އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެ ގައުމުގެ ބަންޑާރަ ނައިބު ޕޭމް ބޮންޑީ އިއްޔެ މަގާމުން ވަކިކުރައްވައިފި އެވެ.
މި ފިޔަވަޅު އަޅުއްވާފައިވަނީ ބޮންޑީގެ މަސައްކަތްތަކާ މެދު، ހާއްސަކޮށް ޖެފްރީ އެޕްސްޓީންގެ މައްސަލަތަކާ ގުޅުންހުރި ލިޔެކިޔުންތައް ބެލެހެއްޓެވުމުގައި ގެންގުޅުއްވި ސިޔާސަތުތަކަށް ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.
ބޮންޑީއަކީ "އެމެރިކާގެ ވަތަނީ ބޭފުޅެއް އަދި ވަފާތެރި އެކުވެރިއެއް"ގެ ގޮތުގައި ސިފަކުރައްވަމުން ޓްރަމްޕް ވިދާޅުވީ، އޭނާ ވަގުތުން މަގާމުން ވަކިވެވަޑައިގަންނަވާނެ ކަމަށެވެ. އަދި ބޮންޑީގެ ބަދަލުގައި ވަގުތީ ގޮތުން އެ މަގާމާ ހަވާލުވެވަޑައިގަންނަވާނީ ޑެޕިއުޓީ އެޓާނީ ޖެނެރަލް ޓޮޑް ބްލާންޗް ކަމަށް ވެސް ރައީސް އިއުލާންކުރެއްވި އެވެ.
މައުލޫމާތު ލިބޭ ގޮތުގައި، ޓްރަމްޕްގެ ސިޔާސީ އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ދައުވާ އުފުލުމުގެ ދުވެލި މަޑުވުމާއި އެޕްސްޓީންއާ ގުޅުންހުރި މައުލޫމާތުތައް ހާމަކުރުމުގައި ގެންގުޅުނު އުސޫލުތަކާ މެދު ޓްރަމްޕް ހިތްޕުޅުހަމަނުޖެހުން ފާޅުކުރައްވާފައިވެ އެވެ. މިއީ ޓްރަމްޕްގެ އެކުވެރިންނާއި ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ފާޑުކިޔުން ވެސް އަމާޒުވި ކަމެކެވެ.
މިކަމާ ގުޅިގެން ބޮންޑީ ވިދާޅުވީ، ސަރުކާރުގެ މިފަދަ މުހިންމު މަސްއޫލިއްޔަތެއް އަދާކުރުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށާއި މަގާމު ބަދަލުވުމުގެ މަރުހަލާގައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.
ބޮންޑީގެ ދައުރުގައި ޖަސްޓިސް ޑިޕާޓްމަންޓްގެ މަސައްކަތްތައް ޓްރަމްޕްގެ އެޖެންޑާއާ އެއްގޮތަށް ބައްޓަންކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެއްވި ނަމަވެސް، އެ މުއައްސަސާގެ މިނިވަންކަން ގެއްލުވާލާފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ އޭނާއަށް ފާޑުކިޔާފަ އެވެ. ސަރުކާރުގެ ކުރީގެ އިސް އޮފިޝަލަކު ސިފަކުރެއްވި ގޮތުގައި، ބޮންޑީ ވަނީ ޖަސްޓިސް ޑިޕާޓްމަންޓްގެ ނިޒާމު މުޅިން މުގުރާލާފަ އެވެ.
އެމެރިކާގެ ބަންޑާރަ ނައިބުގެ މަގާމުން ޕޭމް ބޮންޑީ ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ