ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މަސައްކަތްޕުޅުތަކާއި މެދު މުޅި ރާއްޖޭގެ ރައްޔިތުން ފަހުރުވެރިވާ ކަމަށް ވެރިކަން ކުރާ ޕީޕަލްސް ނެޝަަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ލޯކަލް ކައުންސިލް އިންތިހާބުގެ ތިނަދޫ ސިޓީގެ ކެމްޕޭން ލޯންޗުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ފަލާހު ވިދާޅުވީ ރައީސް މުއިއްޒަކީ ތަރައްގީގެ ހާއްސަ އުސްމިންތަކަކަށް ރާއްޖޭގެ ސިޓީތައް ގެންދިޔުމުގެ ތަސައްވުރެއް އޮތް ވެރިއެއް ކަމަށާއި ތިނަދޫ ސިޓީއަކީ ހަގީގަތުގައި މިހާރު ތަރައްގީގެ އިގްތިސާދީ ހަބަކަށް ވާންޖެހޭ ސިޓީއެއް ކަމަށެވެ.
"އެ މަސައްކަތް ކުރެވޭނެ ވެރިއެއް އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަކީ. އެމަނިކުފާނު އެކުރައްވާ މަސައްކަތްޕުޅުތަކާ ދޭތެރޭގައި މުޅި ރާއްޖޭގެ ރައްޔިތުންގެ ފަހުރުވެރިވޭ. އެ ހިދުމަތުގައި އެމަނިކުފާނު ކުރިއަށް ދިޔުމަށް އެހީތެރިވެދިނުމަށް ރާއްޖޭގެ ރައްޔިތުން ތިބީ ތައްޔާރަށް،" ފަލާހު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ، ތިނަދޫ ސިޓީގެ މައްސަލަތަކަށް ހައްލު ހޯދުމަށް އެ ސިޓީގެ ރައްޔިތުންނަށް ފަހި ފުރުސަތެއް ލިބިފައިވާ ކަމަށާއި އެ މައްސަލަތަކަށް ހައްލު ލިބޭނީ ޕީއެންސީގެ ކެންޑިޑޭޓުން ހޮވައިގެން ކަމަށެވެ. އަދި މިއީ ސިޔާސީ ވާދަވެރިކަމެއް އުފައްދަންވީ ވަގުތެއް ނޫން ކަމަށާއި މިއީ ރަށަށް އެންމެ ފަހިގޮތް ހޯދަން މަސައްކަތް ކުރަންވީ ވަގުތު ކަމަށްވެސް ފަލާހު ވިދާޅުވި އެވެ.
"ކެމްޕެއިނުގައި ޓީމެއްގެ ގޮތުގައި މަސައްކަތްކޮށްފިއްޔާ އަޅުގަނޑަށް ޔަގީން އަޅުގަނޑުމެން މިއަދު މިކުރި ދިރާސާގައި ﷲގެ ރަހުމަތްފުޅުން ހުރިހާ ކައުންސިލް މެންބަރުންނާއި ޑަބްލިޔުޑީސީއާއި މޭޔަރާއި ޑަބްލިޔުޑީސީގެ ރައީސާ ﷲގެ ރަހުމަތްފުޅުން މި އިންތިހާބު ކާމިޔާބުކުރާނެ. އެއީ ޝައްކެއް އޮތް ކަމެއް ނޫން،" ފަލާހު ވިދާޅުވި އެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އޮންނާނީ އެޕްރީލް މަހުގެ 4 ގަ އެވެ.
ރައީސްގެ މަސައްކަތާއި މެދު މުޅި ރާއްޖެ ފަހުރުވެރިވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ