެ މަންމަ އިރުޝާދު ދިން ކަމަށް ރާނީ ވަނީ ބުނެފައެވެ. ރާނީ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާތާ 30 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ކޭކު ފަޅަނީ-- ފޮޓޯ/ ފޭސްބުކް އެހެންނަމަވެސް ހީކުރިގޮތާ ޚިލާފަށް ފިލްމުތަކުން އިތުރު ފުރުސަތުތަކެއް ލިބި އާއިލާގެ މާލީ ހާލަތު ރަނގަޅުވާން ފެށުމުން ދެން ބޭނުންވީ އެ ދާއިރާގައި ދެމިހުރުމަށް ކަމަށް ރާނީ ވަނީ ބުނެފައެވެ. އެހެންވެ ފިލްމުތަކުން އެވޯޑުތަކާއި މޮޅެތި ލަގަބުތައް ހޯދުން އޭރު ރާނީއަށް އެއްވެސް ވަރަކަށް މުހިއްމު ނުވި ކަމަށް ބަތަލާ ވަނީ ބުނެފައެވެ. ރާނީގެ އާއިލާގެ ހާލަތު ރަނގަޅުވެ، މައިންބަފައިންނަށް ބޭނުންވާ ކަންކަން ކޮށްދެވޭ ވަރަށް އާމްދަނީ ލިބުމުން ދެން އިހުސާސް ކުރެވުނީ ފިލްމު އިންޑަސްޓްރީގައި ދެމިހުރެވުނީ ބެލުންތެރިން ބަތަލާ ބަލައިގަނެފައިވާތީ ކަމަށާއި އެހެންވެ ދެން މަސައްކަތްކުރީ ބަތަލާއަށް ސަޕޯޓުކުރާ މީހުންގެ އުފަލަށްޓަކައި ފިލްމުތައް ގެނެސްދިނުމަށް ކަމަށް ރާނީ ވަނީ ބުނެފައެވެ. ފިލްމު އިންޑަސްޓްރީއަށް ފުރަތަމަ ތައާރަފްވެ ކުޅުނު މަދު ފިލްމުތަކުގައި ބަތަލާގެ އަޑު ވަރަށް ގިނަ ޕްރޮޑިއުސަރުންނަށް ކަމުނުދިޔަ ކަމަށާއި އެކަމާ ވަރަށް ދެރަވި ކަމަށް ރާނީ ވަނީ ބުނެފައެވެ. އެހެންވެ ފިލްމު "ގުލާމް"ގައި ވެސް ރާނީގެ އަޑުގެ ބަދަލުގައި އިވޭނީ އެހެން ބަތަލާއެއްގެ އަޑު ކަމަށާއި ނަމަވެސް ރާނީގެ އަސްލު އަޑު އާއްމުންނަށް ފޯރުކޮށްދިނީ ކަރަން ކަމަށް ބަތަލާ ވަނީ ބުނެފައެވެ. އެއީ ކަރަން އެންމެ ފުރަތަމަ ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރި ފިލްމަށްވެފައި ކަރަން އެ ރިސްކު ނެގީތީ މިއަދާ ހަމައަށްވެސް ޝުކުރުވެރިވާ ކަމަށް ބަތަލާ ވަނީ ބުނެފައެވެ. ފިލްމީ ދާއިރާގައި 29 އަހަރު ހޭދަކުރުމަށްފަހު މިދިޔަ އަހަރު ބަތަލާއަށް ނެޝަނަލް އެވޯޑު ލިބުމުން އެއީ ކެރިއަރުގައި ކުރެވުނު މަސައްކަތްތަކާ މެދު ފަޚުރުވެރިވީ ވަގުތުކޮޅެއް ކަމަށް ރާނީ ވަނީ ބުނެފައެވެ. ނެޝަނަލް އެވޯޑު ބަތަލާއަށް ލިބުނީ އެ އެވޯޑު ރާނީއަށް ނުލިބޭތީ އެކަމާ ބަތަލާގެ މައިންބަފައިންގެ އިތުރުން ސަޕޯޓަރުން ވެސް ވަރަށް ބޮޑަށް މާޔޫސްވެފައި ތިއްބައި ކަމަށް ރާނީ ވަނީ ބުނެފައެވެ. ބޮލީވުޑް ހަންގާމާގެ ޔޫޓިއުބް ޗެނަލްގައި އާއްމުކޮށްފައިވާ މި އިންޓަވިއު ކަރަން ނިންމާލީ ރާނީއާއި ފިރިމީހާ، ފިލްމު ޕްރޮޑިއުސަރު/ޑައިރެކްޓަރު އަދިތިޔަ ޗޯޕްރާގެ ދަރިފުޅު ބަތަލާއަށް ލިޔެފައިވާ ޚާއްސަ ސިޓީއަކާ އެކުއެވެ. އުމުރުން ނުވަ އަހަރުގެ އަދީރާ ބުނެފައި ވަނީ މަންމައާ މެދު ފަޚުރުވެރިވާ ކަމަށާއި ރާނީގެ ފަރާތުން ވަރަށް ގިނަ ރަނގަޅު އާދަތަކެއް ދަސްވެފައިވާ ކަމަށެވެ. ފިލްމު "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ"އިން 2023ވަނަ އަހަރު ފެނުނު ބަތަލާގެ އެންމެ އަވަހަށް ރިލީޒްވާނެ ފިލްމަކީ މި އަންނަ ހުކުރު ދުވަހު ރިލީޒްކުރާ ފިލްމު "މަރުދާނީ 3"އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ